ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ހުށަހެޅި ސިއްރު ތިން ހެކިވެރިއަކު ހެކިބަސް ދޭން ދެކޮޅު ހެދުމުން ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނަގައި ނިމި، އެ މައްސަލާގެ ހުކުމް އަންނަ ޖެނުއަރީ މަހު އިއްވަން ހަމަޖައްސައިިފި އެވެ.
އޭޕްރީލް، 2017 ގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ ޔާމީން މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިންގެ ތެރެއިން ބާކީ ތިބި ތިން މީހުން ހެކިބަސް ދޭން ދެކޮޅު ހަދާފައިވާ ކަމަށާއި އެހެންވެ، އެ މީހުންގެ ހެކިބަސް ނުނަގައި އެ މައްސަލަ ކުރިއަށް ގެންދަން އެދޭ ކަމަށެވެ.
ސިއްރު ތިން ހެކިވެރިންގެ ހެކިބަސް ދޭން ދެކޮޅު ހެދުމުން ދައުލަތުގެ ހެކިންގެ ގޮތުގައި ބާކީ ތިބީ ދެ ފުލުހެކެވެ. އެއީ ދައުވާލިބޭ އިސްމާއިލް ރަޝީދުގެ ގެ ފާސްކުރި ފުލުހަކާއި ޒިޔާދު ދިރިއުޅުނު ގެ ފާސްކުރި ފުލުހެކެވެ.
އިސްމާއިލް ރަޝީދުގެ ގެ ފާސްކުރި ފާސްކޮށް، ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާގެ ހެކިބަސް ދެމުން ބުނިގޮތުގައި ކޯޓު އަމުރެއްގެ ދަށުން އެ ގެ ފާސް ކުރިއިރު ގަމީހަކާއި ފަޓުލޫނަކާއި ތޮއްޕެއްގެ އިތުރުން ލެޕްޓޮޕަކާއި ފޯނެއް އެ ގޭގެ ކޮޓަރިއަކުން ފެނުނު ކަމަށެވެ.
ޒިޔާދު ދިރިއުޅުނު ގެ ފާސްކޮށް ފުލުހުން ތައްޔާރުކުރި ރިޕޯޓާ މެދު ސުވާލު އުފައްދަން ބޭނުންނުވާ ކަމަށް ޒިޔާދުގެ ވަކީލް ވިދާޅުވުމުން އެ ރިޕޯޯޓް ހެދި ފުލުސް މީހާގެ ހެކިބަސް ނުނަގަން ނިންމި އެވެ.
ދިފާއީ ހެކިބަސް ނެގުން އަންނަ މަހު
ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ ދެން އޮންނާނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުން ކަން އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން މިއަދު އިއުލާން ކުރެއްވި އެވެ. ގާޒީ ވިދާޅުވީ ދައުވާ ލިބޭ އިސްމާއިލް ރަޝީދާއި ޒިހާންގެ އިތުރުން ހައިޝަމްގެ ފަރާތުން ވެސް ދިފާއީ ހެކިން ހުށަހަޅާފައިވާ ކަމަށާއި އެންމެ ފުރަތަމަ އޮންނާނީ އިސްމާއިލް ރަޝީދުގެ ދިފާއީ ހެކިންގެ ހެކިބަސް ނެގުން ކަމަށް ގާޒީ ވިދާޅުވި އެވެ.
އަންނަ މަހު ފެށޭ ކޯޓުގެ ރިސެސް މުއްދަތުގެ ތެރޭގައި ވެސް އެ މައްސަލާގެ އަޑުއެހުންތައް ބާއްވައި، ދިފާއީ ހެކިބަސް ނަގާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އެކަމަށް ތިން އަޑުއެހުމެއް އަންނަ މަހު ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އޭގެފަހުން، އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅު ބާއްވާ އަޑުއެހުމުގައި ކިތާބީ ހެކިތަކާ ބެހޭގޮތުން ދެ ފަރާތުން ވެސް ވާހަކަ ދެއްކުން އޮންނާނެ ކަމަށާއި އަދި ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އެ ތާވަލާ އެއްގޮތަށް ކުރިއަށް ގެންގޮސް، ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެ މައްސަލާގެ ހުކުމް އިއްވާނެ ކަމަށް ވެސް ގާޒީ އަލީ ރަޝީދު ވިދާޅުވި އެވެ.