ބްރޯޑް ކޮމްގެ ރައީސް މަރީ، ސަރުކާރުގެ ހަފުލާއެއް ހުށައެޅުއްވުމުގައި!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުން ސަރުކާރުގެ ހަފުލާތަކުގެ އިންތިޒާމްތަކުގައި އުޅުއްވުމުން ފާޑުކިއުން ބޮޑުވެފައި އޮއްވާ، އާ ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ރޭ ސަރުކާރުގެ އިވެންޓެއް ހުށައެޅުއްވުމުން، ސުވާލު އުފެދިއްޖެ އެވެ.


ޓޫރިޒަމްގެ ބޭނުމަށް ދޫކުރާނެ އާ ރަށްތައް އިއުލާނު ކުރަން ދަރުބާރުގޭގައި ރޭ ބޭއްވި "ބުރަބި" ހަފްލާ ހުށައަޅުއްވާ ދެއްވީ ޕްރެޒެންޓްކުރުމުގައި މަޝްހޫރުކަން ހޯއްދަވާފައިވާ މަރީ އެވެ.

އާ ސަރުކާރުން ރާއްޖޭގެ ވެރިކަމާ ހަވާލުވީ މިނިިވަން މުއައްސަސާތައް މިނިވަންކޮށްދީ، އެއްވެސް ފަރާތަކަށް ނުޖެހޭނެ މެމްބަރުން ލާނެކަމުގެ ޔަގީންކަމާ އެކުގަ އެވެ. ނަމަވެސް ކުރީ ސަރުކާރުގައި އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވި ބްރޯޑްކޮމްގެ ރައީސްގެ މަގާމަށް އައްޔަންކުރިތާ މާ ގިނަ ދުވަހެއް ނުވެ، ސަރުކާރުގެ ހަފުލާއެއް ހުށައަޅުއްވަން މަރީ ހުންނެވުމުން، ބައެއް މީހުންގެ ފާޑުކިއުން ވެސް ވަނީ އަމާޒުވެފަ އެވެ.

ޕްރެޒެންޓަރެއްގެ ގޮތުން މަރީ ފެނުނީ ސަރުކާރުގެ މިނިސްޓަރުންނަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާ ތަނެވެ. އެގޮތުން ރައީސް އޮފީހުގެ މިނިސްޓަރު އަދި ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީގެ ގޮތުގައި ބެލެވޭ މަސްއޮޑި އަހުމަދު ނަސީމާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ވާހަކަ އަށް މަރީގެ ތައުރީފްގެ ބަސްތައް އޮއްސާލެއްވި އެވެ.

ޔާމީންގެ ސަރުކާރުން ރަސްފަންނުގައި ބޭއްވި ހަފްލާއެއް އިންތިޒާމްކުރުމުގެ ކަންކަމުގައި ބްރޯޑްކޮމްގެ އޭރުގެ މެމްބަރު ފާތިމަތު ޒައިނާ އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމުން އޭރުގެ އިދިކޮޅު ފަރާތްތަކުން އެކަން ބޮޑު މައްސަލައަކަށް ހެދި އެވެ.

މަރީގެ އަމަލުން ކުރީ ސަރުކާރުގެ އިސް ވެރިންނަށް މިހާރު ވަނީ ސުވާލު އުފައްދަވާނެ ފުރުސަތު ލިބިވަޑައިގެންފަ އެވެ. އޭގެ ބޭނުން އެންމެ ފުރަތަމަ ހިއްޕެވީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މިހާރުގެ މެމްބަރު އާދަމް ޝަރީފެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި އެއްސެވީ "ބްރޯޑްކޮމް މިނިވަންކަމާ އެކު މިހާރު މަސައްކަތްކުރޭ ހެއްޔެވެ؟" މި ސުވާލެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރު އޮތް އިރު އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުން ދިޔައީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނެ އެވެ.

އާދަމް ޝަރީފް ކުރެއްވި ޓުވީޓު.

"މިހާރު ބްރޯޑްކޮމް މަސައްކަތް ކުރަނީ މިނިވަންކަމާ އެކުތޯ އެވެ؟ އެ ތަން އޮތީ ސަރުކާރުގެ ނުފޫޒުގެ ތެރޭގައިތޯ އެވެ؟ އެ ތަނުގެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓޭތޯ އެވެ؟" ޓްވީޓްގައި އާދަމް ޝަރީފް އެއްސެވި އެވެ.

މި މައްސަލާގައި މަރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ހަމައެކަނި މަރީއެއް ނޫނެވެ. އާ އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ، މި ފަހުން ކުރެއްވި ޓްވީޓަކާ ގުޅިގެން ވެސް، ފާޑުކިއުންތައް އަމާޒުވި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދާދި ފަހުން މޮރޮކޯ އަށް ކުރެއްވި ރަސްމީ ދަތުރުގައި އެ ގައުމުން ހަދިޔާއަކަށް ދިން ކާޕެޓް އޭނާގެ ގެއަށް ގެންދެވި ކަމަށް އަޑުފެތުރުނެވެ. އެކަމަކު އެ ވާހަކަ ފޮރިން މިނިސްޓްރީން ވަނީ ދޮގުކުރައްވައިފަ އެވެ.

ސަރުކާރުގެ އޮފީސްތަކުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަމާ މެދު ވާހަކަ ދައްކަވަން ފިޔާޒް މިނިސްޓްރީއަށް ވަޑައިގެން ޝާހިދާ ބައްދަލުކުރެއްވި އެވެ. އޭގެ އިތުރުން، އޭނާގެ ޓްވީޓުން އެނގެނީ، މިނިސްޓްރީގެ ގުދަނަށް ވެސް ވެންނެވި ކަމެވެ.

އެ ބުނާ ދޫލައަކާ އެކު ނެންގެވި ފޮޓޯއެއް ހިމަނުއްވައި ފިޔާޒު ކުރެއްވި ޓްވީޓްގައި ލިއުއްވީ މިނިސްޓްރީގެ ގުދަނުގައި އެ ކާޕެޓް އޮތް ކަމަށެވެ.

Foreign Minister @abdulla_shahid geah gendhevi kamah thuhumathu kuri carpet @MoFAmv ga oiytho balaali iru, e ofeehuge gudhanugai eba oiy.
ފިޔާޒް ކުރެއްވި ޓުވީޓު.

އޭނާގެ އެ ޓްވީޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުމާ ކުރިމަތިވި އެވެ. ބައެއް މީހުން ބުނީ "ފިޔާޒު މިހާރު މަސައްކަތް ކުރައްވަނީ ރާއްޖެ ޓީވީގައި ނޫން" ކަމަށާއި ޕްރޮފެޝަނަލިޒަމް ހިފެހެއްޓެވުމަށެވެ.

އަނެއް ބަޔަކު ސުވާލުކުރީ "ތިޔައީ އެ ކާޕެޓްކަން މަނިކުފާނަށް ޔަގީންވީ ކިހިނެއްތޯ" އެވެ.

"ކާޕެޓް ދެއްވި ދަތުރުގައި ބައިވެރިވިންތޯ އެވެ؟" އެކަކު ސުވާލުކުރި އެވެ.