ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އުސޫލު އިސްލާހު ކުރަން ހުށަހަޅަނީ

ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އުސޫލުތަކަށް ބަދަލު ގެނައުމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމެނޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.


ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވައިފަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނިގޮތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އުސޫލު އިސްލާހު ކުރުމުގެ އިތުރުން ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރޭ އަމުރުތައް ކޮންމެ 30 ދުވަހަކުން މުރާޖާ ކުރަންޖެހޭ ގޮތަށް ލާޒިމް ކުރުން އެ ބިލުގައި ހިމެނޭނެ ކަމަށެވެ. އަދި ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި އެ ގާނޫނުގައި ހިމެނޭ ކުށްތަކުގެ ތެރޭގައި މުހިންމު ބައެއް ކުށްތައް ނުހިމެނޭތީ އެ ކުށްތައް އިތުރު ކުރުން ވެސް ހިމެނޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން ވަކީލުން އައްޔަން ކުރަން ދެވޭ ފުރުސަތު އިތުރަށް ފުޅާ ކުރުމާއި ތަންތަނާއި ބަންދުގައި ތިބޭ މީހުން ބަލައި ފާސް ކުރުމަށް އޮންނަ ބާރު އިތުރަށް ތަފްސީލު ކުރުމާއި ހައްޔަރު ކުރުމަށް ފަހު އަމަލު ކުރަންޖެހޭ އުސޫލު އިތުރަށް ތަފްސީލު ކުރުން ވެސް އެ ބިލުގައި ހިމެނޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އުސޫލުތައް އިސްލާހު ކުރަން އެ ބިލުގައި ހިމެނިއިރު، ޝަރީއަތް ނިމެންދެން ބަންދު ކުރަން ނެރޭ އަމުރުތައް ކޮންމެ 30 ދުވަހަކުން ޕްރޮސެކިއުޓާ ޖެނެރަލް ވެސް ރިވިއު ކުރަންޖެހޭ ގޮތަށް ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ ސިޔާސަތުގައި ބަންޑާރަ ނައިބު ކުރިން ވަނީ ކަނޑައަޅުއްވައިފަ އެވެ.