ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ފަތުހުﷲ ޖަމީލް އަދި ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދު އައްޔަން ކުރަން އެ ދެ ބޭފުޅުންގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ދެބޭފުޅުންގެ ނަން ދިރާސާ ކުރަން އިގްތިސާދީ ކޮމިޓީ އަށް ފޮނުވައިފަ އެވެ.
ފަތުހުﷲ މިހާރު މަސައްކަތް ކުރައްވަނީ ދިރާގުގަ އެވެ. ނާޝިދު މިހާރު ވެސް އުޅުއްވަނީ ކަސްޓަމްސްގަ އެވެ. އޭނާ ކަސްޓަމްސް ގައި މަސައްކަތް ކުރައްވާތާ 18 އަހަރު ވެއްޖެ އެވެ.
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލެއްވި ހަ ބޭފުޅުންގެ ނަން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފަ އެވެ. އެއީ:
1- މުހައްމަދު ސިރާޖު މުނީރު- ނިއުލައިޓް/ ފުވައްމުލައް، ދަނޑިމަގު.
2- އަސްމާ ޝަފީއު- ވައިޖެހޭގެ/ ހއ. އިހަވަންދޫ.
3- އިސްމާއިލް ސާޖިދު- މއ. ވިލާރޮދި.
4- އަހުމަދު ޝަރީފް- އަނބުގަސްދޮށުގެ/ ނ. މަނަދޫ.
5- އަހުމަދު ވާފިރު- ވ. އެލަމް.
6- ހަމްދީ އަގީލް- ހ. ރަންގަލި (4).
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާއި އޭނާގެ ނައިބަކަށް ކުރިމަތިލާން ރައީސް އޮފީހުން މިދިޔަ މަހު ހުޅުވައިލުމުން، ކޮމިޝަނާގެ މަގާމަށް ދެ ބޭފުޅަކު އަދި ޑެޕިއުޓީ ކޮމިޝަނަރަކަށް ހަ ބޭފުޅަކު ކުރިމަތިލެއްވި އެވެ.
މީރާ މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ. މީރާގެ ގާނޫނަށް ގެނައި އިސްލާހު މިދިޔަ މަހުގެ 12 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވިއިރު، އެ އިސްލާހު ބުނާ ގޮތުން 30 ދުވަހުގެ ތެރޭގައި މީރާ އަށް ވެރިން އައްޔަން ކުރަން ޖެހެ އެވެ.
އެކަމަކު އެކަން ނުވެ އުޅެނިކޮށް ގާނޫނުގައި ބުނާ އެ މުއްދަތު މިދިޔަ ހޮނިހިރު ދުވަހު ވަނީ ހަމަވެފަ އެވެ.
ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޔަޒީދު މުހައްމަދެވެ. ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވީ ހަސަން ޒަރީރެވެ.