ހޯމް މިނިސްޓަރު އިމްރާން މިއަދު "މިހާރު" އާ ވާހަކަ ދައްކަވަނީ.

އަނިޔާވެރި އަމަލުތަކަށް ގޮވާލާ މީހުންނަށް ފިޔަވަޅު އަޅާނެ: ހޯމް މިނިސްޓަރު

މީހުން މަރަން ގޮވާލުމާއި އަނިޔާވެރި އަމަލުތައް ހިންގާ މީހުންނާއި އެފަދަ އަމަލުތަކަށް ހިތްވަރު ދޭ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ އުވާލަން ދަނީ ގޮވާލަމުންނެވެ. ސަރުކާރުން ފިޔަވަޅު އެޅުން ލަސްކަމަށް ބުނެ ނުރުހުން ފާޅުކުރަން ބާއްވާ ބައެއް އެއްވުންތަކާއި ސޯޝަލްމީޑިއާ ގައި ވެސް ދަނީ އެ ޖަމިއްޔާގެ މީހުންނާއި ސަރުކާރުގެ އެކި ބޭފުޅުން ވެސް މަރަން ގޮވާލަމުންނެވެ.

ފާޅުގައި މީހުން މަރައި އަންދަން ގޮވަމުންދާ އިރު ހޯމް މިނިސްޓަރު އިމްރާން އެކަށީގެންވާ ފިޔަވަޅެއް ނާޅުއްވާތީ އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.

މިނިސްޓަރު އިމްރާން "މިހާރު" އަށް މިއަދު އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މި މައްސަލައިގައި "މިހާރު"ން ދެންނެވި ސުވާލަކާ ގުޅިގެން އިމްރާން ވިދާޅުވީ އަނިޔާވެރިކަމަށް ހިތްވަރުދީ މީހުން މަރަން ގޮވާލަމުންދާ މައްސަލަތަކާ މެދު ވެސް ވަގުތުން ވަގުތަށް އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަންނަނީ އަޅަމުން ކަމަށެވެ. އަދި އެކަމުގައި ރައްޔިތުންނަށް ދޭން ޖެހޭ މައުލޫމާތާއި ހިއްސާކުރަން ޖެހޭ ކަންކަން ވެސް ހިއްސާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެކަމުގައި ފުލުހުން އެއްގޮތަކަށް ވެސް ފަސްޖެހުމެއް ނުވޭ. ފުލުހުންގެ އެ ޒިންމާ އާއި މަސްއޫލިއްޔަތު ފުރިހަމަ އަށް އަދާކުރައްވަމުން ގެންދަވާ ކަމާ ދޭތެރޭގައި އަޅުގަނޑުގެ ޔަގީންކަން އެބައޮތް. --އިމްރާން

ދިވެހި ރައްޔިތުންގެ ދީނަކީ އިސްލާމްދީން ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ދީނީ ހަމަޖެހުން ގާއިމްވެފައި އޮތުމަކީ ސުލްހަމަސަލަސްކަމަށް އެންމެ މުހިއްމު އެއް ކަންތައް ކަމަށެވެ. ދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ހިންގަމުން ގެންދިއުމާއި ދީނަށް ކުޑައިމީސްކަން ރައްދުވާ ގޮތަށް ރާއްޖޭގައި ކަންކަން ހިނގައި ދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެ ކަންކަން ހަމަމަގަށް އެޅުވުމަށްޓަކައި މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން ކުރާނެ ކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް ވެސް އަރުވަން.

އިމްރާން ވިދާޅުވީ މިނިސްޓަރެއްގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާތަކަކާއި މަސްއޫލިއްޔުތަކެއް އެބަހުރި ކަމަށާއި އެ ކަންކަން ދީނީ އަދި ގާނޫނީ މިންގަނޑުގެ ތެރެއިން ފުރިހަމަ އަށް އަދާކުރައްވަމުން ގެންދަވާނެ ކަމަށެވެ. މި ފަހުން ކުރިމަތިވި މައްސަލަތަކުގައި ދީނީ އިލްމުވެރިންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަޑު އައްސަވައި އެކަމާ މެދުގައި އެ ބޭފުޅުންނާ މަޝްވަރާ ކުރައްވައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައިވާ ކަން އިމްރާން ފާހަގަކުރެއްވި އެވެ.

"ރާއްޖޭގައި ސައްހަ އިސްލާމީ އަގީދާ އަދި އިސްލާމީ ވަހުދަތު ކަށަވަރު ކުރުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް މަސައްކަތް. އަދި އަޅުގަނޑުގެ ވެސް އެއް މެންޑޭޓު، ރައްޔިތުންގެ ސުލްހަމަސަލަސްކަން ގާއިމްވެ ރައްޔިތުންގެ ހަމަޖެހުމާއި ސަލާމަތްތެރިކަން ކަށަވަރު ކުރުމަކީ އަޅުގަނޑު އަދާކުރަން ޖެހޭ ޒިންމާއެއް،" އިމްރާން ވިދާޅުވި އެވެ.

ދީނުގެ ނަމުގައި ހަރުކަށި ގޮތުން ކަމަށް ވިޔަސް އަދި ދީނަށް ފުރައްސާރަކޮށް ދީނަށް ކުޑައިމީސް ބަސްތައް ރައްދުކުރުން ކަމަށް ވިޔަސް އުފެދިގެންދާނެ ހަމަނުޖެހުންތަކަކީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ގާނޫނުގެ ތެރެއިން ހުއްޓުވާނެ ކަންކަން. --އިމްރާން

މިނިސްޓަރު ވިދާޅުވި ގޮތުގައި އޭނާއާ ހަވާލުކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތުތައް ގާބިލްކަން ތަންދިން މިންވަރަކުން އެންމެ ފުރިހަމަ އަށް ގެންދަވަނީ އަދާކުރައްވަމުންނެވެ. އެއްވެސް ކަމެއްގައި އިހުމާލުވެވަޑައިގެންފައި ނުވާނެ ކަން މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރައްވާ ގޮތް ގާތުން ފެނިވަޑައިގަންނަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.