ޝިފްލާ ކަޓުވާލައި އެމްޑީޕީގެ ޕީޖީން ބޭނުމީ އަލީ ޔޫސުފް ނަގަން

ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ޓީވީ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމް ކަޓުވާލައި، ރާއްޖެ ޓީވީ އާއި "ހަވީރު" ނޫހުގެ ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފް ނެގުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރުމަށް މިއަދު ނިންމައިފި އެވެ.


ނޫސްވެރިކަމުގައި 18 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިޔާ އަލީ ޔޫސުފަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ބޯޑު މެމްބަރުކަމާއި "ހަވީރު"ގެ އެސިސްޓެންޓް އެޑިޓަރުކަން ވެސް އޭނާ ކޮށްފައި ވެ އެވެ. އަދި ނޫސްވެރިކަމުގެ ތަމްތީނުތައް ރާއްޖެ އާއި ރާއްޖެ އިން ބޭރުން އޭނާ ވަނީ ފުރިހަމަ ކޮށްފަ އެވެ. އަލީ ޔޫސުފް އެންމެ ފަހުން ހުރީ ރާއްޖެ ޓީވީގެ ނިއުސް ޑައިރެކްޓަރުގެ މަގާމުގަ އެވެ.

ޝިފްލާ އިބްރާހީމް ވަނީ ބްރޯޑްކާސްޓިން ޖާނަލިޒަމްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވަ އެވެ. އެންމެ ފުރަތަމަ ނިއުސް ޕްރެޒެންޓަރެއްގެ ގޮތުގައި އަދި ފަހުން ނޫސްވެރިއެއްގެ ގޮތުގައި ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތްކޮށް މިހާރު މަސައްކަތްކުރަނީ ސަންގު ޓީވީގަ އެވެ. އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާ އިން ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗެލާސް ޑިގްރީއެއް އަދި އިސްލާމީ ޔުނިވާސިޓީން މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފަ އެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ތިން ފަހަރެއްގެ މަތިން ހުޅުވާލުމާ ގުޅިގެން އެ މަގާމަށް ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލި އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަން ދެއްވާ ތަރުތީބުން އެމަނިކުފާނަށް ފެންނަ ނަންފުޅުތައް މަޖިލިހަށް ވަނީ ފޮނުވައިފަ އެވެ.

އެގޮތުން، ބްރޯޑްކޮމްގެ މެމްބަރު ކަމަށް ފުރަތަމަ ފުރުސަތު ހުޅުވާލީ އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާނާއި މެމްބަރު ހަސަން ނަބާހް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ރައީސް އިސްކަން ދެއްވި ތަރުތީބުން ނަމަ، ކުރި ލިބެނީ ޝިފްލާގެ އިތުރުން، ގ. ޑޭޒީފަހި، މުހައްމަދު ހިލްމީ އަށެވެ. ޝިފްލާ އާއި ހިލްމީއާ އެކު އެ ދެ މަގާމަށް 36 މީހަކު ވަނީ ކުރިމަތިލައިފަ އެވެ.

އަހުމަދު ގައިސް: އޭނާ ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރަން އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ނިންމާފައި.

އެކަމަކު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން 12 ނަމެއް މަޖިލިހުގެ ތަޅުމަށް ފޮނުވި އިރު، އިސްކަން ދިނީ ޝިފްލާ އަށާއި އެމްޑީޕީގެ އެކްޓިވިސްޓް ގދ. ތިނަދޫ ސަނީޑޭލް، އަހުމަދު ގައިސް އަށެވެ. ނަމަވެސް، ރައީސް އިސްކަން ދެއްވި ލިސްޓުގައި ގައިސްގެ ނަން އޮތީ ތިންވަނައިގަ އެވެ. ރައީސް އިސްކަން ދެއްވި ލިސްޓުގައި ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފް އޮތީ ހަތަރު ވަނައިގަ އެވެ.

އެކަމަކު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމުގައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް އަލީ ޔޫސުފް އައްޔަން ކުރަން ފެންނަ ކަމަށް ނިންމައިފަ އެވެ.

އަލީ ޔޫސުފާ އެކު، ދެން އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމީ ގައިސް އާއި ޓީވީ ޕްރެޒެންޓަރު މަރިޔަމް ވަހީދާ އެވެ.

މަރިޔަމް ވަހީދާ އެ މަގާމަށް އައްޔަން ކުރަނީ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވުމާ ގުޅިގެން އޭނާގެ ބަދަލުގަ އެވެ.

ޝަހީބުގެ ބަދަލުގައި އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ހަތަރު ބޭފުޅަކު ކުރިމަތިލެއްވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މަޖިލިހަށް ފޮނުއްވި ސިޓީފުޅުގައިވާ ގޮތުން ލިސްޓްގެ އެންމެ ކުރީގައި އޮތީ ވެސް މަރިޔަމް ވަހީދާގެ ނަމެވެ.

މަރިޔަމް ވަހީދާ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަރިޔަމް ވަހީދާ ވަނީ މީޑިއާގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވައިފަ އެވެ. ރާއްޖޭގައި ހުންނަވާ ސްވިޑެންގެ އޮނަރަރީ ކޮންސުލްގެ މަގާމުގައި ވެސް ހުންނެވި މަރިޔަމް ވަހީދާ އަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ބޯޑުގެ ވެސް މެމްބަރެކެވެ. މަރިޔަމް ވަހީދާ ޓީވީއެމްގައި ގިނަ އަހަރުތަކެއް ވަންދެން ޚަބަރާއި ޕްރޮގްރާމުތައް ހުށަހެޅުއްވި އެވެ.

ބްރޯޑްކޮމްގައި މިހާރު ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ މެމްބަރު ޒީނާ ޒާހިރު، އައިމިނަތު ސަރާހަތު އިއްޒަތު އަދި އަމްޖަދު ވަހީދެވެ. އެހެންވެ، އެ ކޮމިޝަން މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ.