ހަމަނުޖެހުމަށް ގޮވާލާ ހަރަކާތްތަކުގައި ސިވިލް ސާވިސް މުވައްޒަފުން ބައިވެރިނުވުމަށް ބާރު އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ސާވިސް ކޮމިޝަންގައި އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެ މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ ހަމަނުޖެހުމަށް ގޮވާލާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުވުމަށް ސިިވިލް ސާވިސް މުވައްޒަފުންނަށް ބާރު އަޅުއްވައި ދެއްވުމަށް ނަޝީދު އެދިވަޑައިގެންނެވީ ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށެެވެ. ނިއުޝާ ވިދާޅުވީ އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ސިވިލް ސާވިސް މުވައްޒަފުންނަށް ފުރިހަމަ އަށް ލިބިދޭކަން މަޖިލީހުގެ ރައީސް ފާހަަގަ ކުރެއްވި ކަމަށެވެ.
"ނަމަވެސް ހަމަނުޖެހުމަށް ގޮވާލާ ހިންގާ ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވިސް މުވައްޒަފުން ބައިވެރި ނުވުމަށް ސިވިލް ސާވިސް ކޮމިޝަނުން ބާރު އެޅުއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި،" އޭނާ ވިދާޅުވި އެވެ.
ސިވިލް ސާވިސް މުވައްޒަފުންނަށް ލިބިފައިވާ ހިޔާލުފާޅުކުރުމުގެ ހައްގާ ގުޅޭ ގޮތުން ސިވިލް ސާވިސްގެ ޒިންމާދާެރު އިސް ވެރިންނާއި އޮފީސްތަކުގެ އިސް ވެރިން ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތައް ހިންގަން ވެސް ކޮމިޝަނުގައި އެދިވަޑައިގެންނެވި ކަަމަށް ނިއުޝާ ވިދާޅުވި އެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުންނާ އެކު ނަޝީދު މިފަދަ މަޝްވަރާތަކެއް ކުރައްވާފައި މިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށްފައިވާ މައްސަލައިގައި އެ ޖަމިއްޔާ އުވާލަން ގޮވާލާ މުޒާހަރާތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އެމްޑީއެންގެ މީހުންނަށް ގެއްލުންދޭން އެފަދަ ބައެއް މުޒާހަރާތަކުގައި ގޮވައިލި ކަމަށް ބުނާ މައްސަލަތަކެއް ފުލުހުން އަންނަނީ ބަލަމުންނެވެ.
ފާޅުކަން ބޮޑު ގޮތެއްގައި އިސްލާމްދީނަށް ހަޖޫ ޖަހައި، ފުރައްސާރަ ކޮށްފައިވާތީ އެމްޑީއެންއާ ދެކޮޅަށް ބޭންއެމްޑީއޭ ގެ ނަމުގައި މަޝްހޫރު ބައެއް ދީނީ އިލްމުވެރިންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ސޯޝަލް މީޑީއާ އާއި އެހެނިހެން ޕްލެޓްފޯމްތަކުގައި މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީ އަދި ސަރުކާރު ހިންގާ ކޯލިޝަންގެ އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ފާހަގަކުރެވެ އެވެ. އެ މީހުން މައިގަނޑު ގޮތެއްގައި ގޮވާލަމުން ދަނީ އެ ޖަމިއްޔާ އުވައިލުމަށާއި އިސްލާމްދީނަށް ހަޖޫ ޖަހައި ރިޕޯޓު ލިޔުނު މީހުންނަށް ފިޔަވަޅު އެޅުމަށެވެ.
އެ ރިޕޯޓު ލިޔުނު މީހުން ރާއްޖެ އިން ބޭރުގައި ދިރިއުޅޭ އިރު، އޭގެ ތެރެއިން ޝަހިންދާ އިސްމާއިލް އާއި އަޒްރާ ނަސީމް ފުލުސް އޮފީހަށް ހާޒިރުވުމަށް ދެ ހަފުތާގެ ނޯޓިސް ދީ، ޗިޓު ފޮނުވާފައިވާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފަ އެވެ. އެ ދެ މީހުން ވެސް އުޅެނީ ރާއްޖެ އިން ބޭރުގަ އެވެ.