އެމްޑީޕީގެ އެކްޓިވިސްޓަކަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަން ގޮވާލައިފި

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަން އެ ޕާޓީން ފުލުހުންނަށް މިއަދު ގޮވާލައިފި އެވެ.


ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، ސޯޝަލް މީޑިއާގައި "ނައުޓީމެޓޮކްސް" ގެ ނަމުން މަޝްހޫރު އެ ޒުވާނާ އަށް މަރުގެ އިންޒާރު ދީފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކަމަށެވެ.

ސ. ހިތަދު އަށް އުފަން އެ ޒުވާނާ ކުރި ޓުވީޓެއްގައި ބުނީ، އޭނާ އަށް އިންޒާރު ދިނީ ހެންވޭރު މަޖީދީ މަގުން ޔޫރޯ ސްޓޯރު ކުރިމަތީގައި ސައިކަލް ޕާކް ކުރަނިކޮށް، ސައިކަލެއް ގައި ދިޔަ ދެ މީހަކު ކަމަށެވެ. އޭނާގެ ޓުވީޓުގައި ވާ ގޮތުން އެ ދެ މީހުން މަރުގެ އިންޒާރު ދިނީ ދީނާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކަކާ ގުޅިގެންނެވެ.

އެ ޒުވާނާ ބުނިގޮތުގައި، "އައްޑޫ ގައި ހުއްޓަސް މަރާލާނެ" ކަމަށް ބުނެ އެ ދެ މީހުން އޭނާ އަށް އިންޒާރު ދިނެވެ. މި މައްސަލަ އޭނާ ވަނީ އިއްޔެ ފުލުސް އޮފީހަށް ހުށަހަޅައިފަ އެވެ.

މި މައްސަލައިގައި އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، ހިޔާލު ތަފާތުވާ ވަގުތު އަނިޔާވެރިކަން އިސްކުރުމަކީ މި ޒަމާނުގައި މީހުން ކޮށް އުޅޭ ކަމެއް ނޫން ކަމަށެވެ. އަދި މިކަމަކީ ސީރިއަސްކޮށް ބަލަން ޖެހޭ ޖިނާއީ ކުށެއް ކަމަށާއި މިފަދަ ކަންކަމުގައި އުފެދޭ ރުޅިވެރިކަމާ ގުޅިގެން މީގެ ކުރިން މީހުންގެ ފުރާނަ އަށް ގެއްލުން ވެފައިވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ

"ނައުޓީމެޓޮކްސް" އަށް މަރުގެ އިންޒާރު ދިން މައްސަލަ ކުށްވެރިކޮށް އެމްޑީޕީން ވަނީ، ދެބަސްވާ ނުވަތަ ހިޔާލު ތަފާތުވާ ވަގުތުތަކުގައި އަނިޔާވެރިކަމުގެ ބަދަލުގައި މަޝްވަރާ ކޮށްގެން ހައްލެއް ހޯދަން މަސައްކަތް ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.

"... އެހެންކަމުން، މި އަމަލު ހިންގި ފަރާތް ހޯދައި، އެކަށީގެންވާ ގާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ގޮވައިލަމެވެ. މިއާ އެކު، ދެބަސްވުމާއި ހިޔާލު ތަފާތުވުމުގެ ކުރިމަތީގައި ބުއްދި އާއި ހިކުމަތް ކުރިއަށް ނެރެ، މަޝްވަރާ އާއި ނަސޭހަތުގެ އިސްލާމީ ރިވެތި އުސޫލު ކުރިއަށް ނެރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރަމެވެ،" ބަޔާނުގައި ވެ އެވެ.