ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމްގެ ނަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ރައީސް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުސްވެފައިވާ ޕީޖީގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން ޝަމީމް، އެ މަގާމަށް އައްޔަން ކުރައްވަން މަޖިލީހުގެ ރުހުން ހޯދަން ފޮނުއްވާފައިވާ ކަމަށެވެ.
ޝަމީމްގެ އިތުރުން އެ މަގާމަށް ކުރިމަތިލެއްވީ، ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތާއި ވަކީލް، އަހްމަދު ޒަނީނެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް އަމިއްލަ އަށް އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ، މަގާމުން ވަކިކުރަން ނިންމައި، އެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ކުރިއަށް ގެންދަނިކޮށެވެ.
މަގާމުގައި ހުންނަވައި ގާނޫނާ ޚިލާފަށް ގިނަ އަމަލުތަކެއް ކުރެއްވި ކަމުގެ ތުހުމަތ ބިޝާމަށް ކުރެ އެވެ. އޭގެތެރޭގައި، ނުހައްގު ދައުވާތައް އުފުލެއްވުމާއި ބައެއް ދައުވާތައް ގޯސް ކަމަށް އަމިއްލަ އަށް ގަބޫލުކުރައްވައި އަނބުރާ ގެންނެވުން ފަދަ ކަންކަން ހިމެނެ އެވެ.