ނަޝީދު ތާޖް މަހަލް އަށް ޒިޔާރަތް ނުކުރައްވަނީ އަނބިކަނބަލުންނަށް ވަޑައިނުގެންނެވޭތީ!

ރައްޔިތުންގެ މަޖިލިހުގެ ބޮޑު ވަފްދަކާ އެކު މާދަމާ އިންޑިއާ އަށް ފައްޓަވާ ރަސްމީ ދަތުރުފުޅުގައި ތާޖް މަހަލް އަށް ވަޑައިނުގަތުމަށް ނިންމެވީ އަނބިކަނބަލުން ލައިލާ އަލީއާ އެކު ވަޑައިނުގެންނެވޭތީ ކަމަށް މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.


މަޖިލިހުގެ ތިން ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ ފައްޓަވައި ދެއްވަމުން ނަޝީދު އިއްޔެ ވިދާޅުވީ އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މަޖިލިހުގެ ސިޔާސީ ޕާޓީތައް ތަމްސީލް ކުރައްވާ މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް 15 ބޭފުޅުންގެ ވަފްދެއް އެ ގައުމަށް ދާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ، އިންޑިއާ ދަތުރުފުޅުގައި އެ ގައުމުގެ އާސާރީ އަދި ގަދީމީ އެކި ތަންތަނަށް ވަޑައިގަތުމަށް ދަތުރުގެ އެޖެންޑާގައި އޮތް ނަމަވެސް، ތާޖު މަހަލް އަށް ޒިޔާރަތް ނުކުރައްވާނެ ކަމަށެވެ. އެކަމަކު، ތާޖް މަހަލް އަށް ވަޑައިނުގަތުމަށް ނިންމެވި ސަބަބެއް އޭރު ނަޝީދު ވިދާޅެއް ނުވެ އެވެ.

"އަޅުގަނޑުމެންގެ ވަރަށް ގިނަ ހަފްލާތަކާއި މަސައްކަތްތައް އެބައޮތް. އޭގެ ތެރޭގައި ތާޖު މަހަލް ބަލައިލަން ދިޔުމާއި އަދިވެސް އެހެން މި ބާވަތުގެ ތަންތަނަށް ދިއުން ހިމެނޭ. އަޅުގަނޑު ގަސްދު ކުރަނީ ތާޖު މަހަލް ބަލައިލަން ނުދާން،" ނަޝީދު ވިދާޅުވި އެވެ.

އެކަމަކު، މަޖިލިހާއި ޕީއެސްއެމް ގުޅިގެން ބޭއްވި "އާސްކް ސްޕީކަ" ޕްރޮގްރާމްގައި ތާޖް މަހަލް އަށް ވަޑައިނުގަތުމަށް ނިންމެވި ސަބަބާ ގުޅޭ ގޮތުން ޕްރެޒެންޓަރު އަދި މަޖިލީހުގެ އިދާރާގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ތާޖު މަހަލް އަށް ވަޑައިނުގަންނަވަން ނިންމެވީ، އަނބިކަނބަލުން ލައިލާއާ އެކު އެ ތަނަށް ވަޑައިނުގެންނެވޭތީ ކަމަށެވެ.

"އެއީ ލައިލާއާ އެކު އަޅުގަނޑަށް އެތަނަށް ނުދެވޭތީ. އެހެންވީމަ ލައިލާއާ ނުލާ ނުދާން ވެގެން،" ހިނިފުޅުވަޑުވެމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެކަމާ ބެހޭ ގޮތުން އިތުރު އެއްވެސް ވާހަކަފުޅެއް ނުދައްކަވަ އެވެ.

ދުނިޔޭގެ އެންމެ ތާރީހީ ލޯބީގެ އެއް ބިނާ ކަމަށްވާ އަދި ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ވެސް ހިމެނޭ ތާޖު މަހަލް އަކީ އިންޑިއާގެ މުސްލިމު ރަސްކަލެއް ކަމަށްވާ ޝާހު ޖަހާން އޭނާގެ އެންމެ ލޯބިވާ އަނބިމީހާ މުމްތާޒު މަހަލްގެ ހަނދާނުގައި ބިނާކުރި ބިނާއެކެވެ.

ގިނަ ބަޔަކު ސިފަ ކުރާ ގޮތުގައި ތާޖް މަހަލް އަކީ ލޯބީގެ ރަމްޒެކެވެ. ތާޖް މަހަލް އަކީ ދުނިޔޭގައި ވެސް ޓޫރިސްޓުންގެ އެންމެ މަގްބޫލް އެއް ތަނެވެ. ތާޖް މަހަލް އަށް ދުވާލަކު 70،000 މީހުން ޒިޔާރަތް ކުރެ އެވެ.