މުދިމު ޖިންސީ ގޯނާކުރި މައްސަލަ، ގާނޫނީ ހުރަސްތަކާ ހެދި އަނބުރާ ނަގައިފި

ކްރިމިނަލް ކޯޓުގައި އޮންނަތާ 10 އަހަރު ފަހުން ސާބިތުނުވާ ކަމަށް ހުކުމް ކުރި ޖިންސީ ގޯނާގެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރުމަށް ފަހު، ގާނޫނީ ހުރަސްތަކާ ހެދި އެ މައްސަލަ އަނބުރާ މިއަދު ނަގައިފި އެވެ.


ރާއްޖޭގެ މެދުތެރޭގެ ރަށަކަށް ނިސްބަތްވާ ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ 2006 ގައި ފެންމަތިވެ ދައުލަތުން ދައުވާކޮށް ކޯޓުގައި އޮންނަތާ 10 އަހަރު ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ކްރިމިނަލް ކޯޓުން ނިންމީ އެ ދައުވާ ކުރި އިރު އަމަލުކުރި ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބުނާ ގޮތަށް، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތު ނުވާ ކަމަށެވެ. ކޯޓުގައި ތާށިވެފައި އޮތް މި މައްސަލައިގެ ހުކުމާ އެކު އަނިޔާ ލިބުނު ކުދިން (މިހާރު 18 ފުރިފައިވާ އަންހެނުންނާއި) އާއިލާތަކުން ވަނީ އިންސާފު ނުލިބުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އަނިޔާ ލިބުނު ކަމަށް ބުނާ ކުދިން ދެއްކި ވާހަކައެއް ފިޔަވައި އެހެން އެއްވެސް ހެއްކެއް ޝަރީއަތަށް ހުށަހަޅާފައި ނެތުމުން، އެ ދައުވާކުރި އިރު އަމަލުކުރި ގާނޫނުއަސާސީގައި ބުނާ މިންގަނޑުން ކުށް ސާބިތު ނުވާތީ އެވެ.

ޖިނާއީ ކުށެއްގައި ކުށް ސާބިތުކުރުމުގައި ބަލާނީ އެ ހާދިސާއެއް ހިނގި އިރު އަމަލުކުރި ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި އެ ކުށަކާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ ގޮތަށެވެ. އެހެންވެ މިހާރުގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން މި މައްސަލާގައި އަމަލުކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.

މި މައްސަލައިގައި ތުހުމަތުކުރަނީ ގުރުއާން ކިޔަވައިދޭން މިސްކިތަށް ގެންގޮސްގެންނާއި އޭނާގެ ގޭގައި ކިޔަވައިދިން އިރު ގިނަ އަންހެން ކުދިންތަކަކަށް މުދިމަކު ޖިންސީ ގޯނާކުރި ކަމަށެވެ.

ކޯޓުތަކުގައި އަހަރުތަކެއްވީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މުދިމު ސަލާމަތްވުމުން، މިކަން ސަމާލުކަމަށް އައިސް، މައްސަލަ އަލުން ބަލަން މުއައްސާސާތަކަށް ބާރުއެޅީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީންނެވެ. ހައި ކޯޓުގައި މައްސަލަ އިސްތިއުނާފްކުރީ ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލަކަށް އައިޝަތު ބިޝާމް ހުންނަވަނިކޮށެވެ.

ހައި ކޯޓުން މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ނިންމާލައިފަ އެވެ.

ދައުވާ ނެގީ ގާނޫނުއަސާސީއާ ޚިލާފު ނުވުމަށް: ޕީޖީ

ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް "މިހާރު"އަށް ވިދާޅުވީ އެ ދައުވާ ސާބިތުކުރަން ގާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މައްސަލަ އަނބުރާ ނެގީ ގާނޫނުއަސާސީއާ ޚިލާފު ވާހަކަތަކެއް ކޯޓުގައި ދައްކަވަން ބޭނުން ނުވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޖީ ފާހަގަކުރެއްވި ގޮތުގައި ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައި ވަނީ މިހާރު އަމަލުކުރާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށުމުގެ ކުރިންނެވެ. އެހެންވެ، ދައުވާ ސާބިތުކުރުމަށްޓަކައި މިހާރުގެ ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތަށް އަމަލުކުރުމުގެ ގާނޫނީ ބާރެއް ނޯންނާނެ އެވެ.

އާ ގާނޫނުއަސާސީގެ ދަށުން ދައުވާ ސާބިތުކުރުމުގެ މިންގަނޑު ވަނީ ބަދަލުވެފަ އެވެ.

ކުށެއް ކުރި ކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ ހައްގުތައް ބަޔާންކުރާ، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ވަނީ، އެ މާއްދާގެ ދަށުން އެ މީހަކު ކުށެއް ކޮށްފި ކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތަށް ސާބިތު ނުކުރެވޭ ނަމަ އެއީ ކުށެއް ނެތް މީހެއް ކަމަށް ބެލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން ޖިނާއީ ކުށް ސާބިތުކުރާ މިންގަނޑަކީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބަޔާންކޮށްފައިވާ މިންގަނޑު ކަމާއި ހެއްކާ ބެހޭ ގާނޫނުގެ ހަ ވަނަ މާއްދާގައި ބުނާ މިންގަނޑުން އޭގެ ފަހުން ޖިނާއީ މައްސަލަަތައް ސާބިތު ނުކުރެވޭނެ ކަން ކްރިމިނަލް ކޯޓުގެ ހުކުމުގައި ވެސް ފާހަގަކޮށްފައިވެ އެވެ. ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އެ ކަންކަމަށް ރިއާޔަތްކޮށްފަ އެވެ.

"ކުށް ސާބިތުކުރުމުގެ މިންގަނޑު ބަދަލުވެފައި ވަނިކޮށް، ކޯޓުގައި ޕީޖީއަކަށް ވެސް ގާނޫނުއަސާސީއާ ޚިލާފެއް ނުވެވޭނެ. ގާނޫނީ ހުރަސްތަކެއް މި މައްސަލައިގައި ކުރިމަތިވެފައި ވަނީ،" ޝަމީމް ވިދާޅުވި އެވެ.

ގާނޫނާ ޚިލާފު ނުވާން މައްސަލަ އަނބުރާ ނެންގެވި އިރު، ޖިންސީ ޝިކާރައަކަށް ވީ ކުދިންތަކަކަށް އިންސާފު ނުލިބުމުގެ ކަންބޮޑުވުން ޕީޖީގެ ވެސް އެބައޮތެވެ. އެހެންވެ، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އާއިލާ އަށް ހިއްސާކޮށްދޭން ޕީޖީ ވަނީ ނިންމަވައިފަ އެވެ.

މައްސަލަ އަނބުރާ ނެންގެވި ސަަބަބު އާއިލާތަކަށް ސާފުކޮށްދެއްވަން މި ހަފުތާ ނުވަތަ އަންނަ ހަފުތާގައި ޕީޖީ އެ ރަށަށް ވަޑައިގަންނަވާނެ އެވެ.

"އަޅުގަނޑު ނިންމައިގެން މިހުރީ، އާއިލާތަކާ ބައްދަލުކޮށްފައި ގާނޫނީ ގޮތުން މި ދިމާވި ހުރަސްތައް ކިޔައިދޭން،" ޝަމީމް ވިދާޅުވި އެވެ.

ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި ހުކުމުގައި ވެސް، މައްސަލައިގެ ތަހުގީގު ހިންގާފައި ވަނީ އޭރު އެ ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑުންތޯ ބެލި ނަމަވެސް އެ މާއްދާގައި ބުނާ ކަންކަމުގެ ތެރެއިން ފަސް ކަމެއް މައްސަލައިގައި ނެތް ކަން ހުކުމުގައި ވެސް ފާހަގަކޮށްފައިވެ އެވެ.

"މިގޮތުން، މި މައްސަލައިގައި ހެކީގެ ގޮތުގައި ހުރީ އަނިޔާ ލިބުނު ކުދިން ބުނާ ވާހަކަތަކާއި އެ ކުދިން އެހެން ކުދިންނާއި ބައެއް މީހުންނަށް ކިޔައިދިން ވާހަކަތައް ކަމާއި އެއަށް ބާރުދޭ އިތުރު އެއްވެސް ހެއްކެއް، ގަރީނާއެއް ނެތުމުން ދައުވާ ލިބޭ ފަރާތުގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ނުވާ ކަމަށް ޝަރީއަތުން ކަނޑައަޅާފައިވެ އެވެ،" ހުކުމުގައިވެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު އައީ ވެސް މި މައްސަލައިގެ މާ ފަހުންނެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ ގާނޫނުގެ ދަށުން ބަލާއިރު ވެސް ކުށް ސާބިތުކުރަން، ކުދިންގެ ވާހަކަތަކަށް ބާރުލިބޭ އެއްވެސް ހެއްކެއް ޝަރީއަތަށް ހުށަހަޅައިފައެއް ނުވެ އެވެ.