އަފްރާޝީމްގެ މަރާ ބެހޭ ރިޕޯޓްގައި ޝަހީމަށް ކޮށްފައި ވަނީ ދޮގު ތުހުމަތެއް: އިދިކޮޅު

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތް ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓްގައި ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ކޮށްފައި ވަނީ ދޮގު ތުހުމަތު ތަކެއް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެ ރިޕޯޓް މިރޭ ކުށްވެރިކޮށްފި އެވެ.


ގޮތް ނޭނގޭ ގަތުލުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ތަހުގީގުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވައިލެއްވި ރިޔާސީ ކޮޮމިޝަނުން، އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން އެކުލަވައިލި ރިޕޯޓް ރައީސް އޮފީހުން މިއަދު ވަނީ އާންމުކޮށްފަ އެވެ. އެ ރިޕޯޓްގައި ތުހުމަތުކޮށްފައި ވަނީ ކޮމިޝަނުން ކުރި ތަހުގީގަށް މައުލޫމާތު ދެއްވުމުގައި ޝަހީމް އިތުރުފުޅު ހެއްދެވި ކަމަށެވެ.

އަފްރާޝީމް އަވަހަރާކޮށްލި އިރު ޝަހީމަކީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރެވެ. މަރު ކޮމިޝަންގެ ތަހުގީގަށް އޭނާއާ ސުވާލުކުރީ، ދައުލަތުގެ މީޑިއާ، ޓީވީއެމްގެ "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމަށް އަފްރާޝީމަށް ފުރުސަތު ލިބިވަޑައިގަތް ގޮތާ ގުޅޭ ގޮތުންނެވެ.

ކުއްލި ގޮތަކަށް، އެ ޕްރޮގްރާމަށް އަފްރާޝީމަށް ދައުވަތު ލިބިވަޑައިގަތީ އޭނާ ދައްކަވާ ވާހަކަތަކާ މެދު ބައެއް އިލްމުވެރިންގެ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ފުރުސަތު ނުދޭތާ ދުވަސްތަކެއް ފަހުން ކަން ކޮމިޝަނާ ވާހަކަ ދެއްކި އިސްލާމިކް މިނިސްޓްރީގެ ބައެއް މުވައްޒަފުން ރިޕޯޓަށް މައުލޫމާތު ދީފައިވެ އެވެ.

ރިޕޯޓު އާއްްމުކުރުމުން ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ ޝަހީމަކީ ދީނީ އިލްމު އުގެނިވަޑައިގެން ހުންނެވި، ހެޔޮލަފާ ރަނގަޅު އިލްމުވެރިއެއް ކަމަށާއި އެމަނިކުފާނުގެ އިސްތަށިފުޅުގައި އިލްޒާމް އަޅުވަން ދައްކާ ވާހަކަ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"މި ކޯލިޝަނުން ދެކޭ ގޮތުގައި މި ކަމަކީ ޑރ. ޝަހީމަށް އަމާޒުކޮށް، ރޭވިގެން ހިންގާ ޖަރީމާ އެކެވެ. މިއީ ސާބިތު ނުހިފޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ޑރ. ޝަހީމްގެ އަގު ވައްޓައިލުަމަށް ހިންގާ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށް މި ކޯލިޝަނުން ދެކެމެވެ،" ބަޔާނުގައި ވެ އެވެ.

ޝަހީމަކީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓެވެ.

ކޮމިޝަނުގެ ރިޕޯޓްގައި ޝަހީމާ ބެހޭ ގޮތުން ހުރި ވާހަކަތައް މީޑިއާ އަށް މިއަދު އާއްމުވުމުން ޝަހީމް ވެސް ވަނީ އެރިޕޯޓް ދޮގުކުރައްވައިފަ އެވެ.

ޝަހީމް ވިދާޅުވީ ކޮމިޝަނުން އުޅެނީ ހަގީގީ ގާތިލް ފޮރުވަން ކަމަށެވެ. އަފްރާޝީމްގެ މަރު، މައުސޫމް މީހުންނާ ގުޅުވަނީ އެހެންވެ ކަމަށް ވިދާޅުވި އެވެ. "އަނިޔާވެރި އަމަލުތަކުން އަޅުގަނޑު ބަރީއަވެގެންވާ ކަން މާތްﷲ ދެނެވޮޑިގަންނަވާނެ އެވެ. ޓީވީ ޕްރޮގްރާމާ ބެހޭ ގޮތުން މަރު ކޮމިޝަނަށް ދީފައި ވާނީ ތެދު މައުލޫމާތެވެ،" ޝަހީމް ކުރެއްވި ޓުވީޓެއް ގައި ވިދާޅުވި އެވެ.