ޖިއާންގެ މަރު: ދެ ބިދޭސީއަކު ޖަލަށް، ތިން މީހަކު ޖޫރިމަނާކުރަން ހުކުމްކޮށްފި

މިދިޔަ ޑިސެމްބަރު މަހު، މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި އުމުރުން ހަތް އަހަރުގެ ކުޑަކުއްޖަކު މަރުވި މައްސަލައިގައި އެކަކު ހަ އަހަރަށް ޖަލަށްލައި، އިތުރު މީހަކު ތިން އަހަރަށް ޖަލަށްލުމުގެ އިތުރުން އިތުރު ތިން މީހަކު ޖޫރިމަނާކޮށް، ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން ހަދަމުންދާ އިމާރާތަކަށް ސިމެންތި ބަސްތާއެއް އަރުވަމުން ދަނިކޮށް، މައިންބަފައިންނާ އެކު މަގުމަތިން ހިނގާފައި ދިޔަ ބަންގްލަދޭޝްގެ ރައުޝަން ޖިއާންގެ ގަޔަށް އެ ބަސްތާ ވެއްޓި އޭނާ މަރުވި މައްސަލައިގައި ދައުލަތުން ދައުވާކުރީ އިންޑިއާގެ ހަތަރު މީހަކާއި އެ ކުންފުނީގެ ސުޕަވައިޒަރު ދަފްތަރު ނަމްބަރު 8424 މޫސާ ހަސަން އާއި ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު ދަފްތަރު ނަމްބަރު 7198 އާދަމް ޝަފީގްގެ މައްޗަށެވެ. އޭގެ ތެރެއިން ޝަފީގް ފިޔަވައި، އެހެން އެންމެންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ކުށް ސާބިތުވި މީހުންގެ ތެރެއިން ޖަލަށްލީ ދެ ބިދޭސީ އެކެވެ.

ދެން ތިބި މީހުންގެ ތެރެއިން މޫސަގެ މައްޗަށް 115،200ރ. ގެ ޖޫރިމަނާގެ އަދަބެއް އިއްވިއިރު، ދެ ބިދޭސީންނަށް އިއްވީ 7،200ރ. ގެ ޖޫރިމަނާގެ އަދަބެކެވެ.

ވިންޗް އޮޕަރޭޓް ކުރި މީހާ އާއި އޭނާ އަށް އެހީވި މީހާ

ޖަލަށްލާން ހުކުމްކުރީ ސިމެންތި ބަސްތާ މައްޗަށް ނަގަމުން ދިޔައިރު، ވިންޗް އޮޕަރޭޓް ކުރަން ހުރި ރައްޖާވް އަލީ އާއި އޭނާ އަށް އެހީތެރިވާން ހުރި މުތުމަނި ރަމަޗަންދުރަންގެ މައްޗަށެވެ. މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ ރައްޖާވްގެ މައްޗަށް ސާބިތުވާތީ އޭނާ ހަ އަހަރަށް ޖަލަށްލާން ހުކުމް ކުރިއިރު، މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއްގައި ބައިވެރިވުމުގެ ކުށް ސާބިތުވާތީ މުތުމަނިގެ މައްޗަށް އިއްވީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

އެ މައްސަލަ ބެއްލެވި ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ، އެ ހާދިސާ ހިނގިއިރު މަތީގައި ހުރެގެން ރައްޖާވް ވިންޗް އޮޕަރޭޓް ކުރުމުގެ މަސައްކަތް ކުރަމުން ދިޔައީ އޭނާއާ އެ މަސައްކަތް ހަވާލު ނުކުރަނީސް އަމިއްލަ އަށް ކަން ސާބިތުވާ ކަމަށެވެ. އެ މަސައްކަތް ކުރަމުން ދިޔައިރު، އެތަނުގެ ސަލާމަތީ ކަންކަން ހުރި ގޮތުން، މަގުމަތިން ހިނގާ މީހެއްގެ ގަޔަށް އެއިން ބަސްތާއެއް ވެއްޓުމުގެ ނުރައްކާ އޮތް ކަމަށާއި އަދި އެފަދަ ނުރައްކަލެއް އޮތްކަން އެނގި ހުރެ އޭނާ އެ މަސައްކަތް ކުރި ކުރުމަކީ އޭނާ ކުރި ފަރުވާ ކުޑަ އަމަލެއް ކަމަށް ގާޒީ ވިދާޅުވި އެވެ.

ރައްޖާވް ކުރި ފަރުވާ ކުޑަ އަމަލުގެ ސަބަބުން ނުކުމެފައިވާ ނަތީޖާ އަކީ ޖިއާން މަރުވުން ކަމަށް ވާތީ އޭނާ ކުރި އަމަލާއި އޭގެ ނަތީޖާ ގުޅިފައި ވުމުން މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ވިންޗް އޮޕަރޭޓް ކުރަން ރައްޖާވާ ހަވާލު ނުކުރަނީސް، އޭނާ އެ މަސައްކަތް ކުރިއިރު އެކަމުގައި މުތުމަނި އެހީތެރިވެފައިވާ ކަން ސާބިތުވާ ކަމަށާއި އަދި އޭނާ އެ އަމަލު ކުރީ އެތަނުގެ ސަލާމަތީ ކަންކަން ހުރިގޮތުން، ބަސްތާ ވެއްޓި މީހަކަށް އަނިޔާވުމުގެ ފުރުސަތު އޮތްކަން އެނގި ހުރެ ކަމަށް ވެސް ގާޒީ އަލީ ރަޝީދު ވިދާޅުވި އެވެ. އޭނާ ވެސް ކުރި އަމަލާއި ނުކުތް ނަތީޖާ ގުޅިފައިވާތީ މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއްގައި ބައިވެރިވުމުގެ ކުށް މުތުމަނިގެ މައްޗަށް ވެސް ސާބިތުވާ ކަމަށް ގާޒީ ނިންމެވި އެވެ.

ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ދައުވާ ލިބޭ މީހުންގެ ވަކީލް ހުސައިން ޝަމީމް އެދިވަޑައިގަތީ ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ ބާވަތް ބަދަލުކޮށް، އެ ދެ މީހުންނަށް ޖޫރިމަނާގެ އަދަބެއް ކަނޑައަޅައި ދެއްވުމަށެވެ. އަދި، ފަނޑިޔާރަށް ލިބޭ ބާރުގެ ދަށުން އަދަބުގެ ދަރަޖަ ދަށްކޮށް ދިނުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

އެކަމަކު، ދައުލަތުން އެކަމާ ދެކޮޅު ހެދި އެވެ. ދައުލަތުން ބުނީ ޖޫރިމަނާ އަށް ބަދަލުކޮށްފި ނަމަ ބޮޑު ޖޫރިމަނާއެއް އަންނާނެ ކަމަށެވެ. އަދި އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ވުރެ އަދަބުގެ ދަރަޖަ ދަށް ކުރެވޭނެ ގޮތެއް ގާނޫނީ ގޮތުން އެ ދެ މީހުންގެ މައްސަލާގައި ނެތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ތަރުޖަމާނެއްގެ އެހީގައި އަމިއްލަ އަށް ވާހަކަ ދައްކަމުން މުތުމަނި ބުނީ އޭނާ ކައިވެނި ކުރަން ހަމަޖެހި، އެކަމަށް ތައްޔާރުވަމުންދާ ކަމަށާއި މިހާރު އޭނާ ޖަލަށްލައިފި ނަމަ ގެއްލުންވާނެ ކަމަށެވެ. އޭނާ އެ ވާހަކަ ދައްކަމުން ދިޔައިރު މޫނުމަތިން ކޮންމެވެސް ވަރަކަށް ހާސްކަން ފެނުނެވެ.

އެކަމަކު ދައުލަތުން ޖޫރިމަނާގެ އަދަބަކަށް ބަދަލު ކުރަން ދެކޮޅު ހަދާފައިވާތީ ގާޒީ ނިންމެވީ ގާނޫނުލް އުގޫބާތުގައި ބުނާ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑާ އެއްގޮތަށް ރައްޖާވް ހަ އަހަރަށް ޖަލަށް ލުމަށާއި އަދި މުތުމަނި ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށެވެ.

ސުޕަވައިޒަރުގެ ބައި

ޑަބްލިއު ކޮންސްޓްރަކްޝަންގެ ސައިޓްގެ ސުޕަވައިޒަރު މޫސަގެ މައްޗަށް ކުރި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާއާ ގުޅިގެން ގާޒީ އަލީ ރަޝީދު ވިދާޅުވީ، އެތަނުގައި ސަލާމަތީ ކަންކަން ފުރިހަމަ ކުރުމުގައި ސައިޓްގެ ސުޕަވައިޒަރުގެ ހައިސިއްޔަތުން މޫސަ އިހުމާލުވި ކަން ސާބިތުވާ ކަމަށެވެ.

އިމާރާތް ކުރުމުގައި ޕްލޭނިން ގަވާއިދު ލާޒިމްކުރާ ކަތި ބިއްގަނޑުގެ ބައެއް ނައްޓާލައިގެން ބަސްތާތައް މައްޗަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ދިޔައިރު، އެ ސަރަހައްދުގެ މަގުމަތީގައި ބޯޑު ބަހައްޓާފައި ހުރީ އެންމެ ފަރާތެއްގައި ކަމަށާއި އެ ވަގުތު ވެސް އެތަނުން މީހުން ހިނގަމުން ދިޔަކަން އެނގޭ ކަމަށް ގާޒީ ވިދާޅުވި އެވެ. މަގުމަތިން އެކި އުމުރުގެ މީހުން ހިނގާއިރު، އެ މީހުންނަށް ކުރިމަތިވެދާނެ ނުރައްކަލަކާ މެދު މެދު ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅި ނަމަ، އެ ހާދިސާ ކުރިމަތިވުމުގެ ފުރުސަތު ނެތީސް ކަން ފާހަގަކުރައްވަމުން ގާޒީ އަލީ ރަޝީދު ވިދާޅުވީ، އިހުމާލުގެ އުންސުރުތައް މޫސަގެ މައްސަލާގައި ފުރިހަމަވާ ކަމަށެވެ. އަދި އޭނާ އަކީ އެ ކުންފުނީގެ ސުޕަވައިޒަރު ކަން އެނގޭނެ ހެއްކެއް ނެތް ކަމަށް ދިފާއުން ކުރިން ބުނެފައި ވިޔަސް، އެއީ ސުޕަވައިޒަރު ކަން ހެކިތަކުން ސާބިތުވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މޫސަގެ މައްޗަށް ސާބިތުވި ކުށުގެ އަސާސީ އަދަބު ކަމަށްވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލުކޮށް ދިނުމަށް ވަކީލް ޝަމީމް އެދިވަޑައިގަތެވެ. އެއީ އޭނާގެ ދެ ކުދިން ތިބުމާއި އެއް ކުއްޖަކީ ބަލި ކުއްޖެއް ކަމަށް ވާތީ އެވެ. އަދި އެ ހާދިސާ ހިނގީ ވެސް ސައިޓްގައި މޫސަ ހާޒިރުވެ ނެތީސް ކަން ޝަމީމް ފާހަގަ ކުރެއްވި އެވެ.

މޫސަގެ އަދަބު ޖޫރިމަނާ އަށް ބަދަލު ކުރަން ދައުލަތުން ދެކޮޅެއް ނުހެދި އެވެ. ދައުލަތުން ހަމައެކަނި ބުނީ ޖޫރިމަނާ އަށް ބަދަލު ކުރުމާއި ނުކުރުން އެއީ ކޯޓުގެ ބާރެއް ކަމަށާއި އެކަމާ މެދު ދައުލަތުން ބުނަން ޖެހޭ އެއްޗެއް ނެތް ކަމަށެވެ. އެކަމަކު، ޖޫރިމަނާ އަށް ބަދަލު ކުރާ ނަމަ، އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް އަރާނެތީ، އެއީ މޫސަ އަށް ދެއްކޭނެ އަދަދެއްތޯ ކޯޓުން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ރައްދުގައި ޝަމީމް ވިދާޅުވީ ޖޫރިމަނާގެ އަދަދު ދެއްކޭނެ ކަމަށެވެ. އަދި ޖޫރިމަނާ ދެއްކިދާނެ ކަމާ މެދު ދައުލަތުން އެހާ ކަންބޮޑުވާ ނަމަ، ޖޫރިމަނާ ދެއްކުމަށް ދޭ ފުރުސަތުގައި އެ ފައިސާ ނުދެއްކިއްޖެ ނަމަ، އޭގެ ފަހުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލިޔަސް މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި، ޖޫރިމަނާ ނުދެއްކުމުން އަނެއްކާ ޖަލު ހުކުމަކަށް ބަދަލު ކުރެވޭނެ ގޮތެއް ގާނޫނުގައި ނެތެވެ. އަދަބު ކަނޑައެޅުމުގެ މަރުހަލާގައި އިހްތިޔާރު ކުރަން ޖެހޭނީ ކޮންމެވެސް އެއް ގޮތެއް ކަމަށް ގާޒީ ވިދާޅުވި އެވެ.

މޫސަގެ އަދަބު ޖޫރިމަނާ އަކަށް ބަދަލު ކުރަން ދައުލަތުން ދެކޮޅު ނުހަދާތީ، ގާނޫނުލް އުގޫބާތުގައި ބުނާ އަދަބުގެ ބާވަތް ބަދަލު ކުރުމުގެ ތާވަލްގައި އޮތް މިންގަނޑުން ހިިސާބު ހެދުމަށް ފަހު، އަދަބެއްގެ ގޮތުން، 115،200ރ. އިން އޭނާ ޖޫރިމަނާ ކުރަން ގާޒީ ނިންމެވީ އެވެ. އަދި އެއް މަސް ތެރޭގައި އެ ފައިސާ ދައުލަތަށް ދައްކަން މޫސަގެ މައްޗަށް ހުކުމް ކުރައްވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ބަސްތާ މައްޗަށް ފޮނުވަން ތިބި ދެ މީހުން

މަގުމަތީގައި ތިބެގެން ބަސްތާ މައްޗަށް ފޮނުވުމުގައި ހަރަކާތްތެރިވި ދެ މީހުން ކަމަށްވާ ކެޝަރިލަލް ޗައުހާން އާއި ގުލަމް މުހައްމަދުގެ މައްޗަށް، ކުރިމަތިވެދާނެ ކަން އެނގޭ ނުރައްކަލެއްގެ އިންޒާރު ނުރައްކަލުގައިވާ މީހާ އަށް ނުދިނުމުގެ ދައުވާއާ ގުޅިގެން ގާޒީ އަލީ ރަޝީދު ވިދާޅުވީ، އެ ދެ މީހުން އެ މަސައްކަތުގައި ތިބިއިރު އެތަނުގެ ދަށުން މަގުމަތިން ގިނަ ބަޔަކު ހިނގާފައި ދިޔައިރު ވެސް އެކަން ހުއްޓުވަން ނުވަތަ ސަމާލު ކުރުވަން އެއްވެސް މަސައްކަތެއް ނުކުރާ ކަން ސާބިތުވާ ކަމަށެވެ.

އެތަނުގެ ދަށުން ހިނގާ މީހުންނަށް ނުރައްކަލެއް އޮތްކަން އެ ދެ މީހުންނަށް އެނގޭއިރު، މަރުވި ރައުޝަން އެ ދެ މީހުންގެ ކައިރިން ހިނގާފައި ދިޔައިރު ވެސް އެކަމާ މެދު ސަމާލު ކުރުވަން އެއްވެސް މަސައްކަތެއް އެ މީހުން ނުކުރާކަން ވީޑިއޯއިން އެނގޭ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ކުރިމަތިވެދާނެ ކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، ނުރައްކަލުގައިވާ މީހާ އަށް ނުދިނުމުގެ ކުށުން އެ ދެ މީހުން ވެސް ކުށްވެރިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ ކުށަށް ގާނޫނުލް އުގޫބާތުގައި އޮންނަ އަދަބަކީ އެއް މަހާއި ހަ ދުވަސް ކަމަށް ވާތީ އާއި އެއީ އެންމެ ކުޑަ ދަރަޖައިގެ ކުށެއް ކަމަށް ވާތީ ޖޫރިމަނާގެ އަދަބަކަށް އެ އަދަބު ވެސް ބަދަލުކުރަން ޝަމީމް އެދިވަޑައިގަތް އެދިވަޑައިގަތުމަށް ދައުލަތުން ދެކޮޅެއް ނުހެދި އެވެ. ދައުލަތުން އެ މައްސަލައިގައި ވެސް ދިން ޖަވާބަކީ އެއީ ކޯޓުގެ އަމިއްލަ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެކަމާ މެދު ދައުލަތަށް ބުނެވޭނެ އެއްޗެއް ނެތް ކަމަށެވެ.

ގާނޫނުލް އުގޫބާތުގައި ބުނާ ތާވަލުގެ ދަށުން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް ޖޫރިމަނާއަކަށް ބަދަލު ކުރުމުން އަންނާނީ 7،200ރ. ގެ ޖޫރިމަނާއެއް ކަމަށް ވާތީ އެ ދެ މީހުން ވެސް އެ އަދަދަކުން ޖޫރިމަނާކޮށް، ގާޒީ ހުކުމް ކުރެއްވީ އެއް މަސް ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށެވެ.

މެނޭޖިން ޑިރެކްޓަރު ޖިނާއީ މަސްއޫލިއްޔަތު އުފުލާކަށް ނުޖެހޭ

ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު ޝަފީގްގެ މައްޗަށް ކުރި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާއާ ގުޅިގެން ގާޒީ އަލީ ރަޝީދު ވިދާޅުވީ، އެ ހާދިސާ ހިނގި އިމާރާތުގެ މަސައްކަތް ކުރުމަށް މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އެއްބަސްވުމުގައި ސޮއި ކުރި ކުރުން ފިޔަވަައި އެކަމާ ގުޅިގެން ޝަފީގް ކުރި އިތުރު އެއްވެސް އަމަލެއް ދައުލަތަށް ސާބިތުކޮށް ދެވިފައި ނެތް ކަމަށެވެ. އަދި އަމަލީ ގޮތުން އެއްވެސް ކަމެއްގައި އޭނާ ބައިވެރިވެފައިވާ ކަން ސާބިތުނުވާ ކަން ވެސް ގާޒީ ފާހަގަ ކުރެއްވި އެވެ.

މަދަނީ މައްސަލަތަކާ ޚިލާފަށް ޖިނާއީ މައްސަލަތަކުގައި ކުރި އަމަލެއް އޮންނަން ޖެހޭ ކަން ފާހަގަ ކުރައްވައި، ގާޒީ ވިދާޅުވީ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އެއްބަސްވުމުގައި ސޮއި ކުރުން ފިޔަވައި އޭނާ ކުރި އަމަލެއް ނެތުމުން އެކަމުގައި އޭނާ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކަމެއް ނެތް ކަމަށެވެ. ޑަބްލިއު ކޮންސްޓްރަކްޗަންގެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ކުށް ސާބިތުވޭތޯ ކަނޑައެޅުމާއި އަދަބު ކަނޑައެޅުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލިސް ހަތަރު ގަޑިއެއްހާ އިރަށް ދިގު ދެމިގެންދިޔަ އެވެ.