ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ އިސް ގައުމަކަށް ރާއްޖެ ވާނެ: މިނިސްޓަރު

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ ގައުމުތަކުގެ ތެރެއިން ރާއްޖެ އަކީ އެންމެ އިސް ގައުމަކަށް ވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިިއަދު ވިދާޅުވެއްޖެ އެވެ.


ޓެރަރިޒަމާ ދެކޮޅަށް މީހުން ހޭލުންތެރިކުރުވުމަށް އިންޑިޔާގެ ލަވްލީ ޔުނިވާސިޓީއާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ވިދާޅުވީ، ޓެރަރިޒަމާ ދެކޮޅަަށް ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން އަންނަ މަސައްކަތްތަކަށް ކުރިއެރުމެއް ލިބޭ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖެ ވެގެންދާނީ ބައިނަލްއަގުވާމީ ގޮތުން، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ އިސް ގައުމެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އާދަމް ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރަން މީހުން ހޭލުންތެރިކުރުވަން ތަމްރީން ޕްރޮގްރާމްތައް ހިންގާނީ އިންޑިޔާ ސަރުކާރުގެ އެހީގަ އެވެ. އޭގެ ތެރޭގައި އެ ގައުމުގެ ލަވްލީ ޔުނިވަސިޓީގެ ބޭފުޅުން ރަށްރަށަށް ޒިޔާރަތްކޮށް، މީހުން ހޭލުންތެރިކުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ޑިފެންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު އާދަމް ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތަކަށް ހަރަދުކުރާ ބަޔަކު ރާއްޖޭގައި ތިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ހަނގުރާމަ އަށް މީހުން ފޮނުވަނީ ނެޓްވޯކަކަށް ވުރެ ބޮޑަށް ސީދާ ވަކިވަކި މީހުން ކުރާ މަސައްކަތެއްގެ ގޮތަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޓެރެރިޒަމްގެ ހަމަލާއަކުން ދިފާއުވުމަށް ދިވެހި ސިފައިން އަބަދުވެސް ތަމްރީނު ހަދަމުން އަންނަ ކަމަށެވެ