ފުލުހުން ތަރައްގީކޮށް، ޖަލުގެ ހާލަތު ރަނގަޅުކުރަން ތުރުކީން އެހީވަނީ

ފުލުހުންގެ ޚިދުމަތާއި ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން ތުރުކީން އެހީތެރިވާން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.


ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިހާރު ތުރުކީ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ގައުމުގެ ދާޚިލީ ވަޒީރު ސުލޭމާން ސޮއިލޫއާ ވަނީ ބައްދަލު ކުރައްވައިފަ އެވެ.

އެ ބައްދަލު ކުރެއްވުމާ ގުޅޭގޮތުން ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ ފުލުހުންގެ ޚިދުމަތާއި ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން ތުރުކީން އެހީތެރިވެދޭނެ ކަމަށް އެ ގައުމުގެ ދާޚިލީ ވަޒީރު ވިދާޅުވި ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުން ވެސް އެ ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ފުލުހުންގެ ޚިދުމަތާއި ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން ތުރުކީން އެހީވާން ނިންމިއިރު، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލޭ ޖަލުގެ ބައެއް ވެސް މަރާމާތަށް ފަހު އަލުން ހުޅުވާފައިވާއިރު، ދޫނިދޫ ޖަލުގެ ބައެއް ވެސް ވަނީ އަލުން މަރާމާތު ކުރުމަށް ތަޅާލައިފަ އެވެ.