ދީބާޖާގެ މައްސަލަ ސުޕްރީމް ކޯޓުގައި މުރާޖައާ ކުރަން އޭޖީ އަށް ދަންނަވަން ކޮމިޓީން ފާސްކޮށްފި

ކޯޓުން ބޭރުން ދީބާޖާ އިންވެސްޓްމަންޓަށް 174 މިލިއަން ރުފިޔާ ދިނުމަށް ސެޓްލްމަންޓް ކޮމިޓީގެ ލަފައާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުން މިވަގުތަށް މަޑުޖައްސައިލުމަށް ފަހު، އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އިތުރު މުރާޖައާ އަކަށް ދިއުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިރޭ ފާސްކޮށްފި އެވެ.


ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އަށް ބަދަލު ދޭން ސަރުކާރުން ނިންމުމުން އެކަމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިންގާފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގެ ގިނަ މެމްބަރުން ތުހުމަތު ކުރައްވަ އެވެ. އެހެންވެ، މިއަދު ހެނދުނު ބޭއްވި އެ ކޮމިޓީގެ ބައްއްދަލުވުމަށް ބަންޑާރަ ނައިބު ރިފްއަތު ހާޒިރުކޮށް، ގިނަ ސުވާލުތަކެއް އޭނާ އަށް ވަނީ ކުރިމަތި ކުރުވައިފަ އެވެ.

އޭގެ ފަހުން، ދީބާޖާގެ މައްސަލައިގައި މިރޭ ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ، މިކަމުގައި ޝާމިލްވާ މީހުން ކޮމިޓީ އަށް ހާޒިރުކޮށް، އެކަމުގައި ޒިންމާވާން ޖެހޭ މީހުން އޮޅުން ފިލުވަން ޖެހޭ ކަމަށެވެ.

ބަންޑާރަ ނައިބު ރިއްފަތާ އެކު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް ރިޔާއަތް ކުރައްވަމުން ޔައުގޫބް ވިދާޅުވީ، ދީބާޖާގެ މައްސަލައިގައި ސަރުކާރުން ބަދަލުދޭން ނިންމާފައިވާ ކަމަށް ބުނާ ބުނުން މަޑު ޖައްސާލައި، އިތުރު މުރާޖައާ އަކަށް ސުޕްރީމް ކޯޓަށް ދިއުމަށް ބަންޑާރަ ނައިބަށް އަންގަންޖެހޭ ކަމަށެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް، މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަން ރިޔާސަތުގައި ފުރުސަތަކަށް އެދިވަޑައިގަންނަވަނީ: ދީބާޖާ އަށް ބަދަލު ދިނުމުގެ ކަންތައްތަކުގައި ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ މެދު ޝައްކު އުފައްދަވާ.---ފައިލް ފޮޓޯ: މިހާރު

"ރިޕޯޓް ތަންކޮޅެއް ލަސްވެދާނެތީ ސިޓީއަކުން ވެސް މިކަން އަންގަން އެދެން. އެހެން ނޫނީ މާދަން ހެނދުނު ހޭލާއިރު ބަދަލު ނުދޭނެ ކަމެއް ވެސް ނޭނގޭ. އެހެންވީމާ އެއީ ވެސް އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް،" ދީބާޖާ އަށް ބަދަލު ދިނުމުގައި ގޮތް ނޭނގޭ ކަންތައްތަކެއް އަޑިއަޑިން ހިންގާފައިވާ ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރައްވާ ޔައުގޫބް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ދުވާލުގެ ބައްދަލުވުމަށް ބަންޑާރަ ނައިބު ރިފްއަތު ހާޒިރުކޮށް، މެމްބަރުން އެންމެ ބޮޑަށް ބާރު އެޅުއްވީ، ދީބާޖާ އަށް ބަދަލު ދިނުމުގެ މައްސަލަ މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ކުރިން ކޮމިޓީ ގައި ވިދާޅުވުމަށް ފަހު އެ ނިންމެވުން ބަދަލު ކުރެއްވި ސަބަބު އޮޅުން ފިލުއްވުމަށެވެ.

މާލިއްޔަތު ކޮމިޓީގެ މެމްބަރުން ބައްދަލުވުމެއްގައި: ދީބާޖާ އަށް ދައުލަތުން ބަދަލު ދޭން ސަރުކާރުން ނިންމި ނިންމުން ގާތުން އަންނަނީ ބަލަމުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

މެމްބަރުންގެ ސުވާލުތަކާ ގުޅިގެން ރިފްއަތު ވިދާޅުވީ، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ދައުލަތުން 348 މިލިއަން ރުފިޔާ ދައްކަން ޖެހޭ އިރު އެ އަދަދުގެ ދެބައިކުޅަ އެއްބައި ކުޑަ ވުމަކީ، ދައުލަތަށް މާލީ ބުރަ ވަރަށް ބޮޑަށް ކުޑަވާނެ ކަމެއް ކަމަށެވެ. ދީބާޖާގެ މައްސަލައިގައި ދައުލަތުން އަމަލުކޮށްފައި ވަނީ ވި އެއްބަސްވުމާ ހިލާފަށް ކަމަށް ވާއިރު އެ ކުންފުންޏަށް އަދުލުވެރި ބަދަލެއް ދޭންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެންބަރުން ވަނީ ދީބާޖާ އަށް ބަދަލު ދިނުމުގެ މައްސަލަ މަޑުޖައްސައިލުމަށް ފަހު، އިތުރު ރިވިއު އަކަށް ސަރުކާރުން ސުޕްރީމް ކޯޓަށް ދިއުމަށް ބަންޑާރަ ނައިބު ރިފްއަތުގެ އަރިހުގައި އެދުމަށް ޔައުގޫބު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރައްވައިފަ އެވެ.

ކުޅުދުއްފުށީ އުުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވި ގޮތުގައި، ކޯޓުން ނިންމި ނިންމުގެ ދަށުން ބޮޑު އަދަދެއް ލިބެން އޮއްވައި އެކަން ދޫކޮށްލައި ދެ ގުނަ ކުޑަ އަދަދެއްގެ ބަދަލެއް ދިނުމަށް ވެސް ދީބާޖާ އިން އެއްބަސްވި ސަބަބު ބަލަން ޖެހެ އެވެ.

"ދަށު ކޯޓުން ނިންމާފައި އޮތް ކަމެއް ގައި، ހައި ކޯޓުން ސަރުކާރާ އެއްކޮޅަށް ނިންމި އިރު ސުޕްރީމް ކޯޓުުން ދަށު ކޯޓަށް ތާއީދު ކޮށްފައި ވަނީ އިޖުރާއަތްތައް ފުރިހަމަ ނުވާތީ،" އޭނާ ވިދާޅުވި އެވެ.

އެހެންވެ، ޔާސިރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމުގައި ދަށު ކޯޓުގެ ހަގީގީ މައްސަލަ އަށް ބަލާފައި ނުވާ ކަމަށާއި މިކަން އަލުން ބެލުން މުހިއްމު ކަމަށެވެ.

މި މައްސަލައިގައި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ، ބަދަލު ދިނުމުގައި ގިނަ މައްސަލަތަކެއް ހުރި އިރު، އޭގެ އެންމެ މައްސަލައެއް ނަމަވެސް ރަނގަޅަށް ނިންމެން ޖެހޭ ކަމަށެވެ.

"މި މައްސަލައާ ގުޅިގެން ވަކި ގޮތަކަށް މައްސަލަ ނިމިއްޖެ ނަމަ އެކިއެކި މަސައްކަތުގެ ފީ ގެ ގޮތުގައި ވަކިވަކި ފަރާތްތަކަށް 100 މިލިއަނަށް ވުރެ މަތިން އަދަދު ކުރެވޭ ގޮތަށް އެބަހުރި. އެހެންވީމާ މިއީ ސީރިއަސް މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.

އާމިރު ވިދާޅުވި ގޮތުގައި، މިފަދަ ކަންކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާ ގައި ދައުރުވާ ލިޔުންތައް ތަހުހީގު ކުރަން ޖެހޭނެ އެވެ.

ދީބާޖާގެ މައްސަލަ އަލުން މުރާޖައާ ކުރުމާ ދެކޮޅަށް ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހަމައެކަނި މެމްބަރަކީ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމެވެ.

"ރިޕޯޓް ތަންކޮޅެއް ލަސްވެދާނެތީ ސިޓީއަކުން ވެސް މިކަން އަންގަން އެދެން. އެހެން ނޫނީ މާދަން ހެނދުނު ހޭލާއިރު ބަދަލު ނުދޭނެ ކަމެއް ވެސް ނޭނގޭ. އެހެންވީމާ އެއީ ވެސް އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް،" ޔައުގޫބް

އޭނާ ވިދާޅުވީ، އަދުލުވެރިކޮށް ކަންކަން ނިންމާކަމުގެ ވާހަކަ ދައްކާ އިރު ކޮމިޓީން ވެސް ނިންމަން ވާނީ އެގޮތަށް ކަމަށެވެ. ދީބާޖާގެ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން މިކަން އިތުރަށް ފުރިހަމަ އަށް ދިރާސާ ކުރުމަށްޓަކައި ސެޓްލްމެންޓް ކޮމިޓީގެ މެމްބަރުން ކޮމިޓީ އަށް ހާޒިރުކޮށް، 174 މިލިއަން ރުފިޔާގެ ބަދަލު ދޭން ނިންމި ސަބަބުތައް ތަފްސީލް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މައްސަލައާ ގުޅޭ ގޮތުން ނިންމުމެއް ނިންމުމުގައި އަޅުގަނޑު ބޭނުން ދީބާޖާއާ އެކު ދިވެހި ސަރުކާރުން ވެފައިވާ އެގްރީމެންޓް ވެސް ބަލަން. އަދި އެޓާނީ ޖެނެރަލް ވަޑައިގެން ވިދާޅުވި، އެގްރީމެންޓާ ހިލާފު ނުވަނީހޭ، ބާތިލް ކުރީ؟ ބަދަލު ދިނުމާ ގުޅޭ ގޮތުން އެގްރީމެންޓް ގައި ހުރި ކަންކަން ބަލަންޖެހޭ،" އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ އެންމެ ސީނިއާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަސްލަމް ވިދާޅުވި އެވެ.

މިރޭގެ ބައްދަލުވުމުގައި، ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވީ ދީބާޖާ އަށް ބަދަލު ދިނުމުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވުމަށެވެ.

އެހެންވެ، ދީބާޖާ އަށް ބަދަލު ދިނުމުގެ މައްސަލަ ސުޕްރީމް ކޯޓު ގައި މުރާޖައާ ކުރުމަށް ބަންޑާރަ ނައިބު ރިފްއަތުގެ އަރިހުގައި އެދުމުގެ އިތުރުން އެ މައްސަލަ ބެލުމަށް އޭސީސީ އާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ވެސް ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން މިރޭ ފާސްކުރި އެވެ.