ހުކުމް ތަންފީޒުކޮށް ނިމުމުން ކުރީގެ ރައީސުންނަށް އިނާޔަތް ލިބޭ ގޮތަށް މަޖިލިހުން ފާސްކޮށްފި

ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭ އިނާޔަތް، ޖިނާއީ ކުށެއް ސާބިތުވުމުން ނުލިބޭ ގޮތަށް އޮތް ނަމަވެސް އެ ކުށެއްގެ ހުކުމް ތަންފީޒުކޮށް ނިމުމުން އިނާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.


ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްވީ 58 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެ އިސްލާހާ ދެކޮޅަށް ދެ މެމްބަރަކު ވަނީ ވޯޓު ދެއްވައިފަ އެވެ.

މިހާރު އޮންނަ ގޮތުން އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އެ މަގާމުގައި ހުންނެވި އިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ ނަމަ، އޭނާ އާއި އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތެއް ނުލިބެ އެވެ.

ކުރީގެ ސަރުކާރުން އެ ގާނޫނު އިސްލާހު ކުރީ ކުރީގެ ރައީސް ނަޝީދަށާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އަމާޒުކޮށެވެ. އެ ދެ ބޭފުޅުންނަކީ ޔާމީންގެ ވެރިކަމާ އެންމެ ބޮޑަށް ދެކޮޅުވި ލީޑަރުންނެވެ.

ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށަހެޅުއްވި ބިލަށް މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ގެނައި ބަދަލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ، އޭނާ މަގާމުގައި ހުރިއިރު ނުވަތަ އޭގެ ފަހުން ވިޔަސް، ޖިނާއީ ކުށެއް ކުރި ކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން އެ ކުރި ކުށެއްގެ ހުކުމް ތަންފީޒުކޮށް ނިމެންދެން އޭނާ އާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެ އެވެ.

މި އިސްލާހު މަޖިލިހުން ފާސް ކުރި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ. އެހެންވެ މި އިސްލާހު ތަސްދީގުކޮށްފި ނަމަ ޔާމީނަށް އިނާޔަތާއި ރައްކާތެރިކަން ގާނޫނުގެ ދަށުން ލިބޭނީ ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ.