ޖާބިރުގެ ގެސްޓް ހައުސް އާއި ރެސްޓޯރަންޓް ޚާއްސަ ކުރަނީ އަރަބި ޓޫރިސްޓުންނަށް

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހަރަދުގައި ކ. ގާފަރުގައި އިމާރާތް ކުރަމުން އަންނަ ގެސްޓް ހައުސް އާއި ރެސްޓޯރަންޓް ޚާއްސަ ކުރާނީ ދިވެހިންގެ އިތުރުން އަރަބި ޓޫރިސްޓުންނަށް ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.


ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހު، ވިޔަފާރިވެރިޔާ ޖާބިރު ވަނީ އެ ދާއިރާގެ އަނެއް ރަށް ގާފަރުގައި ތިން ބުރީގެ ގެސްޓް ހައުސް އަކާއި ރެސްޓޯރަންޓެއްގެ މަސައްކަތް ފައްޓަވައިފަ އެވެ. އެ ދެ ތަނުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ހަމައަށް ގޮސްފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޖާބިރުގެ ވިސްނުން ހުރީ ގާފަރު، ހުރިހާ ވަސީލަތްތަކާ އެކު ތަރައްގީ ވެފައި އޮތް ކުޑަ ސިޓީއަކަށް ހެދުމަށެވެ. ކޭބަލް ކާރުން ކާށިދު އާއި ގާފަރު ގުޅައިލުމަކީ އޭނާ އެ ދާއިރާގެ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދެވެ.

ގެސްޓް ހައުސް އާއި ރެސްޓޯރަންޓުގެ އިތުރުން ޖާބިރުގެ ޚަރަދުގައި ގާފަރުގައި އަންނަނީ ހިނަވާގެއެއް ވެސް ހަދަމުންނެވެ.

ޒަމާނީ ފެންވަރަކަށް ގާފަރުގައި ހަދަމުން އަންނަ އެ ތަންތަނުގެ ތެރެއިން ގެސްޓް ހައުސް އާއި ރެސްޓޯރަންޓު ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ކުރީކޮޅެވެ. އަދި ހިނަވާގެ ހުޅުވަނީ ފެބްރުއަރީ މަހު އެވެ.

ޖާބިރު "މިހާރު" އަށް ވިދާޅުވީ އަލަށް ހުޅުވަން ތައްޔާރުވަނީ 11 ކޮޓަރި ހިމެނޭ 30 އެނދުގެ ގެސްޓް ހައުސްއެއް ކަމަށެވެ. އޭނާގެ އަމާޒަކީ އެ ރަށުގައި ޓޫރިޒަމް ފުޅާކުރުން ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. އަދި ވިދާޅުވިީ، ހޮޓަލާއި ރެސްޓޯރަންޓު ހަދަނީ ދިވެހިންގެ އިތުރުން އަރަބި ޓޫރިސްޓުންނަށް ހިދުމަތް ދެވޭ ފެންވަރަށް ކަމަށެވެ.

ޖާބިރުގެ ހަރަދުގައި އަޅަމުން އަންނަ ރެސްޓޯރަންޓުގެ ބައެއް. --- ފޮޓޯ: މިހާރު

"ރެސްޓޯރަންޓުގައި އިންނާނެ ޝީޝާ ބާއެއް. ކެފެޓޭރިއާއެއް ހުންނާނެ. އަންހެނުންނަށް ހާއްސަ ބައެއް އެތަނުގައި ހުންނާނެ. އެއީ 200 މީހުންގެ ޖާގައިގެ ތަނެއް،" ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރުކަން ވެސް ކުރައްވާ ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިނަވާގެ ހަދަނީ މޯޗަރީއަކާ ވެސް އެކު އެވެ.

އެ ހުރިހާ މަޝްރޫއުތަކަށް ގާތްގަނޑަކަށް 11 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވިދާޅުވި އެވެ. އެއީ ގާފަރުގައި މިހާރު ހަދާފައިވާ އޭނާގެ އަމިއްލަ ގެ "ޖާބިރުގެ" އަށް ދިޔަ ހަރަދާ ވެސް އެކު އެވެ.

ޖާބިރު އިއްޔެ ވަނީ ގާފަރުގައި ހޭންޑްބޯޅަ ކުޅުމަށް ހެދި ދަނޑު ހުޅުއްވައި ދެއްވައިފަ އެވެ. އަދި ކުރިއަށް އޮތް ރޯދަ މަސް އައުމުގެ ކުރިން އެ ދަނޑު ޓާފް ދަނޑަކަށް ބަދަލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާފަރުގައި ހަދަމުން އަންނަ ހިނަވާގެ. --- ފޮޓޯ: މިހާރު

ޖާބިރު ވިދާޅުވީ ގާފަރަކީ ޓޫރިޒަމްގެ ސިނާއަތް ކުރިއަރާފައިވާ ތަނަކަށް ހަދަން ބޭނުންވާ ކަމަށެވެ. އަދި އެ ތަނުގައި ހުރިހާ ވަސީލަތްތަކެއް ގާއިމު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފަސް އަހަރު ތެރޭގައި ރައްޔިތުން އެދޭ ފަދަ ބަދަލެއް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާފަރުގެ ގިނަ މީހުން އާމްދަނީ ހޯދަން ގޮސް އުޅެނީ މަހަށެވެ. އެއީ މަސްވެރި އާއިލާތަކެއް ދިރިއުޅޭ ރަށެކެވެ. ޖާބިރު މަސްވެރި އެ އާއިލާތަކަށް ވެސް ދެއްވީ އުންމީދީ ވާހަކަތަކެކެވެ.

"އަޅުގަނޑު ބޭނުން ވަނީ ސީދާ ގާފަރުން މަސް ވިއްކޭ ގޮތަށް އަދި މަސް އެކްސްޕޯޓް ކުރެވޭ ގޮތަށް ހަދަން. މަސްވެރިންނަށް ދެރަ ގޮތެއް އަޅުގަނޑު ނުހަދާނަން. އެމީހުންގެ ޝަކުވާތައް އެންމެ ރަނގަޅަށް އެނގޭ އެކަކު މިއީ. އެމީހުން އެއްވެސް ގޮތަކަށް މާޔޫސްވާނެ ކަމެއް ނެތް،" ޖާބިރު ވިދާޅުވި އެވެ.

ގާފަރަށް އުމްރާނީ ތަރައްގީތަކެއް ގެނައުމަކީ ވެސް ޖާބިރު އެންމެ ބޭނުންވާ އެއް ކަމެވެ.

"އަޅުގަނޑުގެ ޕްލޭނެއް އެބައޮތް. ގާފަރު ބަދަލުކޮށްލަން ބޭނުން ވަނީ ޑޮލަރު ލިބޭ ވަޒީފާގެ ފުރުސަތުތައް ފަހިވެފައި އޮންނަ ސިޓީއަކަށް. އެކަން ވާނެ،" ޖާބިރު ވިދާޅުވި އެވެ.

ގާފަރު އަންހެނުންގެ ޓީމަކަށް ޖާބިރު އިއްޔެ ބޯޅައެއް ހަދިޔާ ކުރައްވަނީ. --- ފޮޓޯ: މިހާރު

"މިހާރު" އާ ވާހަކަ ދެއްކި ގާފަރުގެ ބައެއް މީހުން ވެސް ބުނި ގޮތުގައި ރަށުން މިހާރު ފެންނަމުންދާ މަންޒަރުތަކުން ޖާބިރަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް ކަމަށެވެ. ޖާބިރަކީ ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް ގެންނާނެ ފަދަ ގާބިލް ލީޑަރެއްގެ ގޮތުގައި އެމީހުން ސިފަ ކުރެ އެވެ.

"ކާށިދޫ ދާއިރާގެ މެމްބަރު ކަން މީގެކުރިން އެތައް ބޭފުޅަކު ކުރެއްވި. އެކަމަކު، އެ ބޭފުޅުން މަސައްކަތް ނުކުރައްވާ ވަރަށް ޖާބިރު އެބަ މަސައްކަތް ކުރައްވާ. ޖާބިރު ދައްކަވަނީ ހިޔާލީ ވާހަކަތަކެއް ނޫން ކަން މި ރަށަށް ބަލާލީމަ ވެސް ފެންނާނެ،" އެ ރަށަށް އުފަން އަހުމަދު ރަޝީދު 34 ބުންޏެވެ.

ގާފަރުގައި ތަރައްގީގެ އިތުރު މަޝްރޫއުތައް ފަސޭހަކަމާ އެކީގައި ހިންގޭނީ ޖާބިރު ވިދާޅުވި ގޮތުގައި އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ގާފަރު ކައުންސިލަށް ޑީއާރުޕީގެ ޓިކެޓުގައި ވާދަކުރައްވާ ބޭފުޅުން އިންތިހާބުކޮށްގެންނެވެ. ޑީއާރުޕީ ފިޔަވައި އެހެން ޕާޓީއެއްގެ ކައުންސިލަރުން ގާފަރު ކައުންސިލަށް ހޮވިއްޖެ ނަމަ، ތަރައްގީ އަށް ހުރަސް އެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާފަރު އަންހެނުންގެ ފަރާތުން ޖާބިރަށް އިއްޔެ ހާއްސަ ހަދިޔާއެއް ދެއްވަނީ. --- ފޮޓޯ: މިހާރު

"މެމްބަރާ އެކީގައި މަސައްކަތް ކުރެވޭނެ ކައުންސިލަރުން ގާފަރުގައި ތިބެން ޖެހޭނީ. އަންނަ އަހަރު ކައުންސިލަށް ބޮޑެތި ބާރުތަކެއް ވެސް އެބަ ލިބޭ. އެ ބާރުތައް ނުލިބިއްޖެ ނަމަ، އަޅުގަނޑުމެން މަޑުން ނުތިބޭނަން،" ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާފަރުގައި ތިބީ ހިތްހެޔޮ، އޯގާތެރި ބައެކެވެ. ގާފަރުގައި ދިރިއުޅޭ އަންހެނުންގެ ފަރާތުން ޖާބިރަށް ދެއްވި ހާއްސަ ހަދިޔާ އިން އޭނާ އެކަން ފާހަގަ ވެސް ކުރެއްވި އެވެ.