ހަތިޔާރު ތޫނުކޮށްގެން މަގުމައްޗަށް ނުކުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވުމުން އެތައް ބަޔަކު އޭނާ އަށް ފާޑުކިޔައި އެ މައްސަލަ ބަލަން ކަމާއި ބެހޭ އިދާރާތަކަށް ގޮވާލައިފި އެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ލަތީފް ވިދާޅުވީ، މި ސަރުކާރު ވެރިކަން ކުރަން ދީގެން ނުތިބެވޭނެ ކަމަށެވެ. އަދި ވިދާޅުވީ މަގުމައްޗަށް ނުކުމެ، ގާނޫނީ އިމުގެ ތެރެއިން މި ސަރުކާރު ވައްޓާލާނެ ކަމަށާއި އެ ނޫން ގޮތެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، މަގުމައްޗަށް ނުކުންނާނީ ކެރިގެން ހިތްވަރާ އެކު އަދި ހަތިޔާރުތައް ތޫނު ކޮށްގެންނެވެ.
"ހަތިޔާރުތައް ތޫނުކޮށްގެން ނުކުންނާނީ. ހަތިޔާރު ހިފައިގެން ނުކުންނާނީ ސަރުކާރު ޖަވާބުދާރީ ކުރުވަން. އެ ނޫން ކަމެއް ދެން ނުކުރާނަން. އެއީ ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ކަންކަން. އެކަން ކުރާނީ ގާނޫނީ އިމުގެ ތެރެއިން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް ގެންނަން، އޭރުގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އިސްވެ މަސައްކަތް ކުރެއްވި ލަތީފް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ، މަގުމައްޗަށް ނުކުމެ، "މި ސަރުކާރު ހަމަ ބިމަށް ގެންނާނަން" ކަމަށެވެ.
"ސަރުކާރު ތިރި ކުރާނަން. ސަރުކާރު ކުދިކޮށް ކޮށައިގެން އަޅުގަނޑުމެން ހޯދާނަން. ގާނޫނީ އިމުގެ ތެރެއިން މި ސަރުކާރު ވައްޓާލާނަން،" ލަތީފް ވިދާޅުވި އެވެ.
ލަތީފް އެގޮތަށް ވިދާޅުވުމުން ސޯޝަލް މީޑިއާގައި އެއް ބަޔަކު ވަނީ އެއީ ޖިނާއީ ކުށެއް ކަމަށް ބުނެ އެކަން ފުލުހުން ތަހުގީގު ކުރަން ގޮވާލައިފަ އެވެ. އަދި އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ވެސް ބައެއް މީހުން ސިފަ ކޮށްފައިވެ އެވެ. އެހެންވެ، ލަތީފް ހައްޔަރު ކުރުމަށާއި ވަގުތުން ފިޔަވަޅު އެޅުމަށް ބައެއް މީހުން ގޮވާލާފައި ވެ އެވެ.
ޕީޕީއެމްގައި ހުންނެވުމަށް ފަހު ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތް މަޖިލީހުގެ 12 މެމްބަރުންގެ ތެރޭގައި ލަތީފް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެކަމަކު މިހާރު އޭނާ ވަނީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ހަރަކާތްތަކާ ގުޅިވަޑައިގެންފަ އެވެ. އަދި ޔާމީންގެ ދިފާއުގައި ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.