ޔާމީންގެ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ރައީސާ ބައްދަލުކޮށްފި

މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވެ، ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އިދިކޮޅު ކޯލިޝަންގެ އިސްވެރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.


ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ އެދުމަކަށް ރައީސް އެބޭފުޅުންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އެކަމަކު، އެ ބައްދަލުވުމާ ގުޅޭ މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާ އެކު، ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާން މައުމޫނާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވަ އެވެ.

ޕީޕީއެމް/ޕީއެންސީގެ އިސްވެރިންނާ ނުގުޅޭތީ، މި ބައްދަލުވުމާ ގުޅޭ ގޮތުން އެ ފަރާތުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިދިކޮޅު ކޯލިޝަނުން ރައީސާ ބައްދަލުކުރައްވަން ނިންމީ މަނީ ލޯންޑަރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. އެ ބައްދަލު ކުރެއްވުމެ ބޭނުމަކީ ޔާމީނާ ދޭތެރޭ ރަނގަޅަށް ކަންތައް ކޮށްދެއްވުމަށް އެދިވަޑައިގަތުމެވެ.

ނަމަވެސް ބައްދަލުކުރެއްވުމުގައި އެދިވަޑައިގަތީ ކޮންކޮން ކަމަކާ ގުޅޭގޮތުން ކަމެއް އަދި ސާފެއް ނުވެ އެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. މި ދައުވާގައި، ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ވަނީ ޖޫރިމަނާކޮށްފަ އެވެ. ޔާމީންގެ މައްޗަށް އިއްވި ހުކުމް، ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ. އެކަމަކު، އަދި ހައި ކޯޓުގައި އިސްތިއުނާފުގެ އަޑުއެހުންތައް ނުފަށަ އެވެ.

ޔާމީނަށް ކުރި ހުކުމް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގަބޫލެއް ނުކުރެ އެވެ. އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އެއީ އިންސާފުން ބޭރުން، ސިޔާސީ މަގްސަދެއްގައި ކުރި ހުކުމެކެވެ. އެހެންވެ، އެ ހުކުމް ބާތިލްކޮށް، ޔާމީން ވަގުތުން މިނިވަން ކުރަން ޖެހޭނެ ކަމަށް އިދިކޮޅުން ދެކެ އެވެ.