ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ. --ފޮޓޯ/މަޖިލީސް
21 އޮކްޓޯބަރ 2019 - 11:09
ދައުލަތުގެ މުއައްސަސާތަކަށް މިދިޔަ 15 އަހަރުގެ ތެރޭގައި ހުށަހަޅާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގެ އިންކުއަރީއެއް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފި އެވެ.
އެ ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު "މިހާރު" އަށް ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތަކުގައި ކަން ހިނގާފައިވާ ގޮތް ބަލަން ކޮމިޓީން ބޭނުންވީ ދާދި ފަހުން ފެންމަތިވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެއީ، ގިނަ އަދަދެއްގެ ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުލަތުން މީހެއްގެ މައްޗަށް ދައުވާކޮށް، 13 އަހަރު ފަހުން އެ މައްސަލަ ސާބިތު ނުވާ ކަމަށް ހުކުމް ކުރި މައްސަލަ އެވެ.
އެ މައްސަލަ ސާބިތު ނުވީ ކުރީގެ ގާނޫނުތަކުގެ ދަށުން ދައުވާ ކޮށްފައި ވުމާ އެކު، ޖިންސީ ގޯނާކުރި ކަމަށް ކުދިން ތަހުގީގަށް ދީފައިވާ ބަޔާނަކީ ކާފީ ހެއްކަކަށް ނުވުމުން ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.
ޖީހާން ވިދާޅުވި ގޮތުގައި އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ހުރެ، ޖިންސީ ގޯނާގެ ޝިކާރައަކަށް ވެ އިންސާފު ނުލިބި އެތައް ބަޔަކު ތިބޭނެ ކަމަށް ދާދި ފަހުން ފެންމަތިވި މައްސަލަ އިން އެނގޭ ކަމަށެވެ. އެހެންވެ، މަޖިލީހުގެ ކޮމިޓީން އިންކުއަރީއެއް ލޯންޗްކުރަން ނިންމީ އެފަދަ ފަރާތްތަކަށް އިންސާފު ހޯދައިދޭން ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި 2007 ގައި ކޮށްފައިވާ ގެވެށި ދިރިއުޅުމުގެ ދިރާސާއަކުން އެނގޭ ގޮތުން ކޮންމެ ތިން އަންހެނަކުން އެކަކު ގެންދަނީ ކޮންމެވެސް ކަހަލަ ޖިންސީ އަނިޔާއެއް ތަހައްމަލް ކުރަމުންނެވެ. ރަސްމީ މި ހިސާބުތުގެ ކަންބޮޑުވުމާ އެކު މައްސަލަތަކުގައި އިންސާފަށް ވާސިލްވާން ހުރި ހުރަސްތަކަކީ ކޮބައިތޯ ކޮމިޓީން ބަލާނެ ކަމަށް ޖީހާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަލާނަން، މައުލޫމާތު އެއްކުރާނަން ފުލުހުންނާއި ޖެންޑާ އަށް އަދި ކޯޓުތަކަށް ހުށަހަޅާފައިވާ ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ކަންވެފައި ހުރި ގޮތް،" ޖީހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލަތަކުގެ ހައްލު ހޯދައި އިންސާފަށް ވާސިލްވާން ބޭނުން ނަމަ އެއީ ކުރަން ޖެހޭ ކަމެއް ކަމަށް ކޮމިޓީން ދެކޭ ކަމަށެވެ.
ޖެންޑާ މިނިސްޓްރީގެ މިދިޔަ ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން މައްސަލަ ރިޕޯޓުކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެންނެވެ. އެގޮތުން 2017 ގައި ކުޑަކުދިންނާ ގުޅުން ހުރި 1،372 މައްސަލަ ހުށަހަޅާފައިވާއިރު، ޖިންސީ ގޯނާގެ 418 މައްސަލަ ހިމެނެ އެވެ. އޭގެ އިތުރުން ވިޔަފާރި ފައިދާ ހޯދުމަށް ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކޮށްފައިވާ ކަމަށް ވެސް އެ ހިސާބުތަކުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމަންދަރު
21 October 2019
ޢަދި ރައްޔިތުންގެ މަޖްލިސް މެމްބަރުން އަމިއްލައަށް މިނިސްޓަރުންގެ މުސާރައަށްވުރެ ބޮޑު މުސާރައެއް ނަގާ އެންމެ 5 އަހަރުގެ މަޖްލިސް ދައުރެއް ފުރިހަމަ ކުރުމުން 25000 ރުފިޔާ އަދި 2 ދައުރު ފުރިހަމަކުރުމުން 35000 ރުފިއާގެ ބޮޑު ޕެންސަނެއް ލިބޭގޮތައް ފާސްކުރި މައްސަލަ ބަލަންޖެހޭ . މިއީ ބޮޑުވެގެންވާ ޖަރީމާއެއް . މިގޮތައްވާނަމަ 5 އަހަރު މިނިސްޓަރުކަންކުރާ މީހާ އާއި މެނޭޖިންގ ޑިރެކްޓަރ ، ޗެއަރމަންކަން ކުރާ މީހާ އަށްވެސް ޕެންޝަން ދޭންޖެހޭނެ .
ސަމަންދަރު
21 October 2019
ވޭތުވެދިޔަ 15 އަހަރު ރައްޔިތުންގެ މަޖްލިސް މެމްބަރުން ހިންގާފައިވާ ބޮޑެތި ޚިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތަކާއި ޖަރީމާތައް ބެލުން މާއައުލާކަން ބޮޑު. ތިމާއާއި ނުބައްދަލު ބޮޑު މުއްސދިކަން ހޯދާ އަގުބޮޑު ބޮޑެތި ގޯތި މާލެއިންނާއި ހުޅުމާލެއިން ގަތް ގޮތާއި ބޮޭޑެތި ޔޮޓާއި ސަފާރީ ހޯދިގޮތް ބަލަންޖެހޭ . އަދި ނުއަގުގައި ކުޑަ ކުލީގައި ސަރުކާރުގެ ބޮޑެތި ބިންތައް ދިގު މުއްދަތަކަށް ޕާޓީ ގެ ނުފޫޒު ބޭނުންކޮށްގެން މަޖްލިސް މެމްބަރުން ހޯދިގޮތް ބަލަންޖެހޭ .
ބޮޑު އަނގަ
21 October 2019
ބަލަގަ، މި ދިޔަ އަހަރުތަކުގަ ތިޔަ ކަންކަން ބަލަން ހަވާލުކުރި މީހުންނޭ މިހާރު މަޖިލީހުގަ ތިޔަ ވާހަކަ ތިޔަ ދައްކަނީ. ފުރަތަމަ ކުރަންވީ ކަމަކީ އޭރު ކަމެއް ނުކުރާކަމަށް އެއްބަސްވާންވީ!
ޒިލް
21 October 2019
ދީނަށް ފުރައްސާރަ ކުރާތީ އިންކްއަރީއެއް ނުބާއްވާތަ؟