ހުޅުމާލޭ ހޮސްޕިޓަލްގައި ޗައިނާ އިން ލޮލުގެ ފަރުވާދޭ ސެންޓަރެއް ހުޅުވަނީ

ހުޅުމާލޭ ހޮސްޕިޓަލްގައި ޗައިނާ ސަރުކާރުން ގާއިމްކޮށްދޭ ލޮލުގެ ފަރުވާދޭ މަރުކަޒު މި މަހު ހުޅުވާނެ ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ޒާން ލިއޮން މިއަދު ވިދާޅުވެއްޖެ އެވެ.


ހުޅުމާލެ ހޮސްޕިޓަލްގައި ޗައިނާ ސަރުކާރުން ގާއިމްކޮށް، އެ ގައުމުގެ އެހީއާ އެކު ހިންގަން ހަމަޖެހިފައިވާ ލޮލުގެ ފަރުވާދޭ މަރުކަޒުގައި އިސްކޮށް އުޅުއްވަނީ، ސަފީރު ވިދާޅުވި ގޮތުގައި، ޑރ. ޗެން ވެއިރޮންގް އެވެ. އޭނާއާ ބައްދަލުކުރެއްވުމަށް ފަހު ސަފީރު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މި މަހުގެ މެދުތެރޭގައި ހުޅުވަން ތައްޔާރުވަމުން އަންނަ އެ މަރުކަޒަކީ ރާއްޖޭގައި އަދި އެފަދަ ދެވަނައެއް ނެތް މަރުކަޒަކަށް ވާނެ ކަމަށެވެ.

ޒާން ވިދާޅުވި ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމްކުރާ މަރުކަޒުން ލޮލުގެ ގިނަ ބަަލިތަކަކަށް ފަރުވާދޭނެ އެވެ. އެގޮތުން ލޯފުސްވުން، ގުލުކޯމާ، އޮސްކިއުލާ ސާފޭސް ޑިޒީޒް ފަދަ މައްސަލަތަކަށް އެ މަރުކަޒުން ފަރުވާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މަރުކަޒުގައި އިސްކޮށް އުޅުއްވާ ޑރ. ޗެން ވެއިރޮންގް އަކީ ސަފީރު ވިދާޅުވި ގޮތުގައި، ފާއިތުވި 30 އަހަރު އެ ދާއިރާގައި މަސަައްކަތް ކުރައްވާފައިވާ އަދި އެ ދާއިރާގެ މަޝްހޫރު ޑޮކްޓަރެކެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރުގެ ޓުވީޓު

"އޭނާ ވަނީ ލޮލުގެ ފަރުވާ ކުރުމުގައި 30 އަހަރު ހޭދަކުރައްވާފައި އަދި ލޯ ފުސްވުމާއި ލޮލަށް ދިމާވާ އެހެންް މައްސަލަަތަކާ ގުޅޭ އޮޕަރޭޝަންތައް ހިމެނޭ ގޮތުން 100،000 އަށް ވުރެ ގިނަ އޮޕަރޭޝަން އޭނާ ވަނީ ކުރައްވާފައި،" ޓްވީޓްގައި ސަފީރު ވިދާޅުވި އެވެ.

ރާއްޖޭގައި ދޭ ލޮލުގެ ފަރުވާގެ ފެންވަރު ރަނގަޅުކުރަން ޗައިނާ އިން އެހީވުމުގެ އެއްބަސްވުމެއްގައި މިިދިޔަ ޖުލައި މަހު ދެ ގައުމުން ސޮއިކުރި އެވެ. ހުޅުމާލޭ ހޮސްޕިޓަލްގައި ލޮލުގެ ފަރުވާގެ މަރުކަޒެއް ގާއިމްކުރަނީ އެ އެއްބަސްވުމުގެ ދަށުންނެވެ.