ހުޅުމާލޭގައި 48 ސީސީޓީވީ ކެމެރާ ވަނީ ހަރުކޮށްފައި: އެޗްޑީސީ

ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަމަށް 48 ސީސީޓީވީ ކެމެރާއެއް ހަރުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.


އެ ކުންފުނިން މިހެން ބުނީ، ހުޅުމާލޭގެ ރީތިގަސް މަގުގައި ރޭ މީހަކަށް ހަމަލަދީ މަރާލުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

އދ. މާމިގިލީ، ގާސިމް ހަސަނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި ވަނީ ގަސް ގިނަ އަދި ރޭގަނޑު ވަރަށް އަނދިރިކޮށް އޮންނަ ރީތިގަސް މަގުގަ އެވެ. އެއް ބަޔަކު ތުހުމަތުކުރާ ގޮތުގައި، ގާސިމް 59، މަރާލީ، މީހެއްގެ ހިލަމެއް ނުވާ އެ މަގަށް ރަހީނުކޮށްގެން ގެންދިއުމަށް ފަހު އެވެ. އެކަމަކު ފުލުހުން އަދި މިކަން ކަށަވަރެއް ނުކޮށްދެ އެވެ.

މި މަރާ ގުޅިގެން އެޗްޑީސީ އަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. އެއީ ހުޅުމާލޭގެ މަގުތައް އަނދިރިކޮށް އޮންނަ މައްސަލަ އަށް ހައްލު ނުހޯދުމާއި އެކަށީގެންވާ މިންވަރަކަށް ސީސީޓީވީ ކެމެރާތައް ހަރުކޮށްފައި ނެތް މައްސަލައިގަ އެވެ.

މި ފާޑުކިޔުންތަކާ ގުޅިގެން، އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ ހުޅުމާލޭގެ ރައްކާތެރިކަން އިތުރުކުރަން ފުލުހުންނާ އެކު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

"މުޅިއަކު 48 ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ އިރު 25 ކެމެރާ އަކީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކުރެވިގެން އެ ފަރާތްތަށް އެންމެ އެކަށީގެންވާ ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ކެމެރާތަކެވެ. މީގެ އިތުރުން ހަރުކޮށްފައިވާ 23 ކެމެރާ އަކީ އާއްމުންގެ ކަންކަން މި ކޯޕަރޭޝަނުން ބެލުމަށްޓަކައި އާއްމުންނަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ޕާކުތަކާއި ބައެއް ޕާކިން ޒޯންތަކުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކެވެ،" ބަޔާނުގައިވެ އެވެ.

ހުޅުމާލެ އަލިކުރަން ވެސް މަޝްރޫއެއް ފަށާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އެތަނުން ބުނީ އަނދިރި ކަމަށް ފާހަގަކުރެވޭ ބައެއް މަގުތަކުގައިި އަންނަނީ ލައިޓްތައް ހަރުކުރަމުން ކަމަށެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމްކޮށްދޭން އެކި އިދާރާތަކާ އެކު މަސައްކަތް ކުރަމުން އަންނަ އިރު ރޭ ހިނގައިދިޔަ ފަދަ ހާދިސާތައް މަދުކުރަން އާއްމުން އެއްބާރުލުން ދިނުމަށް ވެސް އެޗްޑީސީން އެދެ އެވެ.