އަގަށް ގެނައި ބަދަލުން ސްޓެލްކޯއަށް މަހަކު 2 މިލިއަން ރުފިޔާ ގެއްލުން: އޮޑިޓް ރިޕޯޓް

ކަރަންޓްގެ އަގަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސްޓެލްކޯއަށް މަހަކު ދެ މިލިއަން ރުފިޔާގެ ގެއްލުމެއް ވަމުން އަންނަ ކަމަށް އެ ކުންފުނީގެ ޕާފޯމެންސް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.


އޮޑިޓް އޮފީހުން އިއްޔެ ނެރުނު ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އަގަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސްޓެލްކޯއަށް މަހަކު 2،120،854.ރ ގެ ގެއްލުން ލިބޭ އިރު އެ ގެއްްލުން ފޫބައްދަން މިދިޔަ އަަހަރުން ފެށިގެން މި އަހަރުގެ ފެބްރުއަރީއާ ހަމައަށް ސަރުކާރުން ސަބްސިޑީގެ ގޮތުގައި އެކުންފުންޏަށް ވަނީ 17.6 މިލިޔަން ރުފިޔާ ދީފަ އެވެ.

ސްޓެލްކޯއަށް ވަމުންދާ ގެއްލުން ކުޑަކޮށް، އެއީ ދައުލަތުގެ ބަޖެޓަށް ބަރޯސާކުރަން ނުޖެހޭ ކުންފުންޏަކަށް ހެދުމަށްޓަކައި "ކޮސްޓް ރިފްލެކްޓިވް ޓެރިފް" އެއް (ހިނގާ ހަރަދާ އެކަށީގެންވާ އަގުތަކެއް) ނެގުމަށް އެންވަޔަރްމެންޓް މިިނިސްޓްރީއާ މަޝްވަރާކުރަން ރިޕޯޓްގައި ލަފާދީފައިވެ އެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ އެހެންް ކަންތައްތަކުގެ ތެރޭގައި ސްޓެލްކޯގެ ހިދުމަތްތައް ފުޅާކުރަން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުން 2005 އިން ފެށިގެން ހުއްޓާލާފައި ވާތީ ދައްކަން ޖެހޭ ފައިސާގެ އަދަދު އިންޓަރެސްޓާ އެކު ގާތްގަނޑަކަށް 2 ބިލިޔަން ރުފިޔާއަށް އަރާފައި ވުން ހިމެނެ އެވެ.

އޭގެ އިތުރުން ތެޔޮ ރައްކާކުރަން ފުނަދޫ އެކަނި ބޭނުން ކުރުމުގެ ރިސްކު އޮތްކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ދަރަނި ކުޑަކުރަން ހުށަހަަޅާފައިވާ ހުށަހެޅުންތަކުގެ ތެރޭގައި ދައުލަތުގެ އެހެން ކުންފުނިތަކުން ސްޓެލްކޯއަށް ދޭން ޖެހޭ ފައިސާގެ ކަންކަން ހަމަޖައްސަން ފިނޭންސާ އެކު ކުރިއަށް ގެންދިއުން ހިމެނެ އެވެ.