ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ހެކި ނުލިބެނީ ފުލުހުން އެފަދަ މައްސަލަތައް ސީރިއަސްކޮށް ނުނަގާތީ ކަމަށް ތުހުމަތު ކުރެއްވި.
11 ފެބުރުއަރީ 2020 - 12:20
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ނުހޯދެނީ އެފަދަ މައްސަލަތައް ފުލުހުން ސީރިއަސްކޮށް ނުނަގާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ތުހުމަތު ކުރައްވައިފި އެވެ.
ކުޑަކުުދިންނަށް ޖިންސީ ގޯނާގެ މައްސަލަތައް ތަހުގީގުކޮށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެކުލަވައިލި އިންކުއަރީ ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އީވާ ވިދާޅުވީ، ހެކި ނުލިބެނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ތަހުގީގު ކުރާ ފުލުހުންނަށް، އެކަންކަން މައްސަލައަކަށް ނުވާތީ ކަމަށެވެ. އެފަދަ މައްސަލަތައް ތަހުގީގުކުރާ ފުލުހުން، ތަހުގީގަށް އެހާ ވަގުތު ދޭން ބޭނުން ނުވާ ކަމަށް ވެެސް އޭނާ ތުހުމަތުކުރެއްވި އެވެ.
"ތަހުގީގު ރަނގަޅަށް ނުކޮށްފައި އެ އޮންނަނީ. ތަހުގީގު ރަނގަޅަށް ނުކޮށްފައި އޮންނާތީވެ، އިއްޒަތްތެރި ރައީސް، ކުށް ސާބިތުވާ ވަރަށް ހެކި ނެތޭ ބުނަަން އެޖެހެނީ،" އީވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މާ ބޮޑު ހެކިތަކެއް ނޯންނާނެ ކަމަށާއި ގާނޫނުގައި ވެސް އޮންނާނީ އެގޮތަށް ކަމަށެވެ. އެފަދަ މައްސަލަތައް ކޯޓާ ހަމައަށް ގެންދަން ޖެހޭނީ ރަނގަޅަށް ކަމާވެގެން ތަހުގީގުކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖިންސީ ގޯނާގެ މައްސަލަތައް ގިނަވެ، އުފެދުނު ކަންބޮޑުވުންތަކާ އެކު ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ހެދި އިންކުއަރީން އެނގިފައިވާ ގޮތުގައި ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ޖިންސީ ގޯނާގެ 3،135 މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު، މީގެ ތެރެއިން ތަހުގީގު ނިމި، (ކުރިން އެޓާނީ ޖެނެރަލްގެ އޮފީހަށް، 2008 ގެ ފަހުން ޕީޖީ އޮފީހަށް) ފޮނުވީ 1،220 މައްސަލަ އެވެ. މީގެ ތެރެއިން ކޯޓުތަކާ ހަމައަށް ފޯރާފައި ވަނީ 1،146 މައްސަލަ އެވެ
އީވާ ވިދާޅުވީ އެފަދަ މައްސަލަތައް ކޯޓުގައި ލަސްވަނީ ވެސް އަޅައިނުލާތީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މައްސަލަަތައް ކޯޓުން ނުނިމި އަހަރަކަށް ދެމިގެން ދިއުމުގެ މާނައަކީ އަނިޔާ ދިން މީހާއާ އެކު ކުއްޖާ ވެސް އަހަރެއް ހޭދަކުރަން ޖެހުމެވެ.
"މި ހުރިހާ ކަމަކުން ވެސް އަޅުގަނޑުމެންނަށް ދޭހަވަނީ އަޅައިނުލެވިފައި އޮތްކަން. ސީރިއަސްކަމެއް ނުދެވިފައި އޮތްކަން،" އޭނާ ވިދާޅުވި އެވެ.
އިންކުއަރީ ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މަތިކޮށްފައިވާ ހުރިހާ މުއައްސަސާތަކެއްގައި ތިބި އެންމެހާ މުވައްޒަފުންގެ ތަމްރީނު މިހާރު ގާނޫނުން ލާޒިމުކޮށްފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ނިޒާމުގެ ގާބިލުކަން އިތުރު ކުރުމަކީ ގާނޫނުން ލާޒިމުކޮށްފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު. އޭނާ ވިދާޅުވީ ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކުރަން އިތުރު ހުއްޖަތެއް ނެތް ކަމަށް.
"އިއްޒަތްތެރި ރައީސް، ގާނޫނަށް އަމަލުކުރަން ފެށުމުން، އަޅުގަނޑުމެން އެއްވެސް އިދާރާއަކަށް، މި ރައްޔިތުންގެ މަޖިލިސް ހިމެނޭ ގޮތުން އެއްވެސް ހުއްޖަތެއް އިތުރަށް ދެއްކޭކަށެއް ނެތް،" ޖީހާން ވިދާޅުވި އެވެ.
ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރާ މައްސަލަ މަޖިލީހުން ބަލައި، ތަހުގީގުކުރީ ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލަޔާ އެކު އުފެދުނު ބޮޑު ކަންބޮޑުވުމުގެ ސަބަބުންނެވެ. އެކުއްޖާ ރޭޕްކުރިކަމުގެ ތުހުމަތު ކުރެވެނީ ކުއްޖާގެ ކާފަ އާއި މުނިކާފައަށެވެ. ކުއްޖާގެ ބައްޕައަށް ކުރަނީ އިހުމާލުވި ކަމުގެ ތުހުމަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކީލު އަލިމަނިކުފާނު
08 June 2020
މީހަކުއެއްޗެކޭ ބުނީމަ އެމީހަކަށް ބެވުމަކީ ކަމެއްގެ ޙައްލު ފެންނާނެކަމެއްނޫން. ޖިންސީ ގޯނާއާއި އަދި އެނޫން ގިނަ މައްސަލަތަކެއްގައިވެސް ރަނގަޅަށް ތަޙުގީގު ނުކުރުމުގެ ސަބަބުން މުޖުރިމުން ދޫވެ، މުޖުތަމަޢު ފަސާދަވޭ. ރިޝްވަތާއި ކޮރަޕްޝަން ބޮޑުވީމަ މިކަން އޮންނާނީ މިގޮތަށް
ނަކަސް
08 June 2020
ތަންދޮރު ނޭގޭ ބަޔަކު ހަދާ ދެކޮަޅުނުޖެހޭ ޤާނޫނުތައް ހުރުމުން އެކަން ނުކުރެވިގެން އުޅެނީ، ހުރިހާ ޤާނުނުތަކެއްވެސް ހަދަނީ އެކްޓިވިސްޓުންނަށް ފުރުސަތު ފަހިވާ ގޮތަށް. ދެން ކޮން ވާހަކައެއްތޯ ތިދައްކަނީ، ހެކިހުރެގެން ހުކުމް ކުރީމަވެސް ވެރިކަމުގެ ބާރެއް ލިބުނީމަ ކޯޓުތައް ޙިސޯރު ކޮށްފަ ހޯރަ އިބްރާހީމް ވެސް ދޫކޮށްލީ، ވާހަކަ ދައްކަން ހަޔާތެއް ނެތެއްނޫންތޯ.
ކުމާރުު
14 February 2020
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާ އެނޫންވެސް އެހެން ކުއްތައް ކުރާ މީހުންގެ މައްސަލަތައް ރަނގަޅަށް ނުބެލި އަދަބު ހައްޤުވާ ފަރާތައް އަދަބު ނުދެވެނީ ތަނެއް ދޮރެއް ނުދަންނަ ބައެއް ގާނޫނު ހަދާ މަޖިލީހުގަ ތިބެގެން ތާކުންތާކުނުޖެހޭ ގާނޫނުތައް ހަދާތީ. ކުށް މަދުކޮށް ދައުލަތުގެ ޚަރަދު ކުޑަކުރަން ބޭނުންނަމަ މަޖިލިސް އުވާލައި، އިސްލާމީ ޝަރީއަތް ތަންފީޒް ކުރޭ، އޭރުން އަހަރެއްގެ މައްޗަށް 86،7000،000 ރުފިޔާ ސަލާމަތް ކުރެވޭނެ
ކަނބިލި
13 February 2020
މ މީނާއަކީ މީހެއްގެ ފިސާރި ޕަޕަޓެއް
ކެކެ
11 February 2020
މިހާރު ޓާގެޓަކީ އިމުރާނުދޯ؟! ޙެހެހެ
ފަގީރުކޮއެ
11 February 2020
އެހެންވިއްޔާ ކޮމިށަނަނަރް އޮފް ޕޮލިސް އަދި އެފަދަ ނާގާބިލް ވެރިންތަށް ވަކިކުރަންވީނޫންތޯ؟ އިސްލާމީ ޝަރީއަތާ އެއްގޮތަށް ހުކުމްތަށް ކުރާނެ ތެދުވެރި ފަނޑިޔާރުންވެސް އައްޔަން ކުރަންވީނޫންތޯ؟ ގާނޫނުތައްވެސް އެގޮތަށް ފުރިހަމަ ކުރަންވީނޫންތޯ؟ މަޖިލިސްްވެސް ހުސްއަނގަތަޅާ ކާޅުހާއްޔަކަށް ނުހައްދަވާ ނިކަން ލިބިފައިވާ ބާރާއެކު ކަންކަން ހައްލުކުރަންވީނޫންތޯ؟ އެފެކްޓިވް ޗޭންޖެސް ހަމަ ގެންނަންވީނޫންތޯ. (ދައުރެއްވާ މިއޮތީ އަނގައިނޗޯ ބަހުން މެޓާ)
ބަރުބަރީ
11 February 2020
ބުނަންތަ އީވާ ރަނގަޅު ވާހަކައެއް. މި ރާއްޖޭގައި މިހާރަކު ނެތް އީވާ ކަރުގެ ނާރުތައް ފުއްޕާފައި އެއްޗެކޭ ބުންޏަސް ކަހާ ތަނެއް ހިރުވާލަން ބޭނުންވާ މީހެއްވެސް. މި ރާއްޖޭ މީހުން އީވާ ތީ ކާކުކަން ވަރަށް ރަނގަޅަށް ދަސްކޮށްފި. އީވާ މިހާރުވެސް އަޑިއަޑިން މަސައްކަތް ކުރާނީ ކޮންމެވެސް އެހެން ޕާޓީއެއްގެ މީހަކު ގޯސް ކުރެވޭތޯ ނޫނީ ނަޝީދު ބުނެގެން ކައުންސިލް އިންތިހާބާ ދިމާކޮށް ކޮންމެވެސް މަޅިއެއްގައި ރައްޔިތުން ޖެއްސޭތޯ. އިވާއަށް ފަސް ފަހެތިން ފަސް ސަލާމް.
އައުފީ
11 February 2020
އީވާއަށް އެނގޭނީ ކަރު ނާރުތައް ފުއްޕާފައި ހަމައެކަނި ނަޝީދުގެ އެޖެންޑާ ހިންގަން. މީނަގެ ދެފުއް އެއްގޮތް ނޫންކަން އެނގުނު ފަހުން މީނާ ދައްކާ ވާހަކައަކީ މަގޭ ކުރިމަތީގައި މާ އަގެއް ހުރި ވާހަކަތަކަކަށް ނުވޭ.
ގުޑިއަރުވާ އަހަންމަދު
11 February 2020
ފުލުހުންނާ އަޅައިގަނެގެން ނެއްޓެން ނޭންގިގެން އުޅުން މީ ޢާއިލީ ކަމެއްތަ! ކަމެއް ކުރަންޏާ ހެއްކާބެހޭ ޤާނޫނު ނިންމަދީބަލަ
ތިލަދުންމަތި
11 February 2020
އިއްޔެ މީނަ ފާޑެއްގެ އެސްޓީއެއް ޖައްސައިގެން ދުރުދުންކަމަށް ހަދާފަ މުއާސަލާތީ ދާއިރާއަށް ބުޅާ މަސްގަޑަށް ބަލާހެން ބަލަބަލާ އޮތް އިންޑިޔާގެ ވަޅުޖަހާފައޮތް މުއާސަލާތީ ކުންފުންޏެއް އަހަރުމެންގެ މައްޗަށް ފާކުރުމުގެ ސުރުޚީ އަޅާލީ! މިއަދު އޭގެ އަނެއް ސިލްސިލާ! ފުލުހުން ނާގާބިލޭ ކިޔާފަ އިންޑިޔާގެ ފުލުހުން މިގައުމުގެ މައްސަލަތަށް ބެލުމުގެ ނަމުގައި ގެނައުމުގެ ސުރުޚީ ދޯ މިއަދު ތިޔަ އަޅާލީ!