ހައްމާދަށް ހަމަލާދިން ކަމަށް އާސިފް އެއްބަސްވެއްޖެ؛ ގުޅެނީ ވައްކަމާ!

ލަނޑާ ނަގާ ދޯނީގައި ތިބީ ތިން މީހުން ކަމަށާއި އޭގެތެރެއިން އިސްމާއިލް ހައްމާދުގެ ބޮލަށާއި ގައިގެ އެކި ތަންތަނަށް ވަޅި ހެރިކަމަށް، އިސްމާއިލް އާސިފް ތަހުގީގާއި ކޯޓުގައި އެއްބަސްވެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.


ތަހުގީގު ކުރިއަށްދާތީ، ހައްމާދަށް ހަމަލާދިން ސަބަބު ކޮމިޝަނަރު ވިދާޅެއް ނުވެ އެވެ. އެކަމަކު ކޮމިޓީގައި ހާމަކުރެއްވި ހައްމާދުގެ ކުށުގެ ރެކޯޑާއި މަޑުއްވަރީން ވާހަކަ ދެއްކި މީހުންގެ މައުލޫމާތުން ބެލެވޭ ގޮތުގައި މި ހަމަލާއާ ގުޅެނީ ވައްކަމުގެ މައްސަލަައަކާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޮމިޝަނަރު ވިދާޅުވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ހައްމާދު، 26 އައިސީޔޫން ވޯޑަކަށް މިހާރު ބަދަލުކޮށްފައިވާ ކަަމަށެވެ. ތަހުގީގަށް އޭނާގެ ބަޔާން ވެސް ނަގާފައިވާ ކަމަށް ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވި ގޮތުގައި، ދޯނީގައި ތިން މީހުން ތިއްބަސް މާރާމާރީ ހިނގީ އިސްމާއިލް ހައްމާދާއި އިސްމާއިލް އާސިފްއާ ދެމެދެވެ. ހައްމާދަށް ވަޅިން ހަމަލާދޭން ފެށުމުން، އޭނާ ކަނޑަށް ފުންމާލައިގެން ފަތާފައި މާޅޮހަށް އަރައި އެހީތެރިކަން ހޯދީ އެވެ.

ފަނޑިޔާރު ކުރިމައްޗަށް އާސިފް ހާޒިރުކުރުމުން، މި ކުށަށް ވަނީ އިއުތިރާފްވެފައި. މިކަން ހިނގައިދިޔަ ގޮތް ވެސް ވަނީ ކިޔައިދީފައި. ހައްމާދަށް ހަމަލާދިން ވަޅި ވެސް ކަނޑުގެ 15 ވަރަކަށް މީޓަރު އަޑިން އަޅުގަނޑުމެން ވާނީ ހޯދާފައި. --ޕޮލިސް ކޮމިޝަނަރު

މި ހަމަނުޖެހުން ހިނގި އިރު ދޯނީގައި ދެން ހުރި މީހާ ހައްޔަރެއް ނުކުރެ އެވެ. އެކަމަކު މާޅޮހުން ވާހަކަ ދެއްކި މީހުން "މިހާރު" އަށް ކިޔައިދިން ގޮތުގައި، ހައްމާދު ސަމާލަތަށް އެދި ގޮވަމުން މާޅޮހަށް އެރި ފަހުން އޭނާ ހޯދަން ބައްތިން ރަށު ތެރޭގައި އަލިކޮށްގެން ދެ މީހަކު ހިނގި އެވެ. އެ މީހުންނާ ސުވާލުކުރުމުން، ދޯނިން މީހަކު ގެއްލިގެން ހޯދަނީ ކަމަށް ވެސް ބުންޏެވެ.

އާސިފް ހަމަލާދިން ހައްމާދު: އޭނާގެ ބޮލަށާއި ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީފައިވޭ.

އާސިފް އެކަނި ހައްޔަރުކުރި ސަބަބާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވިދާޅުވެފައި ވަނީ، ހައްމާދަށް ހަމަލާދިން އިރު ދެން ތިބި މީހުން ތިބީ ނިދާފައި ކަމަށެވެ. އެ އިޝާރާތް ކުރެއްވީ ހައްމާދާއި އާސިފްގެ އިތުރުން ދޯނީގައި ދެން ހުރި މީހާ އަށެވެ.

އެ މީހާ ނިދާފައި އޮތް ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް ކުޑަ ދޯންޏެއްގެ ތެރޭގައި އެކަން ހިނިގި އިރު އޭނާ އަށް ނޭނގިދާނެ ކަމާ މެދު އެއްބަޔަކު ސުވާލު އުފައްދަ އެވެ. ހަރުކަށި ފިކުރުގެ މީހުންގެ އަމަލުތައް އެނގޭ ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި، އޭނާ ނިދާފައި އޮތް ކަމަށް ބުނެ އާސިފް ސަލާމަތްކޮށްދިނީ އެވެ. އެއީ، އެ މީހުންގެ ތެރޭގައި އޮންނަނީ ހައްޔަރަކާ ހިސާބަށް ހިނގައްޖެ ނަމަ، ކުށުގެ އިއުތިރާފް އެކަކު ނަގާ ގޮތަށް ކަމަށް ވެ އެވެ.

ތަހުގީގަށް ހުރިހާ ވާހަކަތަކެއް ކިޔައިދީފައި ވިޔަސް ތަހުގީގު އަދި ކުރިއަށް ދާތީ، އެ ހަމަލާ ދިން ސަބަބު ކޮމިޝަނަރު ވިދާޅެއް ނުވެ އެވެ. އެކަމަކު، މަޑުއްވަރީގެ ބައެއް މީހުން ކިޔައިދޭ ގޮތުގައި، ހަމަލާއާ ގުޅިފައި ވަނީ އެ މީހުން ކުރިން ކުރި ވައްކަމެކެވެ.

ހަމަލާގެ ކުރިން ޑިންގީއެއް ވަގަށް ނެގުމުން ހުއްޓުވި!

ވަކިން ޖަމާއަތް ހަދައިގެން ނަމާދުކޮށް ފަތުވާތައް ދީ އުޅުމުގެ އިތުރުން މި ގްރޫޕުން ބޮޑެތި ވައްކަންތައް ކުރާ ކަމުގެ ތުހުމަތު ކުރެ އެވެ. ދޯނިތެރޭގައި ހިޔާލުތަފާތުވުން އުފެދި ހައްމާދަށް ހަމަލާ ދިނުމުގެ ދެތިން ދުވަސް ކުރިން، މި ތިން މީހުން ރިސޯޓަކުން ޑިންގީއެއް ވަގަށް ނަގައިގެން އުޅެނިކޮށް ފުލުހުން ހުއްޓުވި ކަމަށް ބުނާ ފޮޓޯތަކަކާއި ވީޑިއޯއެއް "މިހާރު" އަށް ލިބިފައިވެ އެވެ.

ޑިންގީއެއް ވަގަށް ނެގުމުން ހުއްޓުވި ކަމަށް ބުނާ މައްސަލައިގެ ވީޑިއޯ އިން ނަގާފައިވާ ސްކްރީން ޝޮޓެއް.

އެ ވީޑިއޯގައި ފެންނަނީ ހައްމާދަށް ހަމަލާ ދިން އާސިފް ޑިންގީއެއްގެ ތެރޭގައި އޮއްވަ އެވެ. އޭގެތެރޭގައި ފުލުހަކު ވެސް ހުރެ އެވެ. "ތުނބުޅި ބަހައްޓައިގެން ތިހިރީ ކަލޭމެން ކުރާ ކަންތައް، ހެޔޮވާނީ ކިހިނެއްހޭ،" އާސިފަށް އިޝާރާތްކޮށް އެހެން މީހަކު ބުނާ އަޑު އެ ވީޑިއޯގައި އިވެ އެވެ.

ބެލެވޭ ގޮތުގައި އެއީ ޑިންގީ ވަގަށް ނެގި ކަމުގެ ތުހުމަތަށް ބަޔަކު އެ މީހުން ހުއްޓުވައި ފުލުހުންނާ ހަވާލުކުރުމަށް ފަހު ނަގާފައިވާ ވީޑިއޯ އެކެވެ.

އޭގެއިން، ފެންނަ ގޮތުގައި ބޮލުގައި އަތް އުނގުޅަމުން، ވަރަށް ބޮޑަށް އަނިޔާކޮށްފައި ހުރި ކަމަށާއި އޭނާގެ ބައްތި ވެސް ވީ އެ މީހުންގެ އަތުގައި ކަަމަށް އާސިފް ބުނެ އެވެ. އެކަމަކު އޭނާގެ ވާހަކަތައް ގަބޫލުނުކޮށް، އެހެން ބަޔަކު "ފީނަން އޮއްވާހޭ ނެގީ" ސުވާލުކުރާ އަޑު އިވެ އެވެ.

ފޮޓޯތަކުން ފެންނަނީ، ހައްމާދާއި އާސިފްގެ އިތުރުން އެހެން މީހަކު ކުޑަ ދޯންޏެއްގައި ތިއްބަ އެވެ. އެއީ، އާއްމުކޮށް އެ މީހުން ލަނޑާ ނަގަން ގޮސް އުޅޭ ދޯނި ކަމަށް ވެ އެވެ.

ހައްމާދަށް ހަމަލާދިން ކަމަށް ތުހުމަތުކުރާ އާސިފް.

ކޮމިޓީގައި، ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ ގްރޫޕްތަކެއްގައި ދައުރުވާ ހަތަރު ވަރަކަށް ފޮޓޯ އޭނާ އަށް ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ. ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި އިރު، ހައްމާދާއި ދެން ތިބި ތިން މީހުން ވައްކަމުގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތޯ އަދި ފިޔަވަޅެއް އެޅިތޯ ކަށަވަރުނުވާ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

ދައުރުވަމުންދާ އެ ފޮޓޯތަކާއި ވީޑިއޯތަކުގެ މައްސަލަ ބަލާނެ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

ހަރުކަށި ފިކުރުގެ މީހުން ލަނޑާ ނަގަން ގޮސް އުޅޭ ކަމަށް ބުނާ ދޯނި.

ހައްމާދު ކުށުގެ ރެކޯޑު އޮވޭ!

ޖަލުން ނުކުތް ފަހުން، ދީނީ ހަރުކަށި ފިކުރަށް ތަބާވެ ހަރަކާތް ހިންގަމުންދާ ހައްމާދުގެ ކުށުގެ ރެކޯޑާ ބެހޭ ބައެއް މައުލޫމާތު ވެސް ކޮމިޝަނަރު ވަނީ ކޮމިޓީއާ ހިއްސާ ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސެޕްޓެމްބަރު، 22، 2019 ގައި މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނާއި އެހެން ތަކެތި ވައްދަން އުޅޭކަމުގެ މައުލޫމާތު ލިބިގެން އޭނާ ހައްޔަރުކޮށްފައިވެ އެވެ. އޭގެކުރިން، 2012 ގައި ވީޓީވީ އަށް ހަމަލާދީގެން ވެސް އޭނާ ހައްޔަރުކޮށް ހަތް އަހަރަށް ޖަލަށް ލި އެވެ.

ހައްމާދު ހަރުކަށި ފިކުރާ ގުޅުނީ ޖަލު ތެރެއިން ކަމަށް ވެ އެވެ. ޖަލުން ސަލާމަތްވެ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފ. މާއުނގޫދޫ ކައުންސިލް އިދާރާގެ ތިޖޫރި ވަގަށް ނެގި އެވެ. އެ އަމަލު ހިންގީ، ސެކިއުރިޓީ ބަނުމަށް ފަހު ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.

ތަހުގީގަށް ހައްޔަރުކޮށްފައި އޭނާ ދޫކޮށްލީ އެވެ.

ދީނުގެ ނަމުގައި، ބޮޑެތި ކުށްތަކަށް އަރައިގަންނަ ހައްމާދު 12 އަހަރުގެ ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ. ކައިވެނީގެ ނަމުގައި އެ ކުއްޖާ ޖިންސީ ޝިކާރައަކަށް ހަދައި ބަލިވެ އިނދެ މި މަހުގެ ތެރޭގައި ވަނީ ވިހައިފަ އެވެ.

މި މައްސަލަ ވެސް ކަމާބެހާ އިދާރާތަކުން އަންނަނީ ބަލަމުންނެވެ.