ނަޝީދު އިންނެވި އުޅަނދެއްގައި ބޮމެއް ގޮއްވާލަން އަދީބު އުޅުނު: ރިޕޯޓް

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނެވި އުޅަނދެއްގައި ބޮމެއް ގޮއްވާލަން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އުޅުއްވި ކަމަށް، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓުން ހާމަވެއްޖެ އެވެ.


ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތް ތަހުގީގު ކުރުމަށް ފަހު، ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ދެއްވި ބަޔާނެއްގައި ވިދާޅުވީ، އަދީބު އޭރު ހުންނެވީ ކޮންމެ ފަދަ ސަބަބެެއް ކުރިމަތިކޮށްގެން ނަމަވެސް، 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ނަޝީދަށް ބައިވެރި ނުވެވޭނެ ގޮތް ހެއްދެވުމަށް ކަމަށެވެ. އަދި ގިނަ ރޭވުންތައް ރާއްވަވައި، އެކަމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ވެސް ނާޒިމް ވިދާޅުވެ އެވެ.

އެމްޑީޕީގެ ވެރިކަން ވެއްޓި، 2013 ވަނަ އަހަރަށް އެމްޑީޕީ އާއި ޕީޕީއެމުން ވާދަވެރިކޮށް ކެމްްޕޭން ކުރަމުން ދިޔަ އެ ދަނޑިވަޅު އަދީބު ކުރެއްވި ބައެއް ކަންކަން ރިޕޯޓަށް ނާޒިމް ވަނީ ހިއްސާ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބޮން ގޮއްވާލުމަށް އަދީބު އުޅުއްވީ ނަޝީދު އިންނަވާ އުޅަނދެއްގެ ތެރޭގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގާތްގުޅުމެއް ބާއްވަމުން އައި ނަމަވެސް ޔާމީނާއި އަދީބުގެ ގުޅުން ބަދަހިވެ، އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ޔާމީނާ ފެއަށް ޖެހިވަޑައިގެންފައިވާ ނާޒިމް ވިދާޅުވީ، އަދީބުގެ އެ ރޭވުން އެނގިވަޑައިގެން، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވަނީ އެކަން ފުލުހުންނާ ހިއްސާ ކުރައްވާފައި ކަމަށެވެ. އަދި އެ އިންޒާރުގެ މައުލޫމާތު ނަޝީދަށް ވެސް އޭނާ ދެއްވި ކަމަށް ނާޒިމް ވިދާޅުވި އެވެ.

ކުރީގެ މެމްބަރު ނާޒިމް: ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި އަދީބަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި.---ފައިލް ފޮޓޯ: މިހާރު

"ރައީސް ނަޝީދުގެ ކެންޑިޑެސީ ބާތިލުކުރުމުގެ ވާހަކަ އަކީ އަބަދުވެސް އަދީބު ދައްކަމުން އަންނަ ވާހަކަ،" ކޮމިޝަނަށް ދެއްވި ބަޔާނުގައި ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެކަން ހިނގާފައިވަނީ ބަޔަކު ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ހާދިސާ އަށް ފަހު އެވެ. އެކަމަކު އެކަން ނާޒިމް ފާހަގަ ކުރެއްވީ، އަދީބު ހުންނެވީ ކޮންމެ ގޮތަކުން ނަމަވެސް އޭރު ބޭއްވި އިންތިޚާބުގައި ނަޝީދަށް ބައިވެރިވެވަޑައިނުގެންނެވޭނެ ގޮތް ހެއްދެވުމަށް ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލައިގެން، އެ މަރުގެ ތުހުމަތު ނަޝީދު ބޮލުގައި އެޅުއްވުމަށް ވެސް އަދީބު މަސައްކަތް ކުރެއްވުން އެކަށީގެންވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އޭނާ، ބަޔާނުގައި ވިދާޅުވި ގޮތުގައި ޔާމީނާ އެކު އިންނަވާ ގިނަ ދުވަސް ދުވަހު އެ މަނިކުފާނު އަރިހަށް އަދީބު ވަޑައިގަންނަވަ އެވެ. އަދި އަދީބު ކުރައްވާ މި ފަދަ ކަންކަމުގެ ވާހަކަ ޔާމީނާ ހިއްސާ ކުރައްވާ ކަމަށް ވެސް، އޭރު އެ މަނިކުފާނާ ގާތްގުޅުމެއް ބޭއްވި ނާޒިމް ވިދާޅުވި އެވެ.