ގާޒީ ހައިލަމްގެ އަބުރު ކަތިލީ ބަލައިލުމެއް ނެތި: އަބްދުއްރަހީމް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ އަބުރު، އެމްޑީޕީން ކަތިލީ އެއްވެސް ބަލައިލުމެއް ނެތި ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ކްރިމިނަލް ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކޯޓުގެ ވައިބަ ގްރޫޕަކަށް ފޮނުއްވި މެސެޖަކާ ގުޅިގެން އޭނާގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ވަނީ ނިންމައިފަ އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވީ، ގާޒީ ހައިލަމްގެ އަގު ވައްޓާލުމުގެ ނިޔަތުގައި އޭނާގެ ނަމުގައި ބަޔަކު ކުރީ "ފޭކް މެސެޖެއް" ކަމަށެވެ. ފޭކް އެކައުންޓަކުން ކުރި މެސެޖާ ގުޅިގެން ހައިލަމްއާ ދޭތެރޭގައި ފިޔަވަޅު އަޅަން މަސައްކަތް ކުރަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެންވީމަ، މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް. އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރާއްޖޭގެ ޖުޑިޝަރީ ހަލާކު ކޮށްލުމަށް ކުރާ މަސައްކަތަކީ އަޅުގަނޑުމެން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް،" ހައިލަމް ވަރަށް ބޮޑަށް ދިފާއު ކުރައްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެކަން ބެލޭނެ ދުވަހެއް ދާދި އަވަހަށް އަންނާނެ އެވެ. އަދި އިންސާފު ގާއިމުވާތަން އަވަހަށް ފެންނާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ހައިލަމްގެ މެސެޖް އެގޮތަށް އައީ، މަނީ ލޯންޑްރިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މާދަމާ ހުކުމް އިއްވަން ތައްޔާރުވެފައި ވަނިކޮށެވެ. އެ މައްސަލަ ބައްލަވަނީ ވެސް ހައިލަމެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޔާމީނާ ދޭތެރޭގައި ވަރަށް އިހާނެތިކޮށް، ޖައްސާލައިގެން ކަންކަން ކުރަމުންދާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ އިސްވެރިން ޝަރުއީ ނިޒާމުގެ ތެރެއަށް "އަތް ބޭނުމުގެ" މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. އަދި ވިދާޅުވީ، ފަސޭހަ އިން ފިއްލެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހީފުޅު ކުރައްވައިގެން ނުވާނެ ކަމަށެވެ.

"އެ ޖާގަ އަޅުގަނޑުމެން ނުދޭނަން. ގާނޫނުގެ ކުރިމައްޗަށް ހާޒިރު ވާން ޖެހޭނެ. މިއަދު ހަނދުމަފުޅު ކުރަން ވާނެ ކަންތައްތައް ކުރައްވާ އިރު، ތިމަންނަ ޖަވާބުދާރީ ވާން ޖެހޭ ދުވަހެއް އަންނާނެ ކަން. އަޅުގަނޑުމެންގެ ސަރުކާރު ވެގެން ދާނީ އިންސާފު ހޯދައި ދޭ ސަރުކާރަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭމާ ވިދާޅުވި ގޮތުގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތެއް ނުވާނެ އެވެ. އެހެންވެ، ވާދަވެރިން މަސައްކަތް ކުރައްވަނީ އެމަނިކުފާނުގެ އަބުރު ކަތިލަން ކަމަށް ވިދާޅުވި އެވެ.

"ނޮވެމްބަރު ފަހެއް ވެގެން ދާނީ ރައީސް ޔާމީންގެ އިއްޒަތާއި ގަދަރު ރާއްޖޭގެ މެދު އުޑުގައި ފިޔަ ޖަހައިގެންދާ ދުވަހަކަށް އެ ޔަގީން ކަމުގައި މިތިބީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތަން ފެންނަ ކުރެހުމަކުން، ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ގިނަ މެމްބަރުން މިއަދު މަޖިލިހުގައި ވަނީ ނުރުހުން ފާޅު ކުރައްވައިފަ އެވެ. އަދި ހައިލަމާ މެދުގައި ވަގުތުން ފިޔަވަޅު އަޅައި ސަސްޕެންޑް ކުރަން ވެސް މެމްބަރުން ގޮވާލެއްވި އެވެ.