ސްކޮލާސްކަޕްގައި ދިވެހި ދަރިވަރުން ވަރަށް ކާމިޔާބު

ވޯލްޑް ސްކޮލާސް ކަޕްގައި ދިވެހި ދަރިވަރުން ވިދާލައި ކާމިޔާބު ހޯދައިފި އެވެ.


މިދިޔަ ހަފުތާގެ ހުކުރު ދުވަހުން ފެށިގެން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް އެމެރިކާގެ ޔޭލް ޔުނިވާސިޓީގައި ބޭއްވި މުބާރާތުގައި އަހުމަދިއްޔާ ސްކޫލާއި ބްރައިޓްވޭ ސްކޫލާއި ބިލަބޮންގުގެ އިތުރުން ޣިޔާސުއްދީން ސްކޫލު ވެސް ބައިވެރިވި އެވެ.

އަހުމަދިއްޔާގެ ފަރާތުން، އިލްމީ ތަފާތު ޕްރޮގްރާމްތައް ހިމެނޭ އެ މުބާރާތުގައި ބައިވެރިވި ދަރިވަރު ފާތިމަތު އަނާން މަޖުދީ ވަނީ ރަން މެޑަލަކާއި ރިހި ދެ މެޑަލް ހޯދައިފަ އެވެ.

ސްކޮލާސްކަޕްގެ ފައިނަލް ބުރުގައި ބައިވެރިވި ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުންތަކެއް- ފޮޓޯ: ޣިޔާސުއްދީން ސްކޫލު

ބްރައިޓްވޭ ސްކޫލުގެ ފަސް ދަރިވަރަކު ބައިވެރިވިއިރު އެ ދަރިވަރުން ވެސް ވަނީ ރަން ތިން މެޑަލް އަދި ރިހި ހަތް މެޑަލް ހޯދައިފަ އެވެ.

މިފަހަރުގެ މުބާރާތުގައި ދެ ވަނައަށް އެންމެ ގިނަ މެޑަލް ހޯދީ ބިލަބޮންގް ސްކޫލުންނެވެ. އެ ސްކޫލުން ވަނީ 66 މެޑަލް ހޯދައިފަ އެވެ.

ސްކޮލާސްކަޕްގެ ފައިނަލް ބުރުގައި ބައިވެރިވި ބްރައިޓްވޭ ސްކޫލުގެ ދަރިވަރުންތަކެއް، ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ތިލްމީޒާ (މ) އާއެކު ފޮޓޯއަކަށް ހުއްޓިލައިގެން - ފޮޓޯ: ބްރައިޓްވޭ ސްކޫލު

އެންމެ ގިނަ މެޑަލް ހޯދި ޣިޔާސުއްދީން ސްކޫލުން 21 ދަރިވަރުން ބައިވެރިވި އެވެ. ޖޫނިއާ ބައިގައި ވާދަކުރި ދަރިވަރުން ވަނީ ރަން 17 މެޑަލާއި ރިހި 12 މެޑަލްގެ އިތުރުން ޓްރޮފީއެއް ހޯދައިފަ އެވެ. ސީނިއާ ކެޓަގަރީގައި ވާދަކުރި ދަރިވަރުން 18 ރަން މެޑަލާއި 23 ރިހި މެޑަލްގެ އިތުރުން ޓްރޮފީއެއް ހޯދައިފަ އެވެ.

ސްކޮލާސްކަޕްގެ ފައިނަލް ބުރުގައި ބައިވެރިވި ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުންތަކެއް- ފޮޓޯ: ޣިޔާސުއްދީން ސްކޫލު

އެ ދަރިވަރުން ހޯދި ކާމިޔާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ މައިދާނުގައި ކާމިޔާބީތައް ހޯދަމުން އަންނާތީ ވަރަށް ފަހުރުވެވަޑައިގަންނަވާ ކަމަށެވެ.

ސްކޮލާސްކަޕްގެ ފައިނަލް ބުރުގައި އަހުމަދިއްޔާގެ ފަރާތުން ބައިވެރިވި ދަރިވަރު.- ފޮޓޯ: އަހުމަދިއްޔާ ސްކޫލް

ބަހުސްކުރުމާއި އެކި މައުލޫއުތަކުން އަންނަ ސުވާލުތަކަށް ޖަވާބު ދިނުމާއި ލިއުން ފަދަ ހުނަރުގެ މައްޗަށް ބިނާވެފައިވާ މި މުބާރާތުގައި މިއަހަރު 26 ގައުމަކުން އެތައް ހާސް ދަރިވަރުންތަކެއް ބައިވެރިވި އެވެ.

ވޯލްޑް ސްކޮލާސް ކަޕަކީ އެމެރިކާގެ ކުންފުންޏަކުން 2006 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.