ޔާމީންގެ މައްސަލައިގައި އިދިކޮޅު ފަރާތްތައް ރައީސްގެ އަރިހަށް

މަނީ ލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.


"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު ހަތަރެއް ޖަހާ އިރު، ރައީސް އޮފީހުގަ އެވެ. މި ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާ އެކު، ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެ އެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. މި ދައުވާގައި، ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ވަނީ ޖޫރިމަނާކޮށްފަ އެވެ. ޔާމީންގެ މައްޗަށް އިއްވި ހުކުމް، ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ. އެކަމަކު، އަދި ހައި ކޯޓުގައި އިސްތިއުނާފުގެ އަޑުއެހުންތައް ނުފަށަ އެވެ.

ޔާމީނަށް ކުރި ހުކުމް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގަބޫލެއް ނުކުރެ އެވެ. އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އެއީ އިންސާފުން ބޭރުން، ސިޔާސީ މަގްސަދެއްގައި ކުރި ހުކުމެކެވެ. އެހެންވެ، އެ ހުކުމް ބާތިލްކޮށް، ޔާމީން ވަގުތުން މިނިވަން ކުރަން ޖެހޭނެ ކަމަށް އިދިކޮޅުން ދެކެ އެވެ.

ޔާމީން މިނިވަން ކުރުމުގެ މަސައްކަތުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ އިސް ބޭފުޅަކު ނަން ނުޖަހާ ގޮތަށް "މިހާރު" އަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އެކު އޮންނަ ބައްދަލުވުމުގައި، ކަރެކްޝަނަލް ސާވިސް އިން ޔާމީނާ މެދު އަމަލު ކުރާ ގޮތް ހިއްސާ ކުރައްވާނެ ކަމަށެވެ.

ޔާމީންގެ ޖަލު ހުކުމް ތަންފީޒު ކުރައްވާ އިރު، ވީހާ ވެސް ރަނގަޅަކަށް އެމަނިކުފާނާ ދޭތެރޭގައި އަމަލުކޮށް ދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާލެ ޖަލުގައި ޔާމީން ބެހެއްޓި އިރު، އެމަނިކުފާނާ މެދުގައި އަމަލު ކުރީ ވަރަށް އިހާނެތިކޮށް. އެއްވެސް ކަހަލަ ރަހުމެއް ނެތި. މާލެ ޖަލުގައި ބަހައްޓާފައި ހުރި ތަނުގެ ގޮތުން ހިތްހަމަނުޖެހުންތަކެއް ހުރި،" ޔާމީންގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ޔާމީނަށް ސަރުކާރުގެ ފަރާތުން ލުޔެއް ދިނުމަށް. ޔާމީން އުޅުއްވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅުގައި. މައިބަދައިގައި ރިއްސާތީ އުޅުއްވަނީ. ރައީސް ކަން ކުރައްވާފައި ހުންނެވި ބޭފުޅަކަށް ވާތީ، އެމަނިކުފާނަށް ލުއިތަކެއް ލިބެން ޖެހޭނެ."

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ސަޕޯޓަރުން ކޮންމެ ރެއަކު ދަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ. އެމަނިކުފާނު ހުންނަވަނީ މާފުށީ ޖަލުގެ ސްޕެޝަޕް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ)ގަ އެވެ. އެއީ، ޔާމީންގެ ވެރިކަމުގައި ކޯޓުތަކުން ހުކުމް އިއްވި ސިޔާސީ ބޭފުޅުން ބައިތިއްބަން ހާއްސަކޮށް ހެދި ތަނެކެވެ.