ޓެކްސް ނަގަންޖެހޭނީ ވިޔަފާރިތަކަށް ދަތިނުވާ ގޮތަށް: ސަލީމް

ސަރުކާރުން ޓެކްސްތައް ނަގަން ޖެހޭނީ ވިޔަފާރިތަކަށް ދަތިނުވާ ގޮތަށާއި ވިޔަފާރިތައް ކުރިއަރާނެ ނިޒާމެއް ސަރުކާރުން ގާއިމުކޮށްދޭ ގޮތަށް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އާމްދަނީން ޓެކްސް ނެގުމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވައި ސަލީމް ވިދާޅުވީ އިންކަމް ޓެކްސް ނަގަން ވިސްނާ އިރު، މިހާރު ޓެކްސްތައް ނަގަމުން ދަނީ އެންމެ ރަނގަޅަަށްތޯ ވިސްނަން ޖެހޭ ކަމަށެވެ. އޭގެ ފަހުގައި ސަލީމް މިސާލު ނެންގެވީ ކަސްޓަމް ޑިއުޓީގެ ގޮތުގައި ދޮންނަ މެޝިނާއި އެއާ ކޮންޑިޝަނާއި ނެޕީން ނަގާ ޓެކުހަށެވެ.

ސަލީމް ވިދާޅުވީ ދޮންނަ މެޝިނަކުން 20 ޕަސެންޓު ޓެކްސް އަދި އެއާ ކޮންޑިޝަނުންނާއި ކުޑަކުދިންގެ ނެޕީން 25 ޕަސެންޓު ޑިއުޓީ ނަގަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއިން ކޮންމެ އެއްޗަކީ ދިވެހިންނަށް އެއާ ނުލާ ނޫޅެވޭނެ ކަހަލަ އެއްޗެހި ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ގިނަ ޓެކްސްތަކެއް ނަގަމުންދާ އިރު، ދައުލަތަށް ލިބޭ މައިގަނޑު އާމްދަނީއެއް ލިބެމުން ދަނީ ވެސް ވިޔަފާރިވެރިންގެ އަތުން ކަމަށެވެ. އެހެންވެ، ވިޔަފާރިތައް އިނދަ ޖެހޭ ގޮތަށް އެއްވެސް ސަރުކާރަކުން މަސައްކަތް ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ތަންތަން ކުއްޔަށް ދޭ އިރު ވެސް އިއުލާންކޮށްގެން ވަރަށް މަތީ ކުލިތަކަށް ދޭ އިރު، އެކަމުގެ ހުރިހާ ބުރައެއް ވެސް އުފުލަން ޖެހެނީ ވިޔަފާރިވެރިންނަށެވެ.

"މި ހުރިހާ ބުރައެއް މި ޖެހެނީ ވިޔަފާރިވެރިންނަށް. ދެން ވިޔަފާރިވެރިން ޓެކްސް ދައްކަމުން. އިންކަމް ޓެކްސް ވެސް ދައްކާނެ. އަދި ޑިވިޑެންޑުން ވެސް ލާރި ދައްކަން ތައްޔާރަށް ތިބޭނީ،" ސަލީމް ވިދާޅުވި އެވެ.

ދުނިޔޭގެ ގައުމުތަކުގައި ޓެކްސް ނަގާ އިރު، ވިޔަފާރިވެރިންނަށް ފަހިވާނެ ގޮތްތަކަކަށް ބުރަ މަސައްކަތް ކުރަމުންދާ އިރު، ރާއްޖޭގައި ވިޔަފާރިވެރިންނަށް މާ ބޮޑެތި ލުއިތަކެއް ނުދޭ ކަމަށް ސަލީމް ވިދާޅުވި އެވެ.

އެކަމަކު، ދައުލަތް ހިންގޭނެ އިންތިޒާމުތައް ހަމަޖައްސަނީ ވިޔަފާރިވެރިން ކުރާ ބުރަ މަސައްކަތުން ދައުލަތަށް ދައްކަން ޖެހޭ އެއްޗެއް ދެއްކީމަ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި އިރު، ބިލްގައި ވާ ގޮތުން އިންކަމް ޓެކްސް ދައްކަން ޖެހޭނީ މަހެއްގެ މައްޗަށް 40،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ.

އާމްދަނީގެ ގޮތުގައި އުޖޫރަ އާއި ވިޔަފާރީގެ އާމްދަނީ އާއި އުފުލޭ މުދާ އަދި ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ އާއި ޑިވިޑެންޑާއި އިންޓްރެސްޓާއި އެނުއިލިޓީ އާއި ޕެންޝަން އަދި ރިޓަޔަމެންޓް ބެނިފިޓާއި ބެނިޕިޝަރީންނަށް ލިބޭ އާމްދަނީ އާއި ޓެކްނިކަލް ސާވިސް ފީ އާއި ކޮމިޝަން އާއި ރޯޔަލްޓީ ވެސް ހިމެނޭނެ ކަމަށް ބިލްގައި ވަނީ ބުނެފަ އެވެ.