ރޭ މަރުވީ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު

މާލޭގައި ދިރިއުޅޭ ފާތިމަތު އަންޖުމް ޝަފީގް، 13، އިއްޔެ އޭނާގެ މަންމައާ އެކު ހުޅުމާލެ އަށް ދިޔައީ އާއިލާ މީހަކާ ބައްދަލުކުރާށެވެ. އެއަށް ފަހު މާލެ އައުމަށް ފެށި ދަތުރުވީ އަންޖުންގެ ހަޔާތުގެ ފަހު ދަތުރަށެވެ. މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅު އަބަދުގެ އަބަދަށް ވަކިވެގެން ދިޔައީ އެވެ.


އަންޖުމް މަރުވީ ހުޅުމާލޭގައި ނިރޮޅު މަގުން، ބްރިޖަށް އަރާ ހިސާބުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގަ އެވެ. އޭނާ އިނީ މަންމަ ދުއްވަން އިން ސައިކަލްގެ ފަހަތުގަ އެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ފަހަތުން އައި އެމްޓީސީސީގެ ބަސް، ސައިކަލްގައި ޖެހުމާ އެކު އެ ސައިކަލްގެ ފަހަތުގައި އިން އަންޖުމް ވިއްސައިގެން ގޮސް ބިންމަތީގައި ބޯޖެހުނެވެ.

އަޅައިގެން އިން ހެލްމެޓް ފަޅައިގެންގޮސް ބޯ ޗިސްވީ އެވެ. ބައެއް މީހުން ބުނާގޮތުގައި ބަސް ދިޔައީ އަންޖުމްގެ ގައިމަތިންނެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އަންޖުމް އޮތީ މަރުވެފަ އެވެ. އެ އެކްސިޑެންޓުގައި އޭނާގެ މަންމަ އަށް މާބޮޑު އަނިޔާއެއް ނުލިބެ އެވެ.

އަންޖުމްގެ އާއިލާ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އަންޖުމްއަކީ އޭނާގެ މަންމަ އާއި ބައްޕަގެ ހުންނަ ހަމައެކަނި ދަރިފުޅެވެ. އުމުރުން 50 އިން މަތިވެފައިވާ އެ ދެމަފިރިންނަށް އަންޖުން ލިބުނީ އެތައް ދުވަހަކު ބޭސް ކުރިފަހުން ކަމަށް އާއިލާ މީހާ ބުންޏެވެ.

"ވަރަށް ބޭސްކޮށްގެން ލިބުނު ކުއްޖާ ވަކިވެގެން އެ ދިޔައީ،" ކަށުކަމާކެމީގެ ކަންތަކުގައި ހުޅުމާލޭ ސަހަރާގައި ހުރި އާއިލާ މީހާ ބުންޏެވެ.

އާއިލާއިން ވާހަކަ ދެއްކި މީހާ ބުނިގޮތުގައި ކީރިތި ގުރުއާން ހިތުދަސް ކުރުމުގެ މަސައްކަތް އަންޖުމް މިއަހަރު ވަނީ ފަށައިފަ އެވެ.

ކ. ތުލުސްދު އަށް ނިސްބަތްވާ އަންޖުމް ކުޑައިރުއްސުރެ އުޅެނީ މާލޭގަ އެވެ. ޓެސްޓަށް ފަހު މިހާރު ސްކޫލްގައި ކިޔެވުމެއް ނޯވެ އެވެ. ޖަމާލުއްދީން ސްކޫލްގެ ގްރޭޑް 7 ގައި ތައުލީމް ހާސިލް ކުރަމުން އަންނަ އަންޖުމް އަކީ ގުރުއާން ކިޔެވުމަށް ހާއްސަ ޝައުގެއް ހުންނަ ކުއްޖެކެވެ. އެ ސްކޫލްގެ ގުރުއާން ޕޫލްގައި އޭނާ ހަރަކާތްތެރިވެ އެވެ. އެއީ ތަޖުވީދު މަގަށް ގުރުއާން ކިޔެވުމާއި މުބާރާތްތަކުގައި ބައިވެރިވުން ފަދަ ހަރަކާތްތަކުގައި ބައިވެރިވެ އެވެ.

ކުދިންނާ ވަރަށް އެކުވެރި އަންޖުމް އަކީ އިތުރު ހަރަކާތެއްގެ ގޮތުން ކެޑޭޓްގައި ވެސް އުޅޭ ދަރިވަރެކެވެ. އޭނާގެ އެކުވެރިން އޭނާ ސިފަކުރަނީ އަބަދުވެސް ހިނިތުންވެފައި ހުންނަ ހިތްހެޔޮ ކުއްޖެކެވެ.