އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިލސް
12 ނޮވެމްބަރ 2019 - 14:59
ރައްޔިތުންގެ ޖީބަށް އިތުރު ނުވާ ނަމަ، ދައުލަތުގެ ބަޖެޓު ބޮޑު ކުރުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސްގައި ސަލީމް ވިދާޅުވީ އެއް އަހަރުން އަނެއް އަހަރަށް ބަޖެޓު ބޮޑުވަމުންދާ އިރު، ރައްޔިތުންގެ ޖީބަށް "ބޮޑު ނުވާ ނަމަ" އެކަމުން ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ.
މިދިޔަ އަހަރަށް ލަފާކޮށް، މަޖިލިހުން ފާސްކުރީ 30 ބިލިއަނަށް ވުރެ ބޮޑު ބަޖެޓެކެވެ.
"ދައުލަތުގެ ބަޖެޓު ބޮޑުވާ މިންވަރަކުން ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ވެގެން ދާން ޖެހޭނެ. އެހެން ނޫން ކަމަށްވާ ނަމަ، ދައުލަތުގެ ބަޖެޓު ބޮޑު ކުރުމުގެ ބޭނުމެއް ނެތް،" ސަލީމް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާ ކުރި ބަޖެޓުގައި ރިކަރަންޓު ހަރަދުގެ ގޮތުގައި 60 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް ހޭދަވާކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ ސަރުކާރުގެ ބައެއް އޮފީސްތަކުން ބޭކާރު ހަރަދު ކުރާތީ އެކަން ފިނޭންސް މިނިސްޓްރީ ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު އޮފީސްތަކުގެ ގޮނޑި ސެޓް ބަދަލުކޮށްލުމަކީ އާންމު ކަމެކެވެ. އެކަށީގެން ނުވާ ހަރަދުތައް އޮފީސްތަކުން ކުރާ ކަމަށް ވިދާޅުވެ ސަލީމް ވަނީ އެމެރިކާގެ "ނާސާގައި ހުންނަ ސިސްޓަމަށް ވުރެ ވަރުގަދަ" ސިސްޓަމްތައް އޮފީސްތަކަށް ގެންނަ ކަމަށް ވިދާޅުވެފަ އެވެ.
"މިސާލަކަށް 300 ޑޮލަރަށް ލިބޭ އެއްޗެއް ގަނެފާނެ، 600 ޑޮލަރަށް ނޫނީ 900 ޑޮލަރަށް. މިހެން ކަންތައްތައް ހިނގާފައި އެބަހުރި. އަޅުގަނޑު އުންމީދުކުރަން ކުރިއަށް އޮތް ތަނުގައި މިކަންކަން ހިނގުން ހުއްޓުވާނެ ކަމަށް،" ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރައްވާ ސަލީމް ވިދާޅުވި އެވެ.
މިފަދަ ކަންކަން ހުއްޓުވުމަކީ ސަލީމް ވިދާޅުވި ގޮތުގައި ބަޖެޓަށް ލުއި ލިބޭނެ ކަމެކެވެ.
މީގެއިތުރުން ދައުލަތުގެ ކުލިތައް ބޮޑުވެގެން ދިޔަ ނުދީ އެއް ވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި އެކަން ނުވެއްޖެ ނަމަ، ތަކެތީގެ އަގާއި އެހެނިހެން ހިދުމަތްތަކުގެ އަގު އަރައިގެން ދިއުން އެކަށީގެންވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް
އޮފީސްތަކުގެ ދަތުރުތައް ގިނަކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ ދައުލަތުގެ ދަތުރުތައް ކުރަން ވާނީ ވީހާ ވެސް މަދު މީހުން ބޭނުންކޮށްގެން ކަމަށެވެ. އަދި ރާއްޖޭގެ ރަށްރަށަށް ދަތުރުކުރަން އޮތް ނަމަ، މިނިސްޓްރީތަކާ ގުޅިގެން އެއް ދަތުރަކަށް ހެދޭނެ ނިޒާމުތަކެއް ގާއިމުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އެކަމުގެ ސަބަބުން ވެސް ދަތުރު ހަރަދު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކަށް ވާން ވާނީ ރާއްޖޭގެ ހުރިހާ ރަށްރަށަށް ހަމަހަމަކަމާ އެކީގައި ތަރައްގީގެ މަޝްރޫއުތައް ގާއިމުކޮށް ދިނުން ކަމަށެވެ. އަދި ކިތަންމެ އާބާދީ ކުޑަ ރަށެއް ވިޔަސް، ޖަޒީރާވަންތަ ގޮތަކަށް އެ ރަށެއް ވެސް ތަރައްގީ ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ރަށެއް އިހުމާލު ވެގެން ނުވާނެ. ވަކި ބޮޑު ރަށެކޭ ކިއާފައި ވަކި ސަރަހައްދަކަށް، ވަކި ދިމާލަކަށް އަމާޒުކޮށްގެން ވޯޓު ހޯދުމުގެ މަގްސަދުގައިއޭ ކިއާފައި ނަމަވެސް އަޅުގަނޑުމެން ވަކި ދިމާލަކަށް ބަޖެޓު ދީލާލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން،" ސަލީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒް
13 November 2019
ރައްޔިތުންގެ ޖީބަށް އިތުރުނުވާ ނަމަ، ބަޖެޓު ބޮޑުކުރުމުގެ ބޭނުމެއް ނެތް: ސަލީމް، ހުޅުމާލެއިން ސަލީމްބެ ޝޮޕިންމޯލެއް އަޅަން ރަނގަޅުސަރަހަދެއް ދެނިކޮށް ބަޖެޓުގަ އެބުނާ އަދަދު ދެގުނަ ކުރަންޖެހޭނެ ކަމަށް ފިސާރި ބާރަށް ބުނާނެ، ތީ ކާކު! ތިމީހާ މަޖިލިހުގަ ހުރެގެން ހިންގި ޖަރީމާއާ ކުޅުނު ކުޅިގަނޑު ނުދަންނަނ މީހަކު ނެތް.
އިޔާނު
12 November 2019
ސަލީމު ބުންޔަސް ތީ ހަމަ ތެދެއް! ރައީސް ނަޝީދު ވެސް ބުނި ތަރައްގީއަކީ ޖީބައް ވަންނަ ފައިސާއޭ.
ކުލީއަޅުވެތިކަމަށްދެކޮޅުމީހާ
12 November 2019
ރައްޔިތުންގެޖީބަށް އެއްޗެއް އިތުރުކުރެވޭނީ މަޖިލީހުގައި އެމީހުންގެ މެމްބަރުން ކުރާ "ހަރުދަނާ އުފެއްދުންތެރި މަސައްކަތެއްގެ ސަބަބުންކަން" ޤަބޫލުކޮށް އެގޮތަށް މަސައްކަތް ކުރާންޖެހޭ. >< މިސަރުކާރު އައީ "ލާމަރުކަޒު ކޮށް އަދުލުވެރިކަމާއިއެކު މުއްސަނދިކަން ހިއްސާކުރާނެ ކަމުގެ ވައުދާއި އެކުގައި" ކަމަށްވާތީ އެކަންކުރިމަށްޓަކާ އަދި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް ހަނިމާދޫ އަދި ގޭން އެއަރޕޯޓް ޑިވޮލޯޕް ކުރުމަށް ބަޖޭޓްގައި ހިމަނާ.
ފައިދިގުބޯވަ
12 November 2019
ރައްޔިތުންގެ ޖީބަށް އިތުރު ވާނީ ތަމެން އަތް ފޯރާ ފަށުގައި މުދަލުގެ އަގު ތިރި ކޮއްގެން. މިހާރު ތިޔަ ރައްޔިތުން ފެލަނީ.
ކުޑަކަތީބް
12 November 2019
ބުނަންވީނުން، ރައްޔިތުންގެ ޖީބަށް އިތުރުނުވާ ނަމަ، ދިދަ ވިއްކުމުގަ ބޭނުމެއް ނެތޭ!
ގަނީމާ
12 November 2019
ވޭވް ފިހާރަތައް ނިމިދިޔަ ސަރުކާރުގައި ކުއްލިއަކަށް ގިނަވީ ތިހާވަރަށް ރައްޔިތުންނާއި ދޭތެރޭ ވިސްނާތީ ތޯ؟؟؟ ނޫނީ ރައްޔިތުންގެ ދީލަތި އެހީފުޅުންތޯ!!!
އަނބިމީހާގެފިރިމީހާގެއަނބިމީހާ
12 November 2019
ރެޑްވޭވަށްވެސް އެއްޗެއް ވަންނާނީ ރައްޔިތުންއަތަށް އަރާވަރަކަށް. އެހެންނޫންތޯ ސަލީމް.
ބޯޅަ
12 November 2019
ރަގަޅު ވާހަކައެކެވެ. އެކަށީގެންނުވާ ހައިޓެކް އިކްއިޕްމެންޓްތައް ދައުލަތުގެ ތަންތަނަށް ހޯދަމުން ދެއެވެ. އެހާ ހައިޓެކް އެއްޗެހީގެ ބޭނުން ފުރިހަމައަށް ނުހިފި އާދައިގެ ބޭނުން ތަކަށްވެސް މޮޅެތި ކޮމްޕިއުޓަރ ތަކާއި ލެޕްޓޮޕްތައް އަދިވެސް މި ބާވަތުގެ އެތަކެއް އެއްޗެއް އަގުބޮޑުކޮށް ގަނެއެވެ.
ގަސީ
12 November 2019
އާންމު ރައްޔިތުންގެ ޖީބަށް ބޮޑު ނިވިޔަސް ނުހައްގުން ލިބިފައި ހުރި ސަރުކާރުގެ ބިންތަކުގައި އަޅާފައި ހުރި ފިހާރަތަކުގެ ވަތްގަނޑު އެބަ ބަރުވޭ އެއްނު./ ރައްޔިތުންނަށް ހެޔޮއެދެން މީކާކު.. އަމިއްލަ ޖީބާ ދެތޭރޭ ވިސްނުން ނޫން ކަމެއް މިމީހާގެ ނެތް..
ތަރުނާ
12 November 2019
ސިޔާސީ މަގާމްތައް އެއްހާހަށް އަރަނީ....އެމީހުންނަށް ދޭން ދައުލަތުގެ ފައިސާ ބަޖެޓް ބޮޑުކުރީ....އެއްބަޔަކަށް ގާނޫނުގެ ތެރެއިން ބައިއެޅޭނެގޮތް ހަދާލީ..އެކިމީހުނ1 ދަވާލާނީ އެކިގޮތައް..