އޮޔާ ދަނިކޮށް ރާއްޖޭ ސަރަހައްދުން ފެނުނު އީރާން ބޯޓުގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަމަށް އެމްއެންޑީއެފުން ކުރިން ބުނި ނަމަވެސް އެ ބޯޓުގައި މަސްތުވާތަކެތި ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އދ. މަންދޫގެ ބޭރުން މި މަހުގެ ތިން ވަނަ ދުވަހު އެ ބޯޓު ފެނުނީ އޭގެ އިންޖީނު ހުއްޓި އޮޔާ ދަނިކޮށެވެ. އެ ބޯޓުން މަސްތުވާތަކެތި ކަމަށް ޝައްކުވާ އެއްޗެއް ފެނުނު ކަމަށް އެމްއެންޑީއެފުން ހަމަ އެ ދުވަހު ބުންޏެވެ.
މަސްތުވާތަކެއްޗަށް ޝައްކުވީ ކޮން އެއްޗެއް ކަމެއް އަދި އެކަމާ ގުޅޭ މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މަސްތުވާތަކެތި އެ ބޯޓުގައި ނެތް ކަމަށާއި ބޯޓުގައި ތިބި އީރާން ހަތް ފިރިހެނުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. މި މައްސަލާގައި ދިވެއްސަކު ހައްޔަރެއް ނުކުރެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ މަހު ފެނުނު އީރާން ބޯޓެއްގައި 70 ކިލޯގެ މަސްތުވާތަކެތި ހުއްޓެވެ. އެ މައްސަލައިގައި ހިމެނޭ މީހުންގެ ފޮޓޯ އާއި މައުލޫމާތު ފުލުހުން ވަނީ އާންމުކޮށްފަ އެވެ.