ޔާމީން ރަޝީދަށް ހާއްސަކޮށް ނެރެފައިވާ ފޮތެއްގައި އޭނާ ފޮޓޯ: އޭނާގެ ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށް ޑޮކްޓަރު މިއަދު ވަނީ ހެކިބަސް ދީފައި -- ފޮޓޯ/މިހާރު
13 ނޮވެމްބަރ 2019 - 16:57
މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ ބޮލާއި ކަރާއި މޭގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.
އޭޕްރީލް، 2017 ގައި ޔާމީން، ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރި ގޮތަށް އޭނާ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިނީ ޔާމީން ހޮސްޕިޓަލަށް ގެންދިއުމުން އެންމެ ފުރަތަމަ އޭނާ ބެއްލެވި ޑޮކްޓަރެވެ. އޭނާ ބުނިގޮތުގައި، ޔާމީން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެއްވެސް ވިންދެއް ނެތެވެ. އެފަދަ ހާލަތެއްގައި ޑޮކްޓަރުން އަމަލުކުރަން އޮންނަ އުސޫލުތަކުގެ ތެރެއިން ދޭންޖެހޭ ފަރުވާ ޔާމީނަށް ދިނުމުން ވެސް އޭނާ ދިރިހުރި ކަމުގެ ނިޝާނެއް ނުފެނުނު ކަމަށް ޑޮކްޓަރުން ބުންޏެވެ.
އޭނާ ބުނީ، ޔާމީންގެ ބޮލާއި ކަރާއި މޭގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށެވެ. އެންމެ ބޮޑު ޒަހަމެއް ހުރީ ކަރުގައި ކަމަށާއި އޭގެ ސަބަބުން ކަރުގެ މައި ނާރުތަކަށް ވެސް ގެއްލުން ވެފައިވާ ކަމަށް އެ ޑޮކްޓަރު ބުންޏެވެ. މޭމަތީގައި ވެސް ވަރަށް ފުން ޒަހަމެއް ހުރުމުގެ އިތުރުން ބަނޑުގައި ވެސް އެކި ފުންމިނުގެ ގިނަ ޒަހަމްތަކެއް ހުރި ކަމަށާއި އަދި އަތުގައި ވެސް ޒަހަމްތަކެއް ހުރި ޑޮކްޓަރު ބުންޏެވެ. އެ ޒަހަމްތައް ހުރި ގޮތުން އެއީ ތޫނު އެއްޗަކުން ދީފައިވާ އަނިޔާތަކެއް ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ އަނިޔާތަކަކީ މީހަކު މެރުމުގެ ގޮތުން ދީފައިވާ އަނިޔާތަކެއް ކަމަށް ބެލެވޭތޯ ދައުލަތުން ސުވާލު ކުރުމުން އޭނާ ބުނިގޮތުގައި އެއީ މެރުމުގެ ގޮތުން ދީފައިވާ އަނިޔާތަކެއް ކަން ބުނާކަށް ނޭނގެ އެވެ. އެކަމަކު އެ އަނިޔާތަކަކީ އޭގެ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެދާނެ އަނިޔާތަކެއް ކަމަށް އެ ޑޮކްޓަރު ބުންޏެވެ.
މީގެ އިތުރުން އެ ޑޮކްޓަރު ވަނީ ދައުވާ ލިބޭ ހައިޝަމްއާ ބެހޭގޮތުން ފ. އަތޮޅު ހޮސްޕިޓަލުން ތައްޔާރުކުރި ރިޕޯޓަކާ ބެހޭގޮތުން ވެސް އެކްސްޕާޓެއްގެ ގޮތުން މިއަދު ހެކިބަސް ދީފަ އެވެ. އެ ރިޕޯޓުގައި ހައިޝަމްގެ އަތުގައި އަނިޔާތަކެއް އޭނާ ބެލި ޑޮކްޓަރު ހުރި ކަމަށް ބުނެފައިވާ ކަމަށާއި އެއީ ނިޔަފަތި އެޅުމުން ލިބޭ ފަދަ އަނިޔާތަކެއް ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަމަށް އެ ޑޮކްޓަރުން ބުންޏެވެ.
އެ މައްސަލާގައި ދައުލަތުން ހުށަހެޅި ބައެއް ހެކިވެރިންނަށް އަނިޔާދީ އަދި އެ މީހުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވާތީ، އެކަމާ ބެހޭ ލިޔުންތައް ދައުލަތުން ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.
ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ހެކިންނަށް ބިރު ދެއްކީ ކޮން ބައެއް ކަން ދައުލަތުން އަދިވެސް ހާމަ ނުކުރާ ކަމަށާއި ވަކި މީހަކަށް އަމާޒު ކުރުމެއް ނެތި ދައުލަތުން އެ ވާހަކަ ދެއްކުމުން އެ ހުރިހާ ތުހުމަތެއް އަމާޒުވަނީ ދައުވާލިބޭ މީހުންނަށް ކަމަށެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ، ހެކިންނަށް ދިން ހަމަލާތަކުގެ މައުލޫމާތު ދައުލަތުން ކޯޓަށް ފޮނުވާފައިވާ ކަމަށާއި އޭގެ ތުހުމަތު ދައުވާ ލިބޭ އެއްވެސް މީހަކަށް އަމާޒު ކޮށްފައި ނެތް ކަމަށެވެ. އެކަމަކު ސިއްރު ހެކިވެރިންގެ މައުލޫމާތު ހާމަވެދާނެތީ އެ ލިޔުންތައް ދައުވާ ލިބޭ މީހުންނާ ހިއްސާ ނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ދައުލަތުން ބުނީ ސިއްރު ހެކިވެެރިންގެ ގޮތުގައި ބާކީ ތިބި ތިން މީހުން މިއަދު ވެސް ހާޒިރު ކުރެވޭތޯ މަސައްކަތް ކުރި ކަމަށެވެ. އެކަމަކު، އެ މީހުން އެކަމަށް ދެކޮޅު ހަދާތީ ހާޒިރު ނުކުރެވުނީ ކަމަށް ދައުލަތުން ބުންޏެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި އެ ހެކިންގެ ހެކިބަސް ނެގުމާ މެދު ގޮތެއް ނިންމާނެ ކަމަށް ދައުލަތުން ބުންޏެވެ.
ގާޒީ އަލީ ރަޝީދުގެ ގޭގެ ދޮރަށް ދާދިފަހުން ކޯރާޑިއަކުން ހަމަލާދީފައިވާތީ މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިއުން ރަނގަޅު ނޫން ކަމަށް ބައެއް ދިފާއީ ވަކީލުން މިއަދުގެ އަޑުއެހުމުގައި ވިދާޅުވި އެވެ. ސަބަބަކީ އެފަދަ ކަމެއް މެދުވެރިވެފައި ވަނިކޮށް ގާޒީ އެ އަޑުއެހުން ކުރިއަށް ގެންދަން ނަފްސާނީ ގޮތުން އެކަށީގެންވާ ހާލަތެއްގައި ހުންނަވާފާނެ ކަމަށް ގަބޫލު ނުކުރެވިދާނެ ސަބަބުތަކެއް ހުރެދާނެތީ ކަމަށް ވަކީލުން ވިދާޅުވި އެވެ.
ރައްދުގައި ދައުލަތުން ބުނީ އެ ހަމަލާއަކީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅުން ހުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ.
އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ އެ މައްސަލަ އަކީ ފުލުހުން ބަލަމުންދާ މައްސަލައެއް ކަމަށާއި އެކަމާ މެދު ވަކި އެއްޗެއް މިހާރު ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ ހަފުތާގައި ވެސް އޮންނާނެ ކަން މިއަދުގެ އަޑުއެހުމުގައި ގާޒީ އިއުލާން ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
14 November 2019
މީހުންގެ ހައްޤުތަކުގެ ދިފާއުގައި އެންމެ އަޑު ގަދަ ކުރާ ވަކީލުން މިފެންނަނީ ބޮޑެތި ކުއްވެރިން ކުށުން ބަރައްޔަ ކުރަން މަސައްކަތް ކުރާތަން.
ބެއްޖާ
14 November 2019
އެކަން ކުރި ކުދިން ދޫކޮށްލާ
އަލިބެއްޔާބެ
14 November 2019
ވަޅިން ހަމަލާ ދީފަ ހުޜީ މަރަން ކަމަށް ލަފާ ކުރެވޭތޯ ؟ ލޮލް
ހިމާރުލްޤައުމް
14 November 2019
އެއީ ގިލިގިލި ކޮށްޓަން އުޅެނިކޮށް ހެރުނީ ކަމަށް ވާނީ.
ޙުސެންފުޅު
13 November 2019
ތިކަން ކުރިންވެސް އަހަރުންނަށް އެނގޭ
ނެޑް
13 November 2019
ހަމަލާ ދިނީ ސަމާސައަކަށް ކަމަށް ގަބޫލުކުރަންތޯ ނޭހީ ކީއްވެތަ؟ އަޖައިބުވެދާނެ! ގައިގެ 30 ތަނަކަށް ފުންކޮށް ވަޅި ހަރާނީ މަރަން ދޯ؟؟؟؟
ޑޮކްޓަރު
13 November 2019
ވަޅިން ފިރުމާފަ ހުރި ކަމަށޯ ބެލެވެނީ.