ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވޭ ކަމަށާއި އެ މައްސަލަތަކުގެ ތަހުގީގު މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.
އިސް މެޖިސްޓްރޭޓް ހަސަން ދީދީއާ ގުޅޭ މައްސަލަތަކެއް ބަލަމުންދާތީ އޭނާ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ހުރީ ސަސްޕެންޑް ކޮށްފަ އެވެ. އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލަތަކެއް ފުލުހުން ވެސް ދަނީ ބަލަމުންނެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިސް މެޖިސްޓްރޭޓް ހަސަންގެ މައްސަލަ އެ ކޮމިޝަނަށް ހުށަހެޅީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަމަށެވެ. އޭގެ ފަހުން، އޭނާއާ ގުޅޭ ހަތް މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާ ކަމަށް ބަޔާނުގައި ވެ އެވެ.
އިސް މެޖިސްޓްރޭޓް ހަސަން ދީދީ އަށް ކުރާ ތުހުމަތު:
1- މުވައްޒަފުންނަށް ޖިންސީ ގޯނާކުރުން.
2- މާލިއްޔަތު ގަވާއިދާ ޚިލާފަށް އަމަލުކުރަން މަޖުބޫރު ކުރުވުން.
3- ހަޑިހުތުރު ބަހުން އެއްޗެއް ގޮވުން.
4- މުވައްޒަފުންނަށް ބަރަހަނާ ވީޑިއޯ ދެއްކުން.
5- ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުން.
6- ހެކިންގެ ބަޔާން ނެގުމަށް ހުރަސް އެޅުން.
7- މާރާމާރީ ހިންގުމަށް ހިތްވަރު ދިނުން.
އެ މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ޖުލައި މަހު ފުރަތަމަ އޭނާ ސަސްޕެންޑްކުރީ އެ ކޮމިޝަނުން މައްސަލަ ނިމެންދެން ކަމަށާއި އެކަމުގައި ޖިނާއީ ކަންތައްތަކެއް ފާހަގަވުމުން އެކަން ފުލުހަށް ހުށަހަޅައި، ފުލުހުން އެ މައްސަލަ ބަލަން ފެށުމުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީގެ ބަޔާނުގައިވާ ގޮތުން އެ މައްސަލަތަކުގައި އެ ކޮމިޝަނުން މިހާރު ކުރަމުން ދަނީ ތަހުގީގު ރިޕޯޓުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތެވެ.
ކަނޑުހުޅުދޫ މެޖިސްޓްރޭޓްގެ މައްސަލަތަކެއް ޖޭއެސްސީން ބަލަމުންދާއިރު، އެރަށުގެ ދެ އަހަރު ނުފުރޭ ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. ގިނަ ބައެއް ފާޑުކިޔުންތަކެއް އަމާޒުވަމުން އަންނަނިކޮށް، ފުލުހުން މިހާރު ވަނީ އެ ދެ މީހުންނާއި އެ ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށް ތަހުގީގު ފަށައިފަ އެވެ.