ޔޫއޭއީގެ އެމްބަސީ އަށް ހުޅުމާލެ އިން ބިމެއް ދޫކޮށްފި

ރާއްޖޭހައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތައް އެއް ތަނެއްގައި ހެދުމަށް ހުޅުމާލޭގެ ދެވަނަަ ފިޔަވަހިން ކަނޑައެޅި "ޑިޕްލޮމެޓިކް އެންކްލޭވް" އިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މިއަދު ބިމެއް ދޫކޮށްފި އެވެ.


މީގެ ކުރިން އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް އަދި ޗައިނާ އަށް ވެސް ވަނީ ޑިޕްލޮމެޓިކް އެންކްލޭވް އިން ބިން ދޫކޮށްފަ އެވެ. އެކަމަކު، އެއްވެސް ތަނަކަށް ދޫކުރި ބިމުގެ ބޮޑުމިނާއި އިތުރު ތަފްސީލެއް ދިވެހި ސަރުކާރަކުން ހާމައެއް ނުކުރެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޑިޕްލޮމެޓިކް އެންކްލޭވްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައަޅައި އެ ތަނުގައި ޑިޕްލޮމެޓިކް މިޝަންތައް ގާއިމް ކުރަނީ ގިނަ ގައުމުތަކުގައި ކަން ކުރާ އުސޫލުން، އެމްބަސީތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ފަސޭހަ އަށް ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް ގާއިމްކުރަނީ މާލެ އަކީ މިހާރު ވެސް ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަނަކަށްވުމާ އެކު، ރާއްޖޭގައި ކުރިމަގުގައި ވެސް ގިނަ ގައުމުތަކެއްގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުވާ އިރު، ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވާނެތީ ކަމަށް މިނިސްޓްރީން ބުންޏެވެ.

މާލޭގައި ޑިޕްލޮމެޓިކް މިޝަންތަކުގެ ވެހިކަލްތައް ޕާކްކުރުމަށް ދިމާވާ ޖާގައިގެ ދަތިތަކަށް ވެސް މިކަމުގެ ސަބަބުން ލުއިތަކެއް ލިބޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މީގެ ކުރިން އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް އަދި ޗައިނާ އަށް ވަނީ ޑިޕްލޮމެޓިކް އެންކްލޭވް އިން ބިން ދޫކޮށްފަ އެވެ.

ޑިޕްލޮމެޓިކް އެންކްލޭވުން ފުރަތަމަ ބިން ދޫކުރީ އިންޑިއާ އަށެވެ. އެ ގައުމުން މިހާރު ވަނީ އެތަނުގައި އެމްބަސީގެ އިމާރާތުގެ ބިންގާ ވެސް އަޅައިފަ އެވެ.