އަނިޔާ ލިބުނު ތިން އަހަރުގެ ކުއްޖާ ދެ އަހަރު "ބަންދުގައި"!

އުމުރުން ތިން އަހަރުގައި، ގޭގައި "ބަންދުކުރި" އެ ކުއްޖާ މިނިވަންވީ، މިދިޔަ ހުކުރު ދުވަހު އެވެ. ދެ އަހަރަށް ފަހު، ރައްކާތެރި މާހައުލެއް ކަށަވަރުވީ، އަތުގައި ހިފައިގެން އެކަހެރި ތަނަކަށް ގޮސް ބެހެން އުޅުނު މުސްކުޅި ފިރިހެން މީހާ ހައްޔަރު ކުރުމުންނެވެ. އެ ކުއްޖާގެ އުމުރުން މިހާރު ފަސް އަހަރެވެ.


އޭގެ ކުރިން އާއިލާ ވެސް ތިބީ އިންސާފު ނުލިބުމުގެ މާޔޫސްކަމާ އެކު ބިރުވެރި ކަމެއްގަ އެވެ. ޖިންސީ ގޯނާގެ ރެކޯޑު އޮންނަ އެ މީހާގެ ފަރާތުން އެ ކުއްޖާ އަށް އަނެއްކާ ވެސް ކުރިމަތިވެދާނެ ނުރައްކަލެއްގެ ބޮޑުކަމުންނެވެ.

"މިހާ ދުވަހު އެ ކުއްޖާ މި ގެންގުޅުނީ އެ މީހާ އަށް ފޮރުވައިގެން. ކީއް ކުރާނީ، އެ ނޫން ގޮތެއް ހަމަ ނެތީ. އެ މީހާ ގޭގެ މަގުމަތިން ދާ އިރު ވެސް ފެނިއްޖެ ނަމަ ދައްކާފައި ބުނާނެ މަންމާއޭ އެހެރީއޭ އެ މީހާ،" އެ ކުއްޖާގެ މަންމަ ކިޔައިދިނެވެ.

އަނިޔާ ދިން މީހާ މަގުމަތީގައި މިނިވަންކޮށް ހުރެފައި، އޭނާގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލުން ސަލާމަތް ކޮށްދޭން "ޖަލެއްގައި" ދަރިފުޅު ބަންދުކުރަން ޖެހުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

އާއިލާ އިން ބޭނުން ވަނީ އެ ސުވާލުގެ ޖަވާބެވެ؛

ތިން އަހަރުގެ ކުއްޖާގެ މަންމަ "މިހާރު"އާ ވާހަކަ ދައްކަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އުމުރުން 82 އަހަރުގެ އެ މީހާ ފެންނަ ދުވަސްތަކުގައި ނަފްސާނީގޮތުން އެ ކުއްޖާ އަށް އަސަރު ކުރެ އެވެ. އެހެންވެ، އޭނާ ފެންނަ ހިސާބަށް އެ ކުއްޖާ ނުގެންދަން ޖެންޑާ މިނިސްޓްރީން ވެސް އޮތީ އެދިފަ އެވެ.

މިދިޔަ ހުކުރުދުވަހު އޭނާ ހައްޔަރުކުރީ، ދެ އަހަރު ނުފުރޭ މުނިކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގަ އެވެ.

ތިން އަހަރުގެ ކުއްޖާ އަށް އޭނާ ޖިންސީގޯނާ ކުރީ 2017 ގަ އެވެ. އާއިލާ އިން އެ މައްސަލަ ރިޕޯޓްކުރުމުން، ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބަޔާން ނެގި އެވެ.

ކަނޑުހުޅުދޫގައި ހުންނަ ޕޮލިސް ޑެސްކު. --ފޮޓޯ: ނިޝާން އަލީ/މިހާރު

ދައުލަތުގެ ނިޒާމްތަކުގެ ތެރެއިން ފިޔަވަޅު އަޅަން ބޭނުން ނަމަ، އާއިލާ އިން ބުނިގޮތުގައި، އެ ކުއްޖާ އަމިއްލަ އަށް ކިޔައިދިން ވާހަކަތައް ފުދޭނެ އެވެ. ދިރިއުޅޭ ގެ ކައިރީގައި ހުއްޓައި ގަދަކަމުން ގޮވައިގެން ގޮސް ކުރި ކަންތަކާއި ދެއްކި ވާހަކަތައް އެ ކުއްޖާ ވަނީ ތަހުގީގަށް ކިޔައިދީފަ އެވެ.

މުސްކުޅި މީހާ ދޫވެފައި ހުރެއްޖެ ނަމަ އެ ކުއްޖާ އަށް ރައްކާތެރި ކަން ނެތް ކަމުގެ ކަންބޮޑުވުން އާއިލާ އިން މުއައްސަސާތަކަށް ތަކުރާރުކޮށް ހުށަހެޅި އެވެ. އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކޮށްދީ، އިންސާފު ހޯދައިދޭން ނޭދޭ މުއައްސަސާއެއް ނެތެވެ. އެކަމަކު ވީ ކަމެއް ނެތެވެ! މިދިޔަ ހުކުރުދުވަހާ ހަމައަށް އެ ފިރިހެންމީހާ ހުރީ މިނިވަން ކޮށެވެ. އޭނާގެ ފަރާތުން ނުރައްކާ ކުރިމަތިވީ ކިތައް ކުދިންނަށް ކަމެއް ނޭނގެ އެވެ.

އޭނާ ދިރިއުޅޭ ގެ ކައިރީގައި ހުންނަ ގެއެއްގެ ކުއްޖަކާ ބެހެން އުޅުނު މައްސަލަ މިދިޔަ އަހަރު ވެސް ހުށަހެޅި އެވެ. އެކަމަކު އެ މައްސަލަ ވެސް ނުބަލަ އެވެ.

"ވަރަށް ހިތްހަމަ ނުޖެހުނު ފުލުހުން ބުނި ވާހަކަ އިން. އޭނާ ދޫވެފައި ހުރީ، އެހާ ދުވަސްވެފައި ހުރީމަ އުމުރަށް ބަލާފައޭ،" ކުއްޖާގެ ބޮޑުބޭބެއަކު ބުންޏެވެ.

"މުއައްސަސާތަކުން އިންސާފު ހޯދައިދޭން ނުކުޅެދިފައި ތިބެ ކޮން ކަހަލަ ވާހަކަތަކެއް މި ދައްކަނީ. ދެ އަހަރު ވަންދެން ކުއްޖެއްގެ މިނިވަންކަން ނިގުޅައިގަނެވޭ ގޮތަށް ބޭރަށް ނުނެރެވި ބަންދުކުރަން ޖެހުން މައްސަލައެއްގެ ގޮތުގައި ނުބެލި،"

ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ 82 އަހަރުގެ މީހާގެ ގެ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ކުއްޖާގެ މަންމަ ބުނިގޮތުގައި، ތިން އަހަރުގައި ދިމާވި ހާދިސާ އިން ކުއްޖާ އަށް ކުރިމަތިވި ނަފްސާނީ ކަންކަމަށް ފަރުވާދޭން ޑޮކްޓަރަށް ދައްކަން ވެސް އާއިލާ އިން މަސައްކަތް ކުރި އެވެ. އެކަމަށް ކުރިމަތިވި ހުރަހަކީ ޖެންޑާ މިނިސްޓްރީގެ ލިބެން ޖެހޭ ލިއުމެއް ނުލިބުމެވެ.

ކޯޓުން މައްސަލަ ނުބެލީ ބޮޑުބޭބެ އަކަށް ވާތީ!

ތިން އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލަ ތަހުގީގުކޮށް، ފޮނުވުމުން ފިޔަވަޅު ނޭޅި އޮތީ މި ރަށުގެ ކޯޓާ ހިސާބުންނެވެ. އެތަނުގައި މައްސަލަ އޮންނަތާ ދޮޅު އަހަރު ވި އިރު ވެސް ޝަރީއަތް ނުފަށާ ކަމަށް އާއިލާ އިން ބުންޏެވެ.

އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި، މައްސަލަ ނުބެލީ އޭރު ކޯޓުގެ މެޖިސްޓްރޭޓަކަށް ހުރި ހަސަންދީދީ އަކީ، ޖިންސީ ގޯނާކުރި މީހާ އަށް ބޮޑުބޭބެ ކިޔާ މީހަކަށް ވާތީ އެވެ. އެ މައްސަލަ ކުރިއަށް ނުގެންދާނެ ކަމަށް މެޖިސްޓްރޭޓް އާއިލާ މީހަކާ ދިމާލަށް ބުނި ކަމުގެ ތުހުމަތު ވެސް ކުރެ އެވެ.

"މައްސަލަ ލަސްވެގެން އެހީމަ ބުނީ ބޭނުން އިރަކުއޭ މައްސަލަ ބަލާނީ. މިކަހަލަ ނުފޫޒެއް މި އޮންނަނީ އަބަދުވެސް،" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ މައްސަލަ ދިގުދެންމި އިރު ކޯޓުގެ މެޖިސްޓްރޭޓަކަށް ހުރި ހަސަންދީދީ މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެއީ، ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައި އެ ކޮމިޝަނުން އެޅި ފިޔަވަޅެކެވެ.

މިހާ ދުވަހު ކޯޓުގައި އޮތް މައްސަލައިގެ ފައިލް ހުޅުވީ މިދިޔަ ހަފުތާގަ އެވެ. ދެ އަހަރު ނުވާ ކުއްޖާ އަށް ޖިންސީ ގޯނާކޮށް މުއައްސަސާތަކަށް ކުރިމަތިވި ޕްރެޝަރާ ގުޅިގެންނެވެ.

"ޕީޖީން ބަޔާން ނަގަން އަންނާނެ ކަމަށް އާއިލާ އަށް އަންގާފައި އެބަ އޮތް، ކީއްކުރަން މިހާރު އަންނަން ވީ، ބޭނުމެއް ނޭނގެ،" ހިތްހަމަނުޖެހިފައި ހުރި ބޮޑުބޭބެ ބުންޏެވެ.