ރިޕޯޓް / ކުޑަކުދިންގެ ހައްގުތައް

ޝިކާރަވެރިންގެ ބޮޑު ޕަސެންޓެއް ކުށް ސާބިތުނުވެ ދޫވެފައި!

މަގެއްގެ މަތީގައި ކުޑަ ކުއްޖަކު މަޑުކޮށްލައިގެން: ކުޑަކުދިންނަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލަތަކުގައި އިންސާފެއް ނުލިބޭ. --ފޮޓޯ: ނިޝާން އަލީ/މިހާރު

މިސްކިތުގައި، ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި ކަމުގެ ކިތަންމެ ހެއްކެއް ހުއްޓަސް 14 އަހަރުވި އިރު ވެސް ދައުލަތުގެ މުއައްސަސާތަކުން އިންސާފެއް ނުލިބުނެވެ. މުދިމު ހުރީ މިނިވަންކަންމަތީ މުޖުތަމައަށް ދޫވެފަ އެވެ. އެ މައްސަލައިގެ އިންސާފުގެ ހުރިހާ ދޮރެއް މިހާރު ވަނީ ބަންދުވެފަ އެވެ.

ގއ. ކަނޑުހުޅުދޫގައި، ދެ އަހަރު ނުފުރޭ ކުއްޖަކު ރޭޕްކުރީ، ހަމަ އެގޮތަށް ފިޔަވަޅު ނޭޅި، ނިޒާމުގެ ތެރެއިން ހިމާޔަތް ހޯދައިގެން އުޅުނު އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ކަމަށް ތުހުމަތު ކުރެވެ އެވެ. ދެ މީހުން ހައްޔަރުކޮށްފައި މިހާރު ތިއްބަސް އެތައް ކުދިންނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ދެ މީހުންގެ މައްޗަށް ވެސް ކުރެ އެވެ.

މި ދެ މައްސަލައިގައި ވެސް ކުޑަކުދިންނަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ހިމާޔަތް ހޯދީ، މުއައްސަސާތަކަށް އަތްގަދަކޮށް، ނުފޫޒާއި ބާރުންނެވެ. ކޮންމެވެސް އެއް މުއައްސަސާއަކަށް މައްސަލަ ފޮނުވާ ހިސާބުން އެ މީހުން މައްސަލަތަކުގައި އަތްއަޅައި އިންސާފާ ހަމައަށް ވާސިލްވިޔަކަ ނުދެ އެވެ!

މިދިޔަ 15 އަހަރު ރާއްޖޭގައި ޖިންސީގޯނާގެ ގިނަ މައްސަލަތައް އެނބުރިފައި ވަނީ މި ދެ މައްސަލައިގައި ކަން ހިނގި ގޮތަށެވެ. ޖިންސީގޯނާގެ މައްސަލަތައް ގިނަވެ، އުފެދުނު ކަންބޮޑުވުންތަކާ އެކު ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ހެދި އިންކުއަރީން އެކަން ސާފެވެ.

ޖިންސީ ޝިކާރައަކަށް ވެ އިންސާފުން މަހްރޫމް ވެފައިވާ ކުދިންގެ އަދަދާއި ތުހުމަތު ކުރެވޭ މީހުން މިނިވަންވެ، ނުރައްކަލަކަށް ހުށަހެޅިފައިވާ އެތައް ކުދިން ތިބި ކަން އެ ރިޕޯޓުގައި އޮތީ ފެންނާށެވެ.

ކަމާގުޅުން ހުރި މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި މައުލޫމާތު އާއްމުންނަށް ތިލަކޮށްދިން އެ ރިޕޯޓުގައިވާ ގޮތުން، ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ޖިންސީގޯނާގެ 3،135 މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު، މީގެ ތެރެއިން ތަހުގީގު ނިމި، (ކުރިން އެޓާނީ ޖެނެރަލްގެ އޮފީހަށް، 2008 ގެ ފަހުން ޕީޖީ އޮފީހަށް) ފޮނުވީ 1،220 މައްސަލަ އެވެ. މީގެ ތެރެއިން ކޯޓުތަކާ ހަމައަށް ފޯރާފައި ވަނީ 1،146 މައްސަލަ އެކެވެ. ބާކީ ހުރި ގިނަ މައްސަލަތަކުގައި އިންސާފު ނުލިބި ފެންނަން އޮތީ މުއައްސަސާތަކުގެ އިހުމާލެވެ!

އެ ރިޕޯޓުގައިވާ ގޮތުން މީގެ ތެރެއިން ކޯޓުތަކުން ޝަރީއަތް ނިންމި 1،085 މައްސަލައިގެ ތެރެއިން ކުށް ސާބިތުވީ 391 މައްސަލައެއްގަ އެވެ. އެއީ ޝަރީއަތް ކުރި މައްސަލަތަކުގެ 36 ޕަސެންޓެވެ. އަނެއް 492 މައްސަލައިގައި ކުށް ސާބިތެއް ނުވެ އެވެ.

މިގޮތުން ވޭތުވެދިޔަ 15 އަހަރު ކޯޓުތަކަށް ހުށަހަޅާފައިވާ ގާތްގަނޑަކަށް 1146 މައްސަލައިގެ ތެރެއިން ކޯޓުތަކުން ޝަރީއަތް ނިންމާފައި ވަނީ 94 އިންސައްތަ މައްސަލައެއްގައި ކަމާއި އެ މައްސަލަތަކުގައ ދައުވާ ލިބޭ ފަރާތްތަކުގެ ތެރެއިން ކުށް ސާބިތުވެފައި ވަނީ ގާތްގަނޑަކަށް 36 ޕަސެންޓް މީހުންގެ މައްޗަށް ކަމާއި އޭގެތެރެއިން 45 ޕަސެންޓުގެ މީހުންގެ މައްޗަށް ކުށްސާބިތުނުވާތީ މުޖުތަމައުގެ ތެރެއަށް އެ ފަރާތްތައް ދޫވެފައިވާ ކަމާއި އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަން. --ރިޕޯޓް

15 އަހަރުގެ ޚުލާސާ:

- ކުޑަކުދިންނަށް ޖިންސީގޯނާކުރުމުގެ މައްސަލަތައް ދަނީ އިތުރުވަމުން. އެންމެ ގިނަ މައްސަލަ ރިޕޯޓްކުރީ 2013-2015 އަށް. މި މުއްދަތުގައި 740 މައްސަލަ ރިޕޯޓްކުރި.

- މިދިޔަ 15 އަހަރުގައި ހުށަހެޅި މައްސަލަތަކުގެ ތެރެއިން 2،209 (70 ޕަސެންޓް) މައްސަލައިގެ ތަހުގީގު ނިންމަން އަހަރަކަށް ވުރެން ގިނަ ދުވަސް ހޭދަވި.

- މައްސަލައެއްގެ ތަހުގީގު ނިންމަން 10 އަހަރު ފުލުހުން ހޭދަކޮށްފައިވޭ.

- ދައުވާކުރަން ފުލުހުން ޕީޖީ އަށް ފޮނުވި މައްސަލަތަކުގެ 18 ޕަސެންޓް ކޯޓަށް ފޮނުވަން އަހަރަކަށް ވުރެން ގިނަ ދުވަސް ހޭދަވި. މައްސަލައެއްގައި އެ އޮފީހުން ހޭދަކުރި އެންމެ ދިގު މުއްދަތަކީ 8 އަހަރު.

- ޕީޖީން ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 350 (30 ޕަސެންޓް) މައްސަލައިގެ ޝަރީއަތް ނިންމަން އަހަރަކަށް ވުރެން ގިނަ ދުވަސް ހޭދަވެ އިންސާފު ވަނީ ލަސްވެފައި.

- ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އާއި ޕީޖީ އޮފީހާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް ސާވިސް އެޑްމިނިސްޓްރޭޝަންގެ މައުލޫމާތުން އެނގެން އޮތީ ޖިންސީގޯނާގެ ޝިކާރައަކަށް ވީ ކުދިންނަށް އިންސާފު ހޯދައެއް ނުދެވޭ.

- އެކަށީގެންވާ ގޮތެއްގައި ފުލުހުން މައްސަލަތައް ތަހުގީގުކޮށްފައެއް ނުވޭ.

- ކުޑަކުދިންގެ ޖިންސީގޯނާގެ މައްސަލަތަކުގައި ހިމެނޭ ބައެއް މީހުންނަށް ނަސޭހަތްދީ ފުލުހުން މައްސަލަތައް ފައިލްކުރޭ. މިއީ، މުޖުތަމައުގައި ކުދިންނަށް ކަށަވަރުކޮށްދޭން ޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދޭން އެޅޭ ހުރަހެއް އަދި ޖިންސީގޯނާގެ ޝިކާރައަކަށް ކުދިން ހެދުމަށް ދެވޭ ފުރުސަތެއް ކަމަށް ރިޕޯޓުގައި ފާހާގަކޮށްފައިވޭ.

- ކުޑަކުދިންނަށް ޖިންސީގޯނާކުރާ މައްސަލަތައް، މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސްގައިި ކަމާގުޅޭ މުއައްސަސާތަކުން ހިމަނާފައި ނުވޭ. މިކަމުގެ ސަބަބުން މައްސަލަތައް ރަނގަޅަށް މޮނިޓާއެއް ނުކުރެވޭ.

- ކުޑަކުދިންގެ ޖިންސީގޯނާގެ ބައެއް މައްސަލަތަކުގެ ތަހުގީގު ހިނގާ ގޮތް ޖެންޑާ މިނިސްޓްރީން މޮނިޓާއެއް ނުކުރޭ. ފައިލްކުރާ ބައެއް މައްސަލަތައް ފުލުހުން ވެސް އެ މިނިސްޓްރީ އަށް ހުށައެއްނާޅާ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ. --ފޮޓޯ/މަޖިލީސް

ޖިންސީގޯނާގެ މައްސަލަތަކުގައި އަމަލުކުރާ އުސޫލެއް ނެތް؟

އިންކުއަރީ ކުރިއަށް ގެންދަން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ޖިންސީ ގޯނާގެ މައްސަލަތަކުގައި މުއައްސަސާތަކުން އަމަލުކުރާނެ އުސޫލު ފޮނުވައިދޭން އެދިފަ އެވެ. އެކަމަކު، ކުޑަކުދިންގެ ޖިންސީގޯނާގެ މައްސަލަތައް ރިޕޯޓްކުރުމުން އެ ކުދިންގެ ހާލަތު އެސެސްކުރުމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ޖެންޑާ މިނިސްޓްރީން އެކަމުގައި އަމަލުކުރާނެ ވަކި ޚާއްސަ އުސޫލެއް ފޮނުވާފައި ނުވާ ކަން ރިޕޯޓުގައި ކަންބޮޑުވުމެއްގެ ގޮތުގައި ލިއެފައިވެ އެވެ. މިނިސްޓްރީން ފޮނުވީ ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދެމުން އަންނަ މީހުން އެއް މަރުކަޒުން އަނެއް މަރުކަޒަކަށް ބަދަލުކުރުމުގައި އަމަލަކުރަންވީ ގޮތުގެ އުސޫލެވެ.

ރަށެއްގައި މީހަކު ބައިސްކަލް ދުއްވާފައިދާ އިރު މަގުމަތީގައި ކުޑަ ކުއްޖަކު މަޑުކޮށްލައިގެން. --ފޮޓޯ: ނިޝާން އަލީ/މިހާރު

އެހެންކަމުން، ކުޑަކުދިންގެ ޖިންސީގޯނާގެ މައްސަލަތައް ރިޕޯޓްކުރާ ހިސާބުން ޖެންޑާ މިނިސްޓްރީން އަމަލުކުރާ ވަކި ޚާއްސަ އުސޫލުތަކެއް މިހާތަނަށް އެކަށައަޅާފައި ނެތީތޯ ސުވާލު އުފެދެ އެވެ.

މިފަދަ މައްސަލަތައް ބަލަން އެ މިނިސްޓްރީ އަށް ހުރި ގޮންޖެހުންތައް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ރަށްރަށުގައި ހުންނަ މިނިސްޓްރީގެ ސެންޓަރުތަކުގައި މުވައްޒަފުންގެ ދަތިކަމާއި ބަޖެޓުގެ ދަތިކަން ފާހަގަކޮށްފައިވެ އެވެ. އެންމެ ބޮޑު ދައްޗަކީ މަދު ކޭސްވޯކަރުންތަކަކާ އެކު މުޅި ރާއްޖޭގެ މައްސަލަތައް ބަލަން ޖެހުމެވެ.

ޖިންސީގޯނާގެ މައްސަލަތަކުގައި ފުލުހުން އަމަލުކުރާ އުސޫލު ވެސް ކޮމިޓީއަކަށް ނުފޮނުވަ އެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ފުލުހުންގެ ފަރާތުން އެ އުސޫލު އަދި މައްސަލަތަކުގައި ދިމާވާ ގޮންޖެހުންތައް ނުލިބެ އެވެ.

Offenders | Child Sex Offenders Registry

Offenders | Child Sex Offenders Registry

ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓްގެ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާގައިވާ ގޮތުން މައްސަލައެއް ހަވާލުކުރާތާ 10 ދުވަސް ތެރޭގައި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރަން ވާނެ އެވެ. އެކަމަކު، މި މުއްދަތު އިންތިހާ އަށް ދިގުލައި ބައެއް މައްސަލަތަކުގައި 10 އަހަރު ވެސް ހޭދަވެފައި އެބަހުއްޓެވެ.

ތަހުގީގުކުރާ އޮފިސަރެއްގެ އަތުގައި އެއްފަހަރާ 20 މައްސަލައަށް ވުރެން އިތުރަށް ހުރެގެން ނުވާނެ ކަމަށް އެ އުސޫލުގައި ކަނޑައަޅާފައި ވެ އެވެ. ނަމަވެސް، އެ އަށް ވުރެން ގިނަ އަދަދަކަށް ބައެއް އޮފިސަރުންނާ މައްސަލަތައް ހަވާލުކޮށްފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ.

މައްސަލަތަކުގައި އަމަލުކުރަމުން އަންނަ އުސޫލުތަކަކީ މުއައްސަސާތަކުން މުރާޖައާ ކުރާ އުސޫލުތަކަކަށް ވާތީ، ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ވެސް މިހާރު އަމަލުކުރާ އުސޫލެއް ސާފުނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އިންކުއަރީ އަށް ފޯރުކޮށްދިން މައުލޫމާތުތަކުގައި ބުނެފައި ވަނީ އިދާރާތައް ގުޅިގެން މައްސަލަތަކުގައި އަމަލުކުރާނެ އުސޫލެއް ނެތުމަކީ ދަތިތަކެއް ކުރިމަތިވަމުންދާ ކަމެއް ކަމަށެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ 48 ވަނަ މާއްދާގައި ކުޑަކުދިންގެ ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ އިޖުރާއަތާ އެއްގޮތަށް ހެކި ބަސް ނެގުމުގެ އިންތިޒާމް ކޯޓުތަކުގައި ހަމަޖެހިފައި ނެތުމާއި އެކަށީގެންވާ އަވަސް މިނެއްގައި ޝަރީއަތްތައް ކުރިއަށް ނުދިއުމުގެ ސަބަބުން ހެކި ބަސް ނުލިބުން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން މައްސަލަތައް ތަހުގީގު ކުރާއިރު ހުށަހަޅާ މައްސަލައިގެ އިތުރުން އެ މައްސަލައިގައި ވަށައިގެންވާ ކަންކަން ބަލާފައި ނުހުންނާތީ އާއި އަނިޔާ ލިބޭ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްނުދޭތީ ވެސް ޕީޖީ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މުއައްސަސާތަކުގައި އިންސާފު ގާއިމްކޮށްދިނުމުގެ ހުރަހަކަށް ވެފައި ހުރި ކަންކަން ހައްލުކުރާނެ ގޮތްތަކެއް ވެސް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ހުށަހަޅާފައިވެ އެވެ. މި ހައްލުތަކަށް މުއައްސަސާތަކުން މަސައްކަތް ނުކޮށްފި ނަމަ، އެއީ ޖިންސީގޯނާގެ މައްސަލަތަކުގައި ދެން ވެސް ދައުލަތަށް ވެވޭ ބޮޑު އިހުމާލެކެވެ!

15 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 43%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަން

14 February 2020

ކުއް ކުރާ މީހުން ގެ ޕަސެންޓޭޖު އިތުރުވާ މިންވަރަށް ބަލާއިރު ޕޮލިހުންގެ އިހުމާލު ވަރައް ބޮޑު

The name is already taken The name is available. Register?

މަރޭމިތުރާމީ

10 February 2020

ދައުލަތުގެ އިދާރާތަކާއި ގުޅިގެން ކަމެއްގެ ހައްލުހޯދަން އުޅެގެން ވަރަށް މަދުފަހަރަކުނޫނީ ނުވޭ! ހަމަ ގައިމު އަހަރެންވަނީ އެތަޖްރިބާކޮށްފައި، ދަރިފުޅާއި ބައްދަލުކުރުމަށް އެދި ޖެންޑާއަށް އެދިގެން އުޅޭތާ 5އަހަރު ހަމަ އެއާއެކު ނޫސްތަކަށްވެސް މިކަން އަންގައިފައިވާއިރު އަދިވެސް ކޮޅެއްނުފެނޭ! ވަކިޖިންސަކަށް ތަފާތުކުރުމުގެ ވިސްނުން ހުންނަކަމަށް ބެލެވޭ!

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީހާސަރު

10 February 2020

ސަޅި" ސުވަރުގޭގެ "ނަމުން މަޝްހޫރު އަހަރުމެންގެ މިގައުމު. 1978 ފެށިގެން 2008 ހަމަޔަށް ( ވިކްޓިމްސް ކްރިމިނަލްސް އޮޅުން ބޮޅުންކުރެވި ސިޔާސީ ޒާތީ ކުރެވިފަ ) 2008 ފެށިގެން 2012 ހަމަޔަށް ( ފަނޑިޔާރުން ، ޕޮލިހުން ސިޔާސީ 30އަހަރުވީ މަސްދަރުގެ ކޯލިޝަން އެކުގަ ) ކްރިމިނަލްސް ވީއްލި ރާއްޖޭގެ މަގު ކަންމަތީ ޒޯންތަކަށް ބެހުގެން ވީއްލުނު ކްރިމިނަލްސްއަށް ( ގޭންގް ) ކިއައިގެން އެ ވީއްލުނު ކްރިމިނަލްސް 3 ކަފިވެ ހަރުކަށިވެ މަސްތީވިޔަފާރި ކޮށް އޮގަނައިޒް ކުރި #-1

The name is already taken The name is available. Register?

ޤާނޫނު

10 February 2020

ރާއްޖޭގައި ޤާނޫނާއި ޤަވާޢިދު ހެދު މަކީ ބަޔަކު ޢާ މްދަނީ ހޯދު މުގެ ނަ މުގައި ހޭދަކުރާ ވަގުތުތަކެއް. އޭގެއިން ޢާ މުންނަށް އުފާވެރިކަ މާއި ރައްކާތެރިކަން ލިބު މުގެ ބަދަލުގައި ލިބެ މުންދަނީ އަނިޔާ

The name is already taken The name is available. Register?

ކަނަމަނަ

10 February 2020

އަޅެފަހެ މިމަޖިލިސްމީ ތަހުގީގީ އިދާރާއެއްތަ މިރާއްޖޭގެ ތަހުގީގީ އިދާރާތަކުގެބާރުކަޑުވާ ހުރިހާކަމެއްގެތެރެއައް އަތްބާނާއިރުވެސް ހަމަބަލަހައްޓައިގެން ދިވެހިރައްޔަތުންމީ ބޮލުގައެއްޗަކުން ޖެހިފަތިބިބައެއްތަ؟؟؟؟

The name is already taken The name is available. Register?

އަންހެން

10 February 2020

މމީއަދި ރިޕޯޓު ކޮށްފަ ހުރި މައްސަލަ. ރިޕޯޓު ނުކޮށް ހުރި މައްސަލަތައް އަދި މާ ގިނަވާނެ.

The name is already taken The name is available. Register?

ހަކީމް

10 February 2020

ދޫވެފަކާއެއް ނޫން ... ޝަރުއީ ކޯޓުތަކާ މުއްސަސާ ތަކާ މިނިސްޓްރީތަށް ވަނީ ބޮޑުތަނުން ފޭލު ވެފަ. ގޮތެއް ނެތީމަ ވޯޓު ދެނީ. ބޮޑު މުސާރަ ނަގައިގެން ތިބެނީ. ހަލާލެއް ނުވާނެ.

The name is already taken The name is available. Register?

ބުރޭ

10 February 2020

ކޮންއެއްޗަކަށް ބިނާކޮށް 14 އަހަރު އޭ ތިބުނީ، ލިޔުންތެރިޔާ އަށް އިނގޭ ބާ ކުރިން ކަތީބުޒަމާނުއްސުރެ ހިނގާ ކަމެއްކަން،

The name is already taken The name is available. Register?

ދޮންހިޔަލަ

10 February 2020

ގދ.ވާދޫގަ 4 ކުދިން ރޭޕްކުރި 70 އަހަރުގެ މީހާ އަދިވެސް ހެޔޮހާލުގަ އެބައުޅޭ. އެކަމަށް ފިޔަވަޅު އެޅޭނީ ކޮން ދުވަހަކުން؟

The name is already taken The name is available. Register?

ސުވާލެއް

10 February 2020

ހަމަ ހަޤީޤަތް ބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454