ގާނޫނާ ޚިލާފް ނިންމުންތަކުގައި ފާއިޒް ބައިވެރިވެވަޑައިގަތްތޯ ޖޭއެސްސީން ބަލަނީ

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާ މެދު ލަފާ ދިނުމުގެ ކުރިން، އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ކުރިން ނިންމި ނިންމުންތަކުގައި އޭނާ ބައިވެރިވެ ވަޑައިގަތްތޯ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.


އުއްތަމަ ފަނޑިޔާރު މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން ވަކިި ކުރައްވާފައިވާ ފާއިޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިން އޮތީ އެދިވަޑައިގެންފަ އެވެ.

އެކަމާ ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނެއްގައިވަނީ ފާއިޒް އުއްތަމަ ފަނޑިޔާރުގެ މަގާމާއި އޭގެކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައި ހުންނެވިއިރު އެ ކޯޓުން އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ގާނޫނާ ޚިލާފަށް ނިންމި ނިންމުންތަކުގައި އޭނާ ބައިވެރިވެ ވަޑައިގަތް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެކަމުގައި ބައިވެރިވި އެހެން ފަނޑިޔާރުން މަގާމުން ވަކި ކޮށްފައިވާތީ އެކަންކަމުގައި ފާއިޒްގެ ބައިވެރިވެ ވަޑައިގަތްތޯ އާއި ބައިވެރިވުން އޮތީ ކިހާ މިންވަރަކަށްތޯ ބެލުމަށް ފަހު އޭނާގެ ނަމާ މެދު ރައީސަށް ލަފާ އަރުވަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމަށް ފަހު އެކަމަށް އެކުލަވާލި ކޮމެޓީން ނިންމި ނިންމުން ކޮމިޝަނަށް ބަލައިގަތުމަށް ވެސް ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެކަމަކު ކުރިމަތިލި ބޭފުޅުންނަކީ ކޮބައިކަން އަދި ކޮމެޓީގެ ނިންމުމަކީ ކޮބައިކަން ޖޭއެސްސީން އަދި ހާމައެއް ނުކުރެ އެވެ.

ސުޕްރީމް ކޯޓުން ގާނޫނާ ޚިލާފަށް ނިންމި ނިންމުންތަކުގައި ފާއިޒް ބައިވެރިވެ ވަޑައިގަތްތޯ ބެލުމަށް ޖޭއެސްސީން ނިންމިއިރު، ގާނޫނާ ޚިލާފަށް އެ ކޯޓުން ނިންމި ނިންމުންތަކާ ގުޅިގެން އެ ކޯޓުގެ ބައެއް ފަނޑިޔާރުން ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ނިންމުންތައް ސުޕްރީމް ކޯޓުން ނިންމިއިރު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވީ ފާއިޒެވެ. އެކަމަކު އެފަދަ ގިނަ މައްސަލަތަކުގައި އަޣުލަބިއްޔަތު ފަނޑިޔާރުންނާ އޭނާގެ ރައުޔު ތަފާތެވެ.

އުއްތަމަ ފަނޑިޔާރަކަށް ހުންނަވަނިކޮށް ފާއިޒް މަގާމުން ދުރުކުރީ ކޯޓުތަކުގެ ގާނޫނަށް 2014 ގައި ގެނައި އިސްލާހެއްގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ކުޑަކުރަން ކަމަށް ބުނެ އެވެ. އޭނާގެ އިތުރުން އޭރު އެ ކޯޓުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވެސް ވަކިކުރި އެވެ.

އެކަމަކު އުއްތަމަ ފަނޑިޔާރުގެ މަގާމަށް މުއުތަސިމް މިހާރު ވަނީ އައްޔަން ކުރައްވައިފަ އެވެ. އުއްތަމަ ފަނޑިޔާރު މުއުތަސިމްގެ އިތުރުން އެ ކޯޓުގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.