ފޮރުވައިގެން ގެންގުޅުނު 26 ފޮށިގަނޑުގެ ކަހަނބުފަތް އަތުލައިގެންފި

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަހަނބުގެ ފަތްތަކެއް 26 ފޮށިގަނޑަކަށް އަޅާފައި ހުއްޓާ މާލެ އާއި ތ. ބުރުނީން އަތުލައިގެންފި އެވެ.


އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ފަޒީމް ވިދާޅުވި ގޮތުގައި މިދިޔަ ހޯމަ ދުވަހު ބުރުނީ ގެއެއް ބަލައި ފާސްކޮށް، ކަހަނބު ފަތް އަޅާފައި ހުރި 17 ފޮށިގަނޑު ވަނީ ފެނިފަ އެވެ.

މާލެ އިން ކަހަނބު ފަތްތައް އަޅާފައި ހުރި ނުވަ ފޮށިގަނޑު ފެނުނީ ރޭ ހިންގި އޮޕަރޭޝަނެއްގައި ފިހާރައެއްގެ ގުދަން ބަލައި ފާސް ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. ކަހަނބު ފަތްތަކުގެ އަދަދާއި މި އެއްޗެހި ފެނުނީ ބުރުނީ އާއި މާލޭގެ ކޮން ގުދަނަކުން ކަމެއް ފުލުހުން ނުބުނެ އެވެ.

"މިއީ މާލޭގައި ހުންނަ ފިހާރައެއްގެ ގުދަނަކުން ގެނެސްފައި ހުރި ތަކެތި ކަމަށް އެ ގޭ (ބުރުނީން މި ތަކެތި ފެނުނު ގޭގެ) ވެރިފަރާތުން ބުނެފައިވޭ،" ފަޒީމް ވިދާޅުވި އެވެ.

"މި މައްސަލާގައި ގުދަނުގެ ވެރިމީހާ އާ ސުވާލު ކުރުމުން މި ތަކެއްޗަކީ ބާޒާރުގައި ހުރި ފިހާރައަކުން ހުސް ކުރަމުން ދަނިކޮށް ފެނުނު ތަކެތި ކަމަށް ބުނެފައިވޭ. އަދި އުކާނުލާ ބަހައްޓާފައި ހުރީ ކަމަށް ބުނެފައިވޭ،" އޭނާ ވިދާޅުވި އެވެ.

މިފަހަކަށް އައިސް ވެލާ ކަހަނބު ފަދަ ތަކެތި މަރައި އެ ތަކެތި ވިޔަފާރީގެ ގޮތުގައި އާއި އެނޫން ވެސް ގޮތް ގޮތަށް ބޭނުން ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މިފަދަ އަމަލުތައް ހުއްޓުވުމަށް ފުލުހުން ތަމްރީންކޮށް އާންމުން ހޭލުންތެރިކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ކަންކަން މިހާރަކަށް އައިސް އެކި މީހުން ކުރަމުން އަންނާތީ ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކުގެ ދަށުން އެފަދަ މީހުން ހޯދައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ބާވަތެއް ކަމަށްވާ ރަތް މުރަކައިގެ 42 މުރަކަ ހެންވޭރު ގެއަކުން ވަނީ އަތުލައިގެންފަ އެވެ. މި މުރަކަތައް އަތުލައިގަތީ ހެންވޭރު ބޮޑުރަސްގެފާނުމަގުގައި ހުރި ގޯޅިއެއްގެ ތެރޭގައި ހުރި ގެއެއްގައި ފުޅިމަދު ފޮށިގަނޑުތަކަކަށް އަޅައި، އަވީގައި ހިއްކަން ބަހައްޓާފައި ވަނިކޮށެވެ.