އިންތިޚާބު ކާމިޔާބު ކުރަން ބޭރުގެ އެހީ ލިބުނު ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން ގޮވާލައިފި

މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ބޭރު ބައެއް ގައުމުތަކުގެ އެހީ ލިބުނު ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން އިދިކޮޅު ކޯލިޝަނުން މިއަދު ގޮވާލައިފި އެވެ.


ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގައި އިންޑިއާގެ އެހީތެރިކަން ލިބުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ވަނީ ބޭރުގެ މީޑިއާއެއްގައި ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ނެރުނު ބަޔާނެއްގައި ވަނީ ނަޝީދުގެ އެ ވާހަކަފުޅުތަކުން ރިޔާސީ އިންތިޚާބު އިންސާފުވެރި ނޫން ކަމުގެ އިތުރު ހެކި ލިބިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ބޭރު ބައެއް ގައުމުތަކުން އަމަލުކުރި ކަމަށް ބުނާ ބުނުމަކީ ސީރިއަސް ކަންތައްތަކެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އެހެންވެ، ވީހާ ވެސް އަވަހަކަށް އެކަން ތަހުގީގު ކުރަން ޖެހޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.

އިންޑިއާގެ އެހީތެރިކަން އިންތިޚާބު ކާމިޔާބު ކުރުމުގައި ލިބުނު ކަމަށް ވިދާޅުވެ، އެކަމަށް ނަޝީދު ޝުކުރު އަދާ ކުރައްވާފައި ވުމުން ރާއްޖޭގެ މުއައްސަސާތަކަށް ބިރު ދައްކައިގެން އިންތިޚާބީ ނިޒާމަށް ނުފޫޒު ފޯރުވާފައިވާކަން އެނގޭ ކަަމަށް ވެސް ޕީޕީއެމް/ޕީއެންސީން ބުނެ އެވެ. އަދި އެކަންކަމުގެ ހަގީގަތް ބެލުމަށް ސަރުކާރާއި ޕްރޮސެކިއުޓާ ޖެނެރަލަށް ވެސް އިދިކޮޅުން ގޮވައިލި އެވެ.

އޭގެ ކުރިން 2008 ވަނަ އަހަރާއި 2013 ވަނަ އަހަރު އިންސާފުވެރި އިންތިޚާބެއް ބާއްވާފައިވާ ކަމަށާއި ނަޝީދުގެ އެ ވާހަކަފުޅުތަކުގެ ސަބަބުން ޑިމޮކްރަސީއާ މެދު ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމަށާއި އެކަންކަން ލަސް ކުރުމެއް ނެތި ބަލަން ޖެހޭނެ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.