ޝަމީމްގެ މައްސަލައެއް އޭސީސީ އަށް

ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާފައިވާ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމިއްލަ މީހަކު ހުށަހަޅައިފި އެވެ.


މަގާމުގެ ނުފޫޒުން، މައްސަލައެއްގައި ދައުވާ ނުކުރަން ޝަމީމް ނިންމެވި ކަމަށް ބުނާ މައްސަލަ ހުށަހަޅާފައިވަނީ އޭނާ ޕީޖީ ކަމަށް ކުރިމަތިލެއްވި ހިސާބުންނެވެ. ޕީޖީގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން ރައީސް މަޖިލީހަށް ފޮނުއްވީ ޝަމީމްގެ ނަން އެކަންޏެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޝަމީމްގެ މައްސަލައެއް އިއްޔެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ. އެ މައްސަލަ ބަލަން ނިންމި ކަމެއް އަދި ނޭނގެ އެވެ.

އޭސީސީ އަށް ހުށަހަޅާފައިވާ މައްސަލާގައި ތުހުމަތުކުރަނީ ރާއްޖެ އަށް އެތެރެކުރުން މަނާ ބުދެއް އެތެރެކުރި އަންހެނެއްގެ މައްސަލައިގެ ހެކި ހުއްޓާ ދައުވާ ނުކުރަން އޭރު ޑެޕިއުޓީ ޕީޖީއަކަށް ހުންނެވި ޝަމީމް ނިންމެވި ކަމަށެވެ.

"މިކަން ޝަމީމް ކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ދައުވާ ލިބޭ ފަރާތާ ދެމެދު ލޯބީގެ ގޮތުން ގުޅުން ހިންގައިގެން." އޭސީސީ އަށް ހުށަހެޅި މައްސަލާގައިވެ އެވެ.

އެ ތުހުމަތުތަކާ ގުޅޭ ގޮތުން ޝަމީމް ވިދާޅުވީ ހުރިހާ މައްސަލައެއްގައި ގޮތް ނިންމާފައިވާނީ ޕީޖީގެ ތިން ލޯޔަރުންނަށް އެއްބަސްވެވޭ ގޮތެއްގެ މަތިން ކަމަށެވެ. އެއްބަސް ނުވެވޭ ހާލަތެއްގައި އޭރު ގޮތް ނިންމަވަނީ ޕީޖީއަކަށް ހުންނެވި އަހުމަދު މުއިއްޒު ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ފައިސާ ދިނަސް ދޭން ޖެހޭނީ ތިން ލޯޔަރުންނަށް. އެކަކަށް މައްސަލާގައި ގޮތެއް ނުނިންމޭނެ. އެ ނޫން ގޮތަކަށް އަޅުގަނޑު އެއްވެސް މައްސަލައެއްގައި ގޮތެއް ނުނިންމަން،" ޝަމީމް ވިދާޅުވި އެވެ.

މަޖިލީހުން މިރޭ ޝަމީމާ އިންޓަވިއުކުރުން އެބައޮތެވެ. މަޖިލީޙުން ވަނީ ޝަމީމާ ގުޅޭ ޝަކުވާއެއް އޮތް ނަމަ މާދަމާ ރޭ 8:00 ގެ ކުރިން ޖުޑީޝަރީ ކޮމިޓީ އަށް ހުށަހެޅުމަށް އެދިފަ އެވެ.

ޝަމީމްގެ އިތުރުން އެ މަގާމަށް ކުރިމަތިލެއްވީ، ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތާއި ވަކީލް، އަހްމަދު ޒަނީނެވެ. ނަމަވެސް އެ ބޭފުޅުންގެ ނަމެއް ރައީސް މަޖިލީހަކަށް ނުފޮނުއްވަ އެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް އަމިއްލަ އަށް އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ، މަގާމުން ވަކިކުރަން ނިންމައި، އެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ކުރިއަށް ގެންދަނިކޮށެވެ.