އަލިފާންގަނޑު ނިއްވާލީ ޕެންޝަން އޮފީހުގެ ފަޔާ ޑްރިލްގައި ހަރަކާތްތެރިވި ސިފައިން

މާލޭގައި ހުންނަ ކެފޭއެއްގެ ބަދިގެ ތެރޭގައި ހުރި ގޭސްފުޅިއެއް ގުޅަން އުޅުމުގެ ތެރޭގައި މިއަދު ހަވީރު ރޯވި އަލިފާންގަނޑު ނިއްވައިލީ، އެ ކެފޭ ކައިރީގައި ހުންނަ ޕެންޝަން އޮފީހުގެ މުވައްޒަފުންނަށް ފަޔާ ޑްރިލްއެއް ހަދަމުން ދިޔަ ސިފައިން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.


މިއަދު ހަވީރު ހައެއް ޖަހަން އުޅެނިކޮށް، އަލިފާނުގެ ހާދިސާ ހިނގީ ޗާންދަނީ މަގުގައި ހުންނަ ގްރީން މޫން ކެފޭގަ އެވެ. މި ހާދިސާ ހިނގިއިރު، އެ ކެފޭގެ ބަދިގޭގައި ތިބި ދެ ބިދޭސީއަކު ތިއްބެވެ. އެ މީހުންނަށް އެއްވެސް އަނިޔާއެއް ނުވެ އެވެ. އެކަމަކު ބަދިގެ އަށް ގެއްލުންވި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، ބަދިގޭގައި އަލިފާން ރޯވެގެން އުޅުނު ވަގުތު، ޕެންޝަން އޮފީހުގެ މުވައްޒަފުންނަށް ސިފައިން ދިޔައީ އަލިފާން ނިއްވާނެ ގޮތުގެ ތަމްރީނު ދެމުންނެވެ. އަދި ހަމަ އެ ވަގުތު، ގްރީން މޫން ކެފޭގެ ބަދިގޭގައި ރޯވި އަލިފާންގަނޑު ނިއްވައިލީ ފަޔާ ޑްރިލް ދަސްކޮށްދޭން ތިބި ސިފައިންގެ މަސައްކަތުން އެންމެ ތިން މިނިޓުގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މާލޭގައި ދާދި ފަހުން ކެމިކަލް ގުދަންތަކެއްގައި ރޯވެ، އަދި ލޯންޗަކަށް ތެޔޮ އަޅަމުން ދަނިކޮށް އެ ލޯންޗާއި ބައުޒަރުތަކެއްގައި ރޯވެ އަލިފާނުގެ ބޮޑު ދެ ހާދިސާއެއް ވަނީ ހިނގައިފަ އެވެ.