މުހައްމަދު ޔޫސުފް ހޯދަން ފީނި ސަރަހައްދުން ފެނުނު ވަޅި. ފޮޓޯ:އެމްއެންޑީއެފް
09 ޖެނުއަރީ 2020 - 17:12
މާލެ އަތޮޅު ކަގި ކައިރީގައި އޮތް ފަރަކަށް އުރިފައިވާ ދޯނީގެ ކައްޕި މުހައްމަދު ޔޫސުފް ހޯދަން އެމްއެންޑީއެފްގެ ޑައިވަރުން މިއަދު ފީނި ސަރަހައްދުން ކަޅުކޮތަޅަކަށް ލާފައި އޮތް ވަޅިއަކާއި ފޯނެއްގެ ބައިތަކަކާއި އަދި ތުވާލި ކޮޅެއް ފެނިއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް ދެންމެ ވިދާޅުވީ، ވަޅިއަކާއި އިލެކްޓްރޯނިކް ބައެއް ސާމާނު ލާފައި އޮތް ކަޅު ކޮތަޅެއް ފެނުނީ އެ ސަރަހައްދުގެ ކަނޑުގެ 41 މީޓަރު އަޑިން ކަމަށެވެ. ތުވާލިކޮޅު ފެނުނީ 48 މީޓަރު އަޑިން ކަމަށް އޭނާ ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި އެ ތުވާލި ކޮޅުފައި ލޭގެ އަސަރު ހުއްޓެވެ.
ކައްޕި މުހައްމަދު ހޯދަން ސިފައިންގެ ޑައިވަރުން މިއަދު ފީނި ސަރަހައްދުން ފެނުނު ހުދު ކުލައިގެ ތުވާލިކޮޅު: މި ތުވާލިކޮޅުން ރަތްކުލައިގައި އެ ފެންނަނީ ލޭ ކަމަށް އެނގިފައިވޭ.
އާޒިމް ވިދާޅުވި ގޮތުގައި، އެ ތަކެތި ފުލުހުންނާ ހަވާލު ކުރުމުގެ ކަންކަން މިހާރު ކުރިއަށް އެބަދެ އެވެ. އަދި ވިދާޅުވީ، ފުރިހަމަ މައުލޫމާތު އެނގޭނީ ފުލުހުންގެ ތަހުގީގަށް ފަހު ކަމަށެވެ.
ދޯނީގައި ތިބި ބިދޭސީން އިއްޔެއާ ހަމަައަށް ދޯނީގައި ތިބި ނަމަވެސް މިހާރު އެމީހުންނެއް ނެތެވެ. އެކަމަކު އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަން ނުވަތަ ނޫންކަން އަދި ކަށަވަރެއް ނޫނެވެ.
ޓީޓީއެސް ފާނަ ދޯނިން ގެއްލުނު، އެ ދޯނީގެ ކައްޕި.
ހދ.ކުޅުދުއްފުށި، ހަވީރީނާޒް، މުހައްމަދު 37، ގެއްލުނުކަން ދޯނީގެ ފަޅުވެރިން ކޯސްޓް ގާޑަށް އެންގީ މިދިޔަ ހޯމަ ދުވަހު ހެނދުނެވެ. އަދި މުހައްމަސދު ދަތުރުކުރި "ޓީޓީއެސް ފާނަ" ދޯނި ފަރަށް އަރާފައި އޮތްކަން އެނގުނީ އޭނާ ހޯދަން ސިފައިން އެ ސަރަހައްދަށް ދިއުމުންނެވެ. ނަމަވެސް، އެ ސަރަހައްދުން ދަތުރުކުރި ބައެއް އުޅަނދުތަކުގެ ކައްޕިން ބުނާ ގޮތުގައި އެ ދޯނި ފަރަށް އެރީ މިދިޔަ އާދީއްތަ ދުވަހު އެވެ.
މުހައްމަދު ގެއްލުނު ގޮތް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ތަހުގީގު ކުރިއަށް ގެންދާތީ އަދި ވަކި އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ.
ކައްޕި މުހައްމަދު ހޯދަން ސިފައިންގެ ޑައިވަރުން މިއަދު ފީނި ސަރަހައްދުން ފެނުނު ވަޅި ދައްކާލަނީ.
އެނގިފައިވާ ގޮތުގައި މުހައްމަދު ގެއްލުނު ހާދިސާގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް އެބަހުއްޓެވެ.
ދޯނި ފަރަށް އެރިތާ މާ ފަހުން ސިފައިންނަށް ރިޕޯޓް ކުރުމާއި ކައްޕި ގެއްލުނު ގޮތާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އޭނާ މޫދަށް ވެއްޓުނީ ކަމެއް ނުވަތަ އަމިއްލަ އަށް މޫދަށް ފައިބައިގެން އުޅެނިކޮށް ގެއްލުނީ ކަމެއް ވެސް ސާފެއް ނުވެ އެވެ.
މުހައްމަދު ހޯދަން އެމްއެންޑީއެފްގެ ޑައިވަރުން ފީނާ ސަރަހައްދުގެ ޗާޓު ވަނީ މީޑިއާއާ ހިއްސާ ކޮށްފަ އެވެ. އެ ޗާޓުން ފެންނަނީ، ދޯނި ފަރަށް އަރާފައި ހުރި ހިސާބުން، ކަތްގާ ދިމާއަށް ޑައިވަރުން ފީނަމުން ދާ ކަމެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ ކަގި ކައިރިއަށް ދާން އޭނާ ފީނި ކަމެވެ.
ޓީޓީއެސް ފާނަ ދޯންޏަކީ މުދާ އުފުލުމާއި މުދާ ރައްކާ ކުރުމުގެ މަސައްކަތް ކުރާ ޓީޓީއެސް ކުންފުނިން ދުއްވާ އުޅަނދެކެވެ. އެއީ ދިގު މިނުގައި ގާތްގަނޑަކަށް 100 ފޫޓް ހުރި ދޯންޏެކެވެ. ދޯނި ފުންކުރުމުގެ މަސައްކަތް ޓީޓީއެސް އިން މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. .
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔަބޭ
10 January 2020
މައްސަލައަކާ ގުޅުންހުރެދާނެކަމަށް ޝައްކު ކުރެވޭ އެއްޗެއްގައި އެވިޑެންސް ކޮމްޕްރޮމައިޒް ވެދާނެގޮތަކަށް އަތްލާ ހަދައިގެން ނުވާނެ. ވަޅިން އެއްވެސް އެއްޗެއް ނުލި ބިދާނެ. ނަމަވެސް ތިމާއަށް މީހަކު ދިން ވެލެންޓައިން ގިފްޓަކަށް ބަލާހެން އަތަށް ވަޅިލައިގެން އެއަށް ބަލަން އިނުމަކީ ހަޑިކަމެއް.
ދޮންމަނިކުބެ
10 January 2020
ބިރުވެރިކަމުގެ އިންތިހާ އަށް ރާއްޖެ ހިގައްޖެ. ހިތާމައިގެ ކޮޅެއްވެސް ނެތް
އާރީ
09 January 2020
ސުވާލަކީ ދޯނީގަތިބި ބަގުލާދޭސް ދެމީހުން މިހާރު ކޮބާހޭ? އެމީހުން ތިބީ ހައްޔަރުކޮށްފަހޭ? ނޫނީ ދޫކޮށްލާފަހޭ?
ހެހެހެ
09 January 2020
ރަނގަޅަށް އިންވެސްޓިގޭޓް ނުކޮށް މިކަހަލަ ހަބަރު މީޑިޔާ އަށް ދޭތަ؟
ލުބްލާ
09 January 2020
އެވިޑެންސް އެ ހޭންޑްލް އެކުރަނީ އަންގި ބޭނުން ނުކޮށް... ޕިސް ޕިސް.
ސިކުނޑި
09 January 2020
ތަހުގީގަށް އެހީތެރިކަން ލިބޭ އެއްޗެހީގެ ވަހަކަ އެހާވަރަށް މީޑިއާއާއި ހިއްސާ ކޮށްގެން ނުވާނެ! މިމައްސަލައާގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތުދެވޭނީ ފުލުހުންނަށް! ސިފައިންނަކީ މުޅިން އެހެންދާއިރާއެއްގައި މަސައްކަތް ކިރާބައެއް! ސާރޗް އެންޑް ރެސްކިއުގައި ސިފައިން އުޅުނަސް މުޅި ކޭސް ލީޑް ކުރަން ޖެހޭނީ ފުލުހުން ކަމަށްދެކެމު.