ފުލުހުން ޑިއުޓީގައި: ޖިންސީގޯނާ ލިބުނު މީހުންނަށް އިންސާފު ހޯދައިދޭން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އަންނަނީ މަސައްކަތްތަކެއް ކުރަމުން. --ފޮޓޯ/މިހާރު
11 ނޮވެމްބަރ 2019 - 11:08
ކޯޓުގައި އޮންނަތާ އެތައް އަހަރެއް ފަހުން، ސާބިތުނުވާ ކަމަށް ހުކުމް ކުރި، ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މައްސަލަ އަލުން ބެލުމަށް ފުލުހުން އެ ރަށަށް ހިނގައްޖެ އެވެ.
މި މައްސަލާގައި ހިމެނޭ ކުދިންނަކީ މިހާރު 18 އަހަރު ފުރިފައިވާ މީހުންނެވެ.
ރާއްޖޭގެ މެދުތެރޭގެ ރަށަކަށް ނިސްބަތްވާ ކުދިންތަކަކަށް ގުރުއާން ކިޔަވައިދިން ފިރިހެނަކު، ގުރުއާން ކްލާހަށް ދިއުމުން ޖިންސީ ގޯނާކުރި މައްސަލަ 2006 ގައި ފެންމަތިވެ ދައުލަތުން ދައުވާކޮށް ކޯޓުގައި އޮންނަތާ 10 އަހަރު ފަހުން މިދިޔަ މަހުގެ 1 ގައި ނިންމީ ދައުވާ ސާބިތު ނުވާ ކަމަށެވެ. އެއީ މިހާރުގެ ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއާތުގެ ގާނޫނު އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލްތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ކުރިން ހުށަހެޅި މައްސަލައަކަށް ވުމާއި އެ މައްސަލަ ސާބިތު ކުރަން އޭރުގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަނޑައަޅާފައިވާ މިންވަރަށް ހެކި ނެތުމުން ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ. ހުކުމުގައިވާ ގޮތުން، ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވަނީ އަނިޔާ ލިބުނު ކަމަށް ބުނާ ކުދިންގެ ބަސް އެކަންޏެވެ.
މި ހުކުމާ އެކު ތުހުމަތު ކުރެވޭ މީހާ ސަލާމަތްވުމުން، މި މައްސަލައިގައި އަނިޔާ ލިބުނު މީހުން ވަނީ އިންސާފު ކޮބައިތޯ ސުވާލު އުފައްދައި ކަންބޮޑުވުންފާޅުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި، ފުލުހުން އެ ރަށަށް ދިޔައީ އަނިޔާ ލިބުނު މީހުންގެ ބަޔާންތައް އަލުން ނެގުމަށެވެ. ފުލުހުންގެ އިތުރުން، ޖެންޑާ މިނިސްޓްރީގެ ޓީމަކުން ވެސް އެ ރަށަށް ގޮސް އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އޮތީ އަންގައިފަ އެވެ.
އެ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު އިއްޔެ ވިދާޅުވީ ކަމާބެހޭ މުއައްސަސާތަކުން ވަގުތުން ފިޔަވަޅު އަޅައިދޭން އެދި ކޮމިޓީން ސިޓީ ފޮނުވީ މައްސަލަ ކުރިއަށްދާލެއް ލަސްވުމުން ކަމަށެވެ. އިންސާފު ނުލިބުނުކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އައުމާ އެކު ވަގުތުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ފުލުހުންގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ޓީމެއް ވެސް އެ ރަށަށް ދާނެ ކަމުގެ ޔަގީންކަން އޮތީ ލިބިފައި،" ޖީހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮމިޓީގެ މަސައްކަތަކީ އެ މައްސަލައިގައި ޖިންސީ ޝިކާރައަކަށްވެ، އިންސާފު ނުލިބުނު އެތައް މީހުންނަށް އިންސާފު ހޯދައި ދިނުމެވެ. ތުހުމަތު ކުރެވޭ މީހާ މިނިވަންވެފައިވާ އިރު، އޭނާ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ގިނަ ބަޔަކު ބުނުމަކީ ސީރީއަސްކޮށް ބަލަން ޖެހޭ މައްސަލައެއް ކަމަށް ޖީހާން ވިދާޅުވި އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހޭލުންތެރިކުރުވަން ހަދާފައިވާ ޕޯސްޓަރެއް---
ޖީހާން ކުރިން ވިދާޅުވެފައިވާ ގޮތުގައި ތުހުމަތު ކުރެވުނު މީހާ ހުކުމާ އެކު މިނިވަންވުމުން ޖިންސީ ޝިކާރައަކަށް ވި މީހުންނަށް ބިރު އެބައޮތެވެ. އަވަސް ފިޔަވަޅުތަކެއް އަޅަން ކޮމިޓީން މުއައްސަސާތަކުގައި އެދުނީ ވެސް އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޯޓުން ކުށް ސާބިތު ނުވާ ކަމަށް ނިންމި މީހާ ގިނަ ކުދިންތަކަކަށް ޖިންސީ އަނިޔާކުރީ ގުރުއާން ކިޔަވައިދޭން ގެންގޮސްގެންނެވެ. ފުރަތަމަ މިސްކިތުގައި ކްލާސްތައް ހިންގި އިރު އެކި ކުދިންނަށް އަނިޔާކޮށް، ފަހުން އޭނާގެ ގޭގައި ކްލާސްތައް ނަގައިދިން އިރު ވެސް އެކަން ހިންގަމުން ދިޔަ ކަމަށް ދައުލަތުން އޭނާގެ މައްޗަށް ހުށަހެޅި ދައުވާގައިވެ އެވެ.
އޭނާއާ ދެކޮޅަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ އޭނާ އެ އަމަލު ހިންގާފައިވާ ގޮތަށް ބަލާ އިރު ކުދިންގެ ބަޔާންތަކުން އެކަން އެއްގޮތް ވާތީ އާއި އެ އުމުރުގެ ކުދިންތަކަކަށް ރާވައިގެން، އެހާ ތަފްސީލުކޮށް ކިޔައިދޭން އެނގޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންވެ އޭނާގެ މައްޗަށް ދައުވާ އުފުލީ ގާނޫނު ނަމްބަރު 24/76 (ހެއްކާ ބެހޭ ގާނޫނު)ގެ ހަ ވަނަ މާއްދާގެ ދަށުންނެވެ.
މަޖިލީހުގެ ޖެންޑާ ކޮމިޓީގެ ސަމާލުކަމަށް މި މައްސަލަ އައިސްގެން ބެލިއިރު، މިފަދަ ގިނަ މައްސަލަތަކުގައި އިހުމާލު އޮތް ކަން ވަނީ ފާހަގަކުރެވިފަ އެވެ.
އެހެންވެ އެ ކޮމިޓީން ވަނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ވޭތުވެދިޔަ 15 އަހަރު ހުށަހަޅާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގެ މައުލޫމާތު ހޯދައިފަ އެވެ.
"ފުލުހުންނާއި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އެ މައުލޫމާތު ލިބިއްޖެ. އަޅުގަނޑުމެން މި މަޑުކުރަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން މެދުވެރިކޮށް، ކޯޓުތަކުން އެ މައުލޫމާތު ލިބެންދެން،" ޖީހާން ވިދާޅުވި އެވެ.
"މިހާތަނަށް ބަލާއިރު ވެސް ބައެއް މައްސަލަތަކުގައި ފާހަގަކުރެވުނު ކަންބޮޑުވުންތަކެއް އެބަހުރި."
އޭނާ ވިދާޅުވި ގޮތުގައި ކޯޓުތަކުން މައުލޫމާތު ލިބުމާ އެކު ކޮމިޓީން އިންކުއަރީއެއް ފަށާނެ އެވެ. އެ މަސައްކަތުގައި، މޯލްޑިވްސް ޔުނިވާސިޓީ ނުވަތަ ވިލާ ކޮލެޖުގެ ރިސާޗް ދަރިވަރުންގެ އެހީތެރިކަން ހޯދަން ކޮމިޓީން ވިސްނުން ގެންގުޅެ އެވެ. އެކަމަކު އަދި މުޅިން ފައިނަލްއެއް ނުވެ އެވެ.
"އަޅުގަނޑުމެން މައްސަލަތައް ދިރާސާކުރާނީ. ކިހާވަރަކަށްތޯ އިންސާފު ގާއިމްކޮށްދެވިފައި ހުރީ،" ޖީހާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުމަަަަ
17 November 2019
ބައެއް މައްސަލަ ބެލެނިިި އިންސަަަަަަަަަަފެއް ނުލިބެެެެެެެެެެެެ
މުރުތައްދު
12 November 2019
ކޮބާތޯޒިންމާދާރުކަމަކީ? ﷲގެ ހުކުމްފުޅުތަކަށް ގޮންޖަހާ މާތްރަސޫލާއަށްފުރައްސާރަކުރުމުންވެސްތިތިބެނީހަނު, ތިބައިމީހުންގެ ލަދުހަޔާތްކޮބާ?
ތުއްތީދީ
11 November 2019
ފުލުހުންނަށް ޝުކުރިއްޔާ. ތިހާފަސޭހައިން ބޯދަމައިގަނެވޭނޭގޮތް ބަންދުކުރަންޖެހޭ.
ވަހީދު
11 November 2019
ބޮޑު މުސާރަ ދީފަ ގާޒީ އިން ބޭތިއްބުމުގެ މާބޮޑު ބޭނުމެއް ނުފެނުނު. 10 އަހަރު ވިއްޔަ ކޯޓުގަ. މައްސަލަ މިހާރު އޮންނާނީ ގަނޑުވެފަ
ޮބޮޑު ކޮމިޓީ
11 November 2019
ޖީހާންގެ ކޮމިޓީ މީހާދަ ފާޓުފުޅާ ކޮމިޓީއެކެކޭދޯ؟ ސަރުކާރުގެ ތެރެއިން ތިޔަ ކަންކަން ރަނގަޅު ކުރުވަންވީ، ތިޔަ ކޮމިޓީން ހުރިހާ ކަމެއްގެތެރެއަށް އަތްބާނާ ބިރުދައްކާނަމަ މިނިވަން މުއައްސަސަާތަކާއި ކޮމިޝަންތައް އުވާލަން ވީނޫންތޯ ގާނޫނެއްހަދައިގެން. މިގައުމުގެ ޖެންޑަ މިނިސްޓަރީކީވެސް ޖީހާން، ހިއުމަންރައިޓްސް މިނިސްޓަރަކީވެސްޖީހާން، އުއްތަމަ ފަނޑިޔާރަކީވެސް ޖީހާން، ޕޮލިސްކޮމިޝަނަރަކީވެސް ޖީހާން. ޖެންޑާއާއި ގުޅޭ މަގާމުތަކެއްގައިކުރިން އުޅެވިފަހުރީމަވާގޮތް
ބުއްދީގެ ހަމަ
11 November 2019
ޖީހާނުގެ ވިސްނުމަކީ އިންސާފު ލިބުމަކީ ތުހުމަތު ކުރެވުނު މީހާއަށް އަދަބު ދެވުންތޯ؟ ތުހުމަތު ކުރެވުނު މީހާއަށް ލިބެންވީ އިންސާފު ކޮބައިތޯ؟ ތުހުމަތުން ބަރީއަ ވުމުގެ ހައްޤު ކޮބައިތޯ؟ ކޮންމެ ތުހުމަތަކަށް އަދަބު ދޭންވެއްޖެ ނަމަ އެއީ އިންސާފުތޯ؟ ކޯޓުތަކުން ބަލާނީ ކޯޓަށް ހުށަހެޅިފައި އޮންނަ ހެކި ޤަރީނާއަކަށާއި ޤާނޫނުތަކަށް.. އެެއްވެސް މުއައްސަސާއަކުން ގޯސް ހަދާފައި ނުވާނަމަ އެ ލިބިނީ އިންސާފު..
ބުރުބުރު
11 November 2019
ތީ ބޮޑު ސިޔާސީ ގޭސް ގަނޑެއް. ހެކިނެތީއަކީ ނޫން
ޑާޑާ
12 November 2019
ބުއްދީގެ ހަމަ ތިކުރި ކޮމެންޓަށް ތާއީދު ކުރާ ހާލު ބުނެލަން އޮތީ، ކޯޓަށް މައްސަލަ ހުށަހެޅިފަ އޮތްނަމަވެސް، އެއްވެސް ހެއްކެއް ޤަރީނާއެއް ނެތުމުގެ ސަބަބުން މައްސަލައިގަ ތުހުމަތު ކުރެވޭމީހާގެ މައްޗަށް ކުށްސާބިތުނުވެ ކުށުން ބަރީއަވެ ސަލާމަތްވުމަކީ އެމީހާ އެކަން ނުކުރާ ކަމުގެ "ހެއްކެއް" ނޫން. ހެއްކާ ޤަރީނާ ހޯދައިގެން އަލުން އެކަމެއް ބެލީމަ އިންސާފު ލިބޭނީ، ކޯޓަށް ހެކި ހުށައަޅާފަ ނެތުމުގެ ސަބަބުން ކުށްސާބިތު ނުވެ މިނިވަން ވުމަކީ އަދި އިންސާފެއް ނޫން.
މާމަދަރި
11 November 2019
މަހިތަށް އަރަ ކިތައް މީހުންބާއޭ ގިޔާމަތް ދުވަސްއަންނެެކަަން ގަބޫލުކުރަނީ
ކާފު
11 November 2019
ދެކުނު ރަށަކުން އެއް އާއިލާ އެއްގެ 4 ކުދިންނާ ބެހުނު މީހާގެ ހަބަރަކީ ކޮބާތަ
ހަކީމް
11 November 2019
މިގެން އިނގިގެން ދަނީ ކޯޓުތަކުގައި ވަކިހިއްޕައިލައިގެން ތިބި ޤާޡީ އިން ފެއިލް ވެފައިވާ މިންވަރު. ފުލުހުންގެ ނާގާބިލު ކަންވެސް އިންތިހާއަށް. ރާވައިގެން ގަސްތުގައި ކުއްވެރިޔާ ސަލާމަތްކުރަން ހެކި ހުށަނާޅާ އެތަށް ކޭސް ތަކެއްވެސް އެބަހުރި.
މިއަދު
11 November 2019
މިއީ ގާބާއްވަން ނުއެގި ހަމައެކަނި ގާފުރޮޅާބައެއްދޯ