ބަދަލު ހޯދަން ނާޒިމް ހުށަހެޅުއްވި ދައުވާ ބަލައިނުގަތް މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް އިއްވި ޖަލު ހުކުމާ އެކު، އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނު މައްސަލައިގައި ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ނާޒިމް ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓުން ބަލައިނުގަތުމުން، ނާޒިމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.


ނާޒިމް، 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން 2015 ގައި ކުރި ހުކުމާ އެކު، އޭނާގެ މެމްބަރު ކަމުގެ ގޮނޑި ގެއްލުނެވެ. އެކަމަކު، މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގެ ކުރީގެ ހުކުމް ރިވިއު ކުރުމަށް ފަހު ނާޒިމްގެ ޖަލު ހުކުމް ބާތިލްކޮށްފަ އެވެ. އެ މައްސަލައިގައި ނާޒިމް ސިވިލް ކޯޓަށް ހުށަހެޅުއްވީ މެމްބަރެއްގެ ހައިސިއްޔަތުން ލިބެންޖހޭ މުސާރަ އާއި އިނާޔަތްތަކާއި ޖަލު ހުކުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދުމަށް އެދި އެވެ.

އެ މައްސަލަ ބަލައިނުގަތުމަށް ސިވިލް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުން ރިވިއު ކުރުމަށް ފަހު، އެ ކޯޓުގެ އިސް ގާޒީ ވެސް ވަނީ އެ މައްސަލަ ބަލައި ނުގަނެވޭނެ ކަމަށް ނިންމަވައިފަ އެވެ. އެހެންވެ، އެ ނިންމެވުން ނާޒިމްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

އެ މައްސަލާގައި ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ނާޒިމްގެ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވީ، މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުމުގައި އެ މައްސަލައިގެ މައުޟޫއާ މެދު ގޮތްތަކެއް ކަނޑައަޅާފައިވާ ކަމަށާއި އެއީ ކޯޓުތަކުގެ ގާނޫނު އޮތްގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެ ނިންމުން އިސް ގާޒީ ރިވިއު ކުރެއްވުމަށް ފަހު، ނިންމެވި ނިންމެވުމުގައި ވެސް އެގޮތަށް ނިންމާފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އެ މައްސަލަ ބަލައިނުގަތުމަށް ނިންމެވި ނިންމެވުމުގައި، 2010 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުކުރި މައްސަލައިގައި ޔާމީނަށް ބަދަލު ނަގައިދިން މައްސަލަ އަށް ރިއާޔަތް ކޮށްފައިވާއިރު، އެ ނިންމުމުގައި ނުހިމެނޭ ކަންކަމަށް ސިވިލް ކޯޓުން ހަވާލާ ދީފައިވާ ކަމަށް ވެސް ޝުނާނާ ވިދާޅުވި އެވެ. އަދި އެ މައްސަލާގައި ޔާމީން ވެސް ކޯޓުގެ އަމުރެއްގެ ދަށުން ބަންދު ކޮށްފައި ވަނިކޮށް އެއީ ގާނޫނާ ޚިލާފް ބަންދެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާތީ ޔާމީނަށް ސިވިލް ކޯޓުން ބަދަލު ނަގައިދިން ކަމަށް ޝުނާނާ ވިދާޅުވި އެވެ.

އޭނާގެ ވާހަކަތަކާ ގުޅިގެން، ފަނޑިޔާރުންގެ ބެންޗުގެ ގިނަ ސުވާލުތަކެއް އަމާޒުވި އެވެ. އެގޮތުން، ޔާމީންގެ މައްސަލާގައި ބަދަލު ދޭން ކުރި ހުކުމާ މެދު އިސްތިއުނާފް މަރުހަލާ އިން ގޮތެއް ނިންމާފައިވޭތޯ އާއި ކޯޓަކުން ކުރިން ނިންމާފައިވާ ނިންމުމަކަށް އެ ކޯޓަކުން ތަބާވުން ލާޒިމް ވަނީ ކިހިނެތްތޯ ބެންޗުން ސުވާލު ކުރި އެވެ.

ޖަވާބުގައި ޝުނާނާ ވިދާޅުވީ، އެ ކޯޓަކުން ކުރިން ނިންމާފައިވާ ނިންމުންތަކަށް ވެސް އެ ކޯޓަކުން ރިއާޔަތް ކުރަންޖެހޭނެ ކަމަށެވެ. އަދި ކުރީގެ ނިންމުމަކަށް ރިއާޔަތް ނުކުރެވޭނީ ހަރުދަނާ ގާނޫނީ ސަބަބުތަކެއް ހުރެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ހުށަހެޅުއްވި މައްސަލަ ރައްދުވަނީ ދައުލަތުގެ ކޮން މުއައްސަސާއަކަށްތޯ ބެންޗުން ސުވާލު ކުރުމުން ޝުނާނާ ވިދާޅުވީ، އެ މައްސަލަ ރައްދުވަނީ މުޅި ދައުލަތަށް ކަމަށް ކަމަށާއި އެއަށް ޖަވާބުދާރީވާން ޖެހޭނީ ބަންޑާރަ ނައިބުގެ ފަރާތުން ކަމަށެވެ.

ޔާމީނަށް ބަދަލު ނަގައިދިން މައްސަލައިގައި ދައުވާ ކޮށްފައި އޮތީ ފުލުހުންގެ މައްޗަށް ކަން ފާހަގަ ކުރައްވައި، ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުވާ ލިބެނީ އެކަމުގެ މަސްލަހަތެއް އޮތް ފަރާތެއްގެ މައްޗަށް ކަން ކޯޓުން ބަލަން ނުޖެހޭތޯ ޝުނާނާއާ ސުވާލު ކުރައްވައިފަ އެވެ.

ޖަވާބުގައި ޝުނާނާ ވިދާޅުވީ ބަދަލު ހޯދަން ދައުވާކުރީ ކޯޓުގެ ނިންމުމުގެ މައްޗަށް އެކަނި ބިނާކޮށް ނޫން ކަމަށާއި އެކަމުގެ ދައުލަތުގެ ފަރާތުން ވެސް އުސޫލުތަކާ ޚިލާފަށް އަމަލު ކޮށްފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މުޅި ދައުލަތުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ދެކޭ ނަމަ، އެކަން ކޯޓުގައި ފާހަގަ ކުރާނީ ބަންޑާރަ ނައިބުގެ ފަރާތުން ކަމަށާއި އެކަންކަމާ މެދު ގޮތެއް ނިންމޭނީ އެ މައްސަލަ ކޯޓަށް ބަލައިގަނެ މައުޟޫއީ ގޮތުން ކުރިއަށް ގެންގޮސްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ވަކި މުއައްސަސާއެއް ހިމެނުމެއް ނެތި، މުޅި ދައުލަތުގެ މައްޗަށް ރައްދުވާ ގޮތަށް މީގެ ކުރިން ވެސް ދައުވާ ކޮށްފައި އެބަހުއްޓެވެ.

އަޑުއެހުމުގައި މިއަދަށް ކަނޑައެޅި ވަގުތު ހަމަވުމުން ފަނޑިޔާރުންގެ ބެންޗުން ނިންމެވީ އިތުރު އަޑުއެހުމެއް ފަހުން ބޭއްވުމަށެވެ.

ދައުވާލިބޭ ފަރާތެއް ނެތް، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދާ އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ނިޔާޒެވެ.