އެކްސިޑެންޓްވިކަން ޑްރައިވަރަށް ވެސް، ފަސިންޖަރުންނަކަށް ވެސް ނޭނގޭ: އެމްޓީސީސީ

ހުޅުމާލޭގައި ބްރިޖަށް އަރާ މަގުގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގިކަން، އެކްސިޑެންޓްވި ބަހުގައި ތިބި އެއްވެސް މީހަކަށް ރޭކާ ވެސް ނުލާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.


އެ އެކްސިޑެންްޓްގައި، ދެމައިން ދުއްވި ސައިކަލެއްގައި ބަސް ޖެހި، 12 އަހަރުގެ އަންހެން ދަރިފުޅު ވަނީ ވަގުތުން މަރުވެފަ އެވެ. އެ އެކްސިޑެންޓްގައި އެ ކުއްޖާ ވިއްސައިގެން ގޮސް، ބޯފެޅި، އަދި ނާށިގަނޑުގެ ބައިތައް ވެސް މަގުމަތީގައި ހުރި ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ. ހެލްމެޓް އަޅައިގެން އިނަސް، ފޮޓޯތަކުން ފެންނަނީ ހެލްމެޓް ވެސް ފަޅައިގެން ގޮސް އޮތް ތަނެވެ.

މަންޒަރު ދުށް މީހުން ބުނަނީ ބަސް ފަހަތުން ގޮސް ސައިކަލްގައި ޖެހުނީ ކަމަށެވެ. އަދި ބައެއް މީހުން ބުނާ ގޮތުން މަރުވި ކުއްޖާގެ ގައި މަަތިން ބަސް ދިޔަ އެވެ. ހެލްމެޓް ހަލާކުވެފައި އޮތީ ވެސް، އޭގެ މަތިން ބަސް ދިއުމުން ކަމަށް ބެލެވޭ ކަމަށް ބުނެ އެވެ.

އެކަމަކު އެ ބަހުގެ ވެރިފަރާތް، އެމްޓީސީސީގެ ވާހަކަ ތަފާތެވެ. އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މައްސަލަ ތަހުގީގު ކުރާތީ އޭގެ ފުރިހަމަ މައުލޫމާތުތަކެއް އަދި ލިބިފައި ނުވާ ކަމަށެވެ. ފުލުހުން އެ ބަހުގެ ފޮރެންސިކް ތަހުގީގެއް ވަރަށް ރަނގަޅަށް ހަދަމުންދާ ކަމަށާއި އެހެން ނަމަވެސް، މިހާތަނަށް ބެލިބެލުމުން ބަހުގެ އެއްވެސް މައްސަލައެއް ފެނިފައި ނުވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"ސައިކަލެއްގައި ޖެހި އެވަރުގެ އެކްސިޑެންޓެއް ހިނގައިފިއްޔާ ބަހުގައި ކޮންމެވެސް ނިޝާނެއް ހުންނަންވާނެ ކަމަށް ބެލެވެނީ،" އޮފިޝަލް ވިދާޅުވި އެވެ.

"އެކަމަކު ފުރޮޅަކުން ތަނަކުން ލޭކޮޅެއްހާ ހިސާބު ވެސް ފެންނާކަށް ނެތް. އަދި ކޫރުމެއްހާ ހިސާބު ވެސް ނެތް."

އޭނާ ވިދާޅުވި ގޮތުގައި، އެންމެ އަޖައިބުވި ކަމަކީ، އެކްސިޑެންޓެއް ހިނގިކަން އެ ބަހުގެ ޑްރައިވަރަށް ވެސް އަދި ކޮންޑަކްޓަރަށް ވެސް ނޭނގޭ ކަމެވެ.

"އޭރު ބަހުގައި ތިބި 14 ފަސިންޖަރުންނަކަށް ވެސް ނޭނގެ،" އޭނާ ވިދާޅުވި އެވެ. "އެކަން ހިނގުމަށް ފަހު ވެސް ހަމަ އެ ސްޕީޑުގައި ހުއްޓުމެއް ނެތި ކުރިއަށް ދަނިކޮށް ފުލުހުން ގޮސް، ޔޫޓާން ހިސާބުން ބަސް ހުއްޓުވީ. އަޅުގަނޑުމެން އެހިން ބައެއް އެއިން ދަތުރުކުރި މީހުންގެ ކައިރީގައި ވެސް. އެކަކަށް ވެސް އެނގިފައެއް ނެތް އެކަހަލަ ކަމެއް ހިނގި ކަމެއް."

އެމްޓީސީސީގެ ބަސްތައް ދުއްވަމުން އަންނަނީ ހަމައެކަނި އެއާޕޯޓާއި ހުޅުމާލެއާ ދެމެދު އެކަންޏެވެ. އެ ކުންފުނިން ބުނީ އެތަނުގެ ބަސްތަކުގެ ސްޕީޑް ލިމިޓް ގަޑިއަކު 53 ކިލޯމީޓަރަށް ވުރެ ބާރު ނުވާނެ ގޮތަށް އިންޖީނުތައް ސެޓްކޮށްފައިވާ ކަމަށެވެ.

"އެހެންވީމަ ބާރަށް ދުއްވުމުގެ ފުރުސަތެެއް ޔަގީނުން ވެސް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

"އަނެއްކޮޅުން މި ޑްރައިވަރަކީ 2015 އިން ފެށިގެން މި ކުންފުނީގައި މިކަމުގައި އުޅޭ މުވައްޒަފެއް. ކުރިން ޕިކަޕް ދުއްވި މީހެއް އެއީ،" އެމްޓީސީސީން ބުންޏެވެ.

މިކަން ހިނގުމަކީ އެމްޓީސީސީ ވެސް ހިތާމަކުރާ ކަމެއް ކަމަށާއި އެ ހިތާމައިގައި އެ ކުންފުނި ފުރިހަމަ އަށް ބައިވެރިވާ ކަމަށް ވެސް ކުންފުނިން ބުނެ އެވެ.

މި ހާދިސާގައި، ސައިކަލް ދުއްވަން އިން އަންހެން މީހާ އަށް މާ ބޮޑު އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ. ޑްރައިވަރު ހައްޔަރުކޮށް ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. މި ހާދިސާ ހިނގައި ކުޑަކުއްޖަކު މަރުވި ވާހަކަ ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

މިދިޔަ ރޯދަ މަހު ވެސް އެމްޓީސީސީގެ ބަހެއްގެ ދަށުގެ ހުޅުމާލޭގައި ޔުކްރެއިން އަންހެނަކު ވަނީ މަރުވެފަ އެވެ. އެ ހާދިސާއާ އަށް ފަހު، ކަންކަން ރަނގަޅުކުރުމަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.