އިސް ގާޒީގެ ސަސްޕެންޝަނާ އެކު ޔާމީންގެ ޝަރީއަތަށް ދެން ވާނީ ކިހިނެއް؟

މި ހަފުތާ ފެށިގެން އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އަންނާނެ ގޮތަކާ މެދު ކުރާ ބަހުސްތަކާ އެކުގަ އެވެ. ކުށް ސާބިތުވާނެތޯ އާއި ވާ ނަމަ އަންނާނީ ކޮން ހުކުމެއްތޯ އެވެ. އެކަމަކު މިއަދު ހުކުމް ކުރަން ތައްޔާރުވެފައި ވަނިކޮށް، ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ހައިލަމް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްކޮށް، ހުކުމްކުރުން ވެސް ކެންސަލްވެ، މަންޒަރު ބަދަލުވީ އެވެ.


މިއަދު މެންދުރު ބާއްވާ މަޖިލީހެއްގައި ހުކުމް އިއްވަން ތާވަލްކޮށްފައި ވަނިކޮށް، ހައިލަމް ސަސްޕެންޑްކުރީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވާން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް އޭނާ ފޮނުއްވި ކުރެހުމެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފެށުމަށް ފަހު އެވެ. އެ ކުރެހުމުގައި، ނޮވެމްބަރު 3 ގެ އިސް ދެ ޓެރަރިސްޓް ކަމަށްވާ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރުގެ ފަހަތުން ޗޭނެއް އަޅުވާފައި ތިބި ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓީވީން ލައިވްކޮށް ދެއްކި ޝަރީއަތުގައި ހުކުމް އިއްވާ މަޖިލިސް ބެލުމުގެ އިންތިޒާރުގައި ގިނަ ބަޔަކު ތިއްބާ، 60 ދުވަހަށް ވުރެ ދިގު ނުވާ ގޮތަށް ގާޒީ ހައިލަމް ސަސްޕެންޑް ކުރުމުން އެ ޝަރީއަތަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟

ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާ ގޮތުން ކޮންމެ މައްސަލައެއްގެ ވެސް އަޑުއެހުންތައް ނިންމާލާތާ 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން ޖެހޭނެ އެވެ. ޔާމީންގެ މައްސަލާގެ އަޑުއެހުންތައް ނިންމާލީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ކަމަށް ވާތީ އެ މުއްދަތު އަންނަ ހޮނިހިރު ދުވަހަށް ހަމަވާނެ އެވެ. ނަމަވެސް، މި މައްސަލާގައި ދިމާވެގެން މި އުޅެނީ އެހެން ހާލަތެކެވެ.

އެ ގާނޫނު ބުނާ ގޮތުން އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް، ޝަރީއަތެއް އިތުރަށް ކުރިއަށް ނުގެންދެވޭ ފަދަ ހާލަތެއް ފަނޑިޔާރަށް މެދުވެރިވެއްޖެ ނަމަ، އެ މައްސަލައެއްގައި ދެން އަމަލު ކުރާނެ ގޮތެއް ކަނޑައަޅާނީ ކޯޓު ހިންގުމާ ހަވާލުވެ ހުންނަ ފަނޑިޔާރެކެވެ. އެގޮތުން ޝަރީއަތް ގޮސްފައި އޮތް ހިސާބުން ފެށިގެން އެހެން ފަނޑިޔާރަކު އެ މައްސަލަ ކުރިއަށް ގެންދިއުން ނުވަތަ މުޅި ޝަރީއަތް އަލުން ފެށިދާނެ ކަމަށް ގާނޫނުގައިވެ އެވެ.

އެހެންވެ ޔާމީންގެ މައްސަލާގައި ދެން ގޮތެއް ނިންމަވާނީ ކްރިމިނަލް ކޯޓު ހިންގުމާ ދެން ހަވާލުވެވަޑައިގަންނަވާނެ ފަނޑިޔާރެކެވެ. އެކަމަކު ބެލެވޭ ގޮތުގައި އެހެން ފަނޑިޔާރަކާ ހަވާލުކޮށްފި ނަމަ، އެ މައްސަލަ އިތުރަށް ދިގު ދެމިގެންދާނެ އެވެ.

މައްސަލަ ގޮސްފައި އޮތް ހިސާބުން ފެށިގެން އިތުރަށް ކުރިއަށް ގެންދަން އެހެން ފަނޑިޔާރަކާ ހަވާލު ކުރިޔަސް، ހުކުމް އިއްވުމުގެ ކުރިން އިތުރު އަޑުއެހުންތަކެއް ބާއްވާނެ ކަމަށް ބެލެވެ އެވެ. އާންމު އުސޫލުން އެކަން އެގޮތަށް ކުރަނީ އަލަށް މައްސަލައާ ހަވާލުވެވަޑައިގަންނަވާ ފަނޑިޔާރު ހުކުމް އިއްވުމުގެ ކުރިން ސާފުކުރަން ޖެހޭ ކަންކަން ސާފުކުރެއްވުމަށެވެ.

އަޑުއެހުންތައް ނިމި، ހުކުމް އިއްވުމުގެ މަރުހަލާގައި އޮއްވައި ފަނޑިޔާރު ސަސްޕެންޑް ކުރުމުން ނުވަތަ އެހެން ކޯޓަކަށް ބަދަލުކުރުމުން އެ ފަނޑިޔާރު ބައްލަވަމުން ގެންދިޔަ މައްސަލަތައް އާންމުކޮށް އެހެން ފަނޑިޔާރުންނާ ހަވާލުކުރެ އެވެ. އެގޮތަށް ގިނަ މައްސަލަތަކެއްގައި ކުރިން ވެސް އަމަލުކޮށްފައިވެ އެވެ.