ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު: އެމަނިކުފާނުގެ މައްޗަށް ދެވަނަ ފަހަރަށް ދައުވާ ކޮށްފައިވާތީ އެ މައްސަލާގައި ގިނަ ސުވާލުތަކެއް ދައުލަތަށް ވަނީ އަމާޒުވެފައި -- ފޮޓޯ/މިހާރު
17 އޮކްޓޯބަރ 2019 - 15:29
ސުޕްރީމް ކޯޓުގެ ފޯނަކުން އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ ދެ ބޭފުޅެއްގެ ފޯނަށް ފައިސާ ޓްރާންސްފާ ކުރި ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް ދެވަނަ ފަހަރަށް ދައުވާ ކޮށްފައި ވާތީ، އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގައި ސުވާލުތަކެއް ދައުލަތަށް އަމާޒުވެއްޖެ އެވެ.
އަލީ ހަމީދުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އޭނާ ހުންނެވިއިރު 2011 ވަނަ އަހަރުގެ ތެރޭގައި އެ ކޯޓުގެ ނަމުގައި އޮތް ފޯނު ނަމްބަރަކުން އަލީ ހަމީދުގެ ދެ ބޭފުޅެއްގެ ފޯނަށް 2،200 އަށް ވުރެ ގިނަ ރުފިޔާ ޓްރާންސްފާ ކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގައި އަލީ ހަމީދުގެ މައްޗަށް ކުރަނީ ސަރުކާރުގެ އެއްޗެއް އަމިއްލަ ފައިދާ އަށް ބޭނުން ކުރެއްވި ކަމުގެ ދައުވާ އެވެ.
އެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގަކަށް ފަހު ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވުމުން، އެ ކޯޓުން ކުރިން ނިންމާފައި އޮތީ އެ މައްސަލަ ބެލެން ނެތް ކަމަށެވެ. އެހެންވެ، އޭރު އެ މައްސަލަ ދައުލަތުން އޭސީސީ އަށް އަނބުރާ ފޮނުވާލާފައި އޮތުމަށް ފަހު، އަނެއްކާވެސް ދައުވާކުރަން އޭސީސީން ފޮނުވުމުން ދެވަނަ ފަހަރަށް އަލީ ހަމީދުގެ މައްޗަށް ދައުވާކުރީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.
އެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި، އެ މައްސަލަ ކޯޓުން އަނބުރާ ފޮނުވާލާފައި ވަނިކޮށް، އަލުން ދައުވާކުރި ސަބަބާ މެދު އަލީ ހަމީދުގެ ވަކީލް ސުވާލު އުފެއްދެވި އެވެ. އެކަމާ ގުޅިގެން، އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، އަލުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެ ބަލައިގަތީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އެކަމާ މެދު މަޝްވަރާ ކުރެއްވުމަށް ފަހު އަދި މައްސަލާގެ ކަން ހިނގާފައިވާ ގޮތަށް ވެސް ބެލުމަށް ފަހު ކަމަށެވެ.
އެ މައްސަލަ ނުބެލޭނެ ކަމަށް ކޯޓުން ކުރިން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފް ނުކުރި ސަބަބާ މެދު އިސް ގާޒީ ހައިލަމް ދައުލަތާ ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ އެ ނިންމުން އޭރު އިސްތިއުނާފް ނުކުރީ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމަކީ އިސްތިއުނާފް ކުރަންޖެހޭ ފަދަ ނިންމުމަކަށް ނުވާތީ ކަމަށެވެ.
ދައުލަތުން އެގޮތަށް ބުނުމުން އިސް ގާޒީ ވަނީ އިސްތިއުނާފް ކުރަން ނުޖެހޭނެ ކަމަށް ދެކެނީ ކީއްވެގެންތޯ އާއި އެކަމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ދައުރަކީ ކޮބައިތޯ ސުވާލު ކުރައްވައިފަ އެވެ.
ދައުލަތުން ބުނިގޮތުގައި، އޭސީސީން ދެވަނަ ފަހަރަށް ވެސް އެ މައްސަލައިގައި ދައުވާކުރަން އެދި ފޮނުވުމުން އެ މައްސަލަ ކޯޓަށް ހުށަހެޅީ އެވެ. ފުރަތަމަ އެ މައްސަލަ ކޯޓުން ނުބެލޭނެ ކަމަށް ނިންމުމުން، އޭރު އެ މައްސަލަ އޭސީސީ އަށް އަނބުރާ ފޮނުވާލީ ވަކި ގޮތެއް ކަނޑަނާޅާ ކަމަށް ދައުލަތުން ބުންޏެވެ.
މީގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ ދަށުން އެ މައްސަލައިގައި ދައުވާ ކޮށްފައިވާތީ އެކަން ނުކުރެވޭނެ ކަމަށް އަލީ ހަމީދުގެ ވަކީލް ވިދާޅުވި އެވެ. ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނަކީ ޚާއްސަ ގާނޫނެއް ނޫން ކަން ފާހަގަ ކުރައްވައި، ވަކީލް ވިދާޅުވީ ޚާއްސަ ގާނޫނުތަކުގައި ހުރި ކުށްތައް ފިޔަވައި އެހެން ކުށްތަކުގައި ދައުވާ ކުރެވޭނީ ގާނޫނުުލް އުގޫބާތުގެ ދަށުން ކަމަށެވެ. އަދި ގާނޫނުލް އުގޫބާތުގައި އެފަދަ ކުށެއް ނެތް ނަމަ، އެކަމެއް ކުށަކަށް ނުވަނީ ކަމަށް ބަލަންޖެހޭ ކަމަށް އޭނާ ވިިދާޅުވި އެވެ.
ރައްދުގައި ދައުލަތުން ބުނީ ޚާއްސަ ގާނޫނަކަށް ނުވިޔަސް، ގާނޫނުލް އުގޫބާތުގައި ބަޔާން ކޮށްފައި ނެތް ކުށްތަކާ ގުޅިގެން އެހެން ގާނޫނުތަކުގެ ދަށުން ދައުވާ ކުރެވޭނެ ކަމަށާއި އެގޮތަށް މިހާރު ވެސް އަމަލުކުރާ ކަމަށެވެ.
އެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އަލީ ހަމީދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނަމުގައި ނަގާފައި އޮންނަ ސިމް އެމަނިކުފާނުގެ ފޯނަށް ލައްވާފައި އޮއްވައި އެމަނިކުފާނަށް އެނގިވަޑައިނުގެން އެ ފޯނުން ފައިސާ ޓްރާންސްފާކުރީ އޭނާގެ ބޭފުޅުން ކަމަށެވެ. އެކަން އެނގިވަޑައިގަތުމާ އެކު، އެ ބިލްތަކަށް އަމިއްލަ އިސް ނެންގެވުމުގައި ސުޕްރީމް ކޯޓަށް ފައިސާ ދައްކަވާފައިވާނެ ކަމަށް އަލީ ހަމީދު ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެ ފަރާތަށް ވެސް ފުރުސަތު ދެއްވުމަށް ފަހު އެވެ.
އަލީ ހަމީދުގެ މައްޗަށް އެ މައްސަލައިގައި ދައުވާ ކުރާއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެމަނިކުފާނު ހައްޔަރުކޮށް، ޖަލަށްލި އެވެ. އެ މައްސަލާގައި އެމަނިކުފާނަށް އިއްވި ހުކުމުގެ މުއްދަތު ހަމަވެ، ދާދި ފަހުން ވަނީ މިނިވަން ވެފަ އެވެ. އަދި ދެން އެ މައްސަލާގައި ކުރި ދައުވާތައް އޮތީ އަނބުރާ ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީކޮ
17 October 2019
ވެރިކަން ހޯދަދިން މީހާއާދޭތެރޭވެސް ހަދާ އިހާނެތި ގޮތް މިހިރީ. ޔާމީނު ރާއްޖެ ކިހާ ރީތިކޮށް ތަރައްގީ ވަމުން ދިޔައީ. ފުރަތަމަ އަހަރުވެސް އިގުތިސާދު 7.1 ޕަސެންޓް މައްޗައް ދިޔައީ، މިސަރުކާރުގައި 5 ޕަސަންޓަށް ވުރެ ބޮޑަށް ދަށައް މިދިޔައީ ފުރަތަމަ އަހަރު. ގައުމު ވީރާނާ ވަމުން މިދަނީ
ދައްތި
17 October 2019
ޔާމީން ސަރުކާރުން، ފުރަތަމަ ޙަމީދުމެން ޖަލަށ ލީ، ދެން އޮތިއްޔާ އޮތްހާ މައްސަލައެއްގައި ދަޢުވާކުރަން ކޯޓަށް ހުށަހެޅީ. ހަމަ އެދަނޑިވަޅުގައި އިއްތިފާޤަކުން އޭސީސީ އިން ތި މައްސަލަ މުރާޖާކުރަންޖެހޭ ކަން ވިސްނިގެން އަލުން ޕީޖީއަށް ފޮނުވީ. ހަމަ ފޮނުވާއިރަށް ޓަސްލާފައި ޕީޖީން ބަލައިވެސް ގަތީ. ކުރިން އެ މައްސަލަ ނުބެލޭނެކަމަށް ކޯޓުން ބުނީމަ ޕީޖީން ވެސް މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވީ. އޭރު ޕީޖީން ކިޔާނެ އެއްޗެއް ނެތް. ހައްތަހާވެސް އިއްތިފާޤު ދެއްތޯ؟
ހަޒާނާ
17 October 2019
ވެރިކަމް ލިބުނީމަ ރާގު ބަދަލު ވީ އެވެ .
ހިގޮ
17 October 2019
އެއްމެނަށް ވެސް އިގޭ އަލީ ހަމީދަކީ ވަރަށް ސާފް"ހުދުފޭރާމުގެ މީހެއްކަން